ގެމްބިޔާގައި ކުރިއަށްދާ ސަމިޓުގައި، ރައީސް ޑރ މުހަންމަދު މުއިއްޒުގެ ޚާއްސަ މަންދޫބުގެ ގޮތުގައި ޑރ. މުޙަންމަދު ޝަހީމް އަލީ ސައީދު ބައިވެރިވެވަޑައިގަތުން. ފޮޓޯ: ރައީސް އޮފީސް

އިޒްރޭލު ޖަވާބުދާރީ ކުރުވަން އިތުރަށް މަސައްކަތް ކޮށްދިނުމަށް އިސްލާމީ ގައުމު ތަކަށް ރާއްޖެއިން ގޮވާލައިފި

އިޒްރޭލު ޖަވާބުދާރީ ކުރުވަން އިތުރަށް މަސައްކަތް ކޮށްދިނުމަށް އިސްލާމީ ގައުމު ތަކަށް ރާއްޖެއިން ގޮވާލައިފި

ފަލަސްތީނާ ދެކޮޅަށް އިޒްރޭލުން ކުރިއަށްގެންދާ ލާއިންސާނީ ޖަރީމާތަކަށް އިޒްރޭލު ޖަވާބުދާރީ ކުރުވުމުގައި އިތުރަށް މަސައްކަތް ކޮށްދިނުމަށް އިސްލާމީ ގައުމުތަކަށް ދިވެހި ރާއްޖެއިން ގޮވާލައިފިއެވެ.

ރާއްޖެއިން މިފަދައިން ގޮވާލީ، އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ) އިން އިންތިޒާމްކޮށްގެން ގެމްބިޔާގެ ވެރިރަށް ބަންޖުލްގައި މިއަދު ފަށާފައިވާ، އިސްލާމީ ޤައުމު ތަކުގެ އެންމެ އިސްވެރިންގެ 15 ވަނަ ސަމިޓު (އިސްލާމިކް ސަމިޓު) ގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ޚާއްސަ މަންދޫބެއްގެ ހައިސިއްޔަތުން ސަމިޓުގައި ބައިވެރިވެވަޑައިގެންނެވި މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑޮކްޓަރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ.

ރައީސްގެ ޚާއްސަ މަންދޫބު، ޑރ ޝަހީމްގެ ވާހަކައިގައި ދާއިމީ ގޮތެއްގައި ހަނގުރާމަ ހުއްޓާލުމަށާއި، އެކަށީގެންވާ ގޮތެއްގައި އަދި ވީ އެންމެ އަވަހަކަށް އިންސާނީ އެހީތެރިކަން ފަލަސްޠީނުގެ ރައްޔިތުންނަށް ފޯރުކޮށް ދެއްވާނެ ކަމުގެ ޔަޤީންކަންދީ، ފަލަސްތީނުގެ ރައްޔިތުންނަށް އިންސާފު ހޯދައިދިނުމަށް ގޮވާލައިފިއެވެ.

ދެމެހެއްޓެނިވި ސުލްހައަށްޓަކައި އ.ދ.ގެ ސަލާމަތީ މަޖިލީހުން އަވަސް އަދި ޒަރޫރީ ފިޔަވަޅެއް އަޅާފައި ނުވާތީ، އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، ޑރ ޝަމީމް އިސްލާމީ ޤައުމު ތަކުގެ ފަރާތުން އެދިވަޑައިގެންނެވީ، ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުން ހިންގަމުންދާ ލާއިންސާނީ ޖަރީމާ ތަކަށް އިސްރާއީލު ޖަވާބުދާރީ ކުރުވުމަށް އިސްލާމީ ޤައުމު ތަކުން އިތުރު މަސައްކަތް ތަކެއް ކުރެއްވުމަށެވެ.

އަދި 1967 ވަނަ އަހަރުގެ ކުރިން އޮތް ބޯޑަރު ތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ގުދުސްއަކީ ފަލަސްޠީނުގެ ވެރިރަށުގެ ގޮތުގައި ކަނޑައަޅައި، ފަލަސްޠީނަކީ ސިޔާދަތީ އަދި މިނިވަން ދައުލަތެއްގެ ގޮތުގައި ޤާއިމު ކުރުމަށް ދިވެހި ރާއްޖެއިން ތާއީދު ކުރާކަން ފާހަގަ ކުރައްވައި، ފަލަސްޠީނަށް އ.ދ.ގެ ފުރިހަމަ މެމްބަރުކަން ހޯދުމަށް ކުރާ މަސައްކަތަށް ރާއްޖެއިން ފުރިހަމައަށް ތާއީދު ކުރާކަމަށްވެސް ޝަހީމް ވިދާޅުވިއެވެ.

ސަމިޓުގައި ޑރ ޝަހީމް ދެއްކެވި ވާހަކަފުޅުގައި، މިޔަންމާގައި ރޮހިންޔާ ނަސްލު ނައްތާލުމަށް ހިންގަމުން ގެންދާ ލާއިންސާނީ ޢަމަލު ތަކުގެ މައްސަލަ ފާހަގަ ކުރައްވައި، އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސްގައި މިޔަންމާއާ ދެކޮޅަށް ގެމްބިއާއިން ހުށަހަޅާފައިވާ މައްސަލައިގައި އެޤައުމުން ކުރަމުންދާ މަސައްކަތް  ތަކުގައި ގާތުން މަސައްކަތް ކުރުމަށް ދިވެހި ރާއްޖެއިން ޝައުޤުވެރިވާ ކަމުގައި ވިދާޅުވިއެވެ.

އަދި އިސްލާމްދީނަށް ފުރައްސާރަ ކުރުމާއި އިސްލާމްދީނާ ދެކޮޅަށް ހިންގަމުންދާ އެކިއެކި ހަރަކާތްތައް ހުއްޓުވުމަށްޓަކައި، އިސްލާމް ދީނުގައި ބާރުއަޅާ ސުލްޙަވެރި އެކުވެރިކަމާއި، އެއްބަޔަކު އަނެއް ބަޔަކަށް އިޙްތިރާމް ކުރުމާއި، ކެތްތެރިކަން އިސްކުރުން ފަދަ އަސްލު ތަކުގެ މަޢުލޫމާތު ފެތުރުމުގެ މުހިންމުކަން ޑރ ޝަހީމް ވަނީ ފާހަގަ ކުރައްވާފައެވެ.

ކޮންމެ ތިން އަހަރަކުން އެއް ފަހަރު ބާއްވާ މި ސަމިޓަކީ އިސްލާމީ އުއްމަތަށް ކުރިމަތިވާ އެކިއެކި ކަންތައްތަކާ ގުޅޭގޮތުން އިސްލާމީ ޤައުމު ތަކުގެ އިސްވެރިން މަޝްވަރާކޮށް، ސިޔާސަތުތައް ކަނޑައަޅައި، އުއްމަތާއި ގުޅުން ހުރި ކަންކަމުގައި އިރުޝާދު ދިނުމަށް ބާއްވާ ސަމިޓެކެވެ. މި ސަމިޓް ކުރިއަށްދާނީ މި ހިނގާ މޭ މަހުގެ 4-5 އަށެވެ. މި އަހަރުގެ ސަމިޓުގެ ޝިއާރަކީ "ދެމެހެއްޓެނިވި ތަރައްޤީއަށްޓަކައި މަޝްވަރާ މެދުވެރިކޮށް އެއްބައިވަންތަކަން އިތުރުކުރުން" އެވެ.

މިއަހަރުގެ ސަމިޓްގައި 14 ވަނަ އިސްލާމިކް ސަމިޓުގެ ރިޔާސަތު ބެލެހެއްޓެވި ސަޢޫދީ ޢަރަބިއްޔާއިން ވަނީ ސަމިޓުގެ ރިޔާސަތު ބެލެހެއްޓުން ގެމްބިއާއާއި ހަވާލު ކޮށްފައެވެ. މި ސަމިޓުގައި ތިން ލިޔުމަކަށް ގޮތެއް ނިންމަން ހިމަނާފައިވެއެވެ. އޭގެތެރޭގައި ފަލަސްޠީނާއި އަލްޤުދުސް އަޝް-ޝަރީފްގެ މައްސަލައިގެ ޤަރާރަށް ގޮތެއް ނިންމުން ހިމެނެއެވެ.

ދިވެހި ރާއްޖެ އޯ.އައި.ސީ. ގެ މެންބަރު ޤައުމަކަށްވީ 1976 ވަނަ އަހަރުއެވެ. އަދި 57 މެންބަރު ޤައުމު ހިމެނޭ އޯ.އައި.ސީ. ގައި ދިވެހި ރާއްޖެ ބައިވެރިވީއްސުރެ އަންނަނީ ހަރަކާތްތެރި މެންބަރެއްގެ ދައުރު އަދާ ކުރަމުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *