ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެމްޑީޕީއަށް ނާކާމިޔާބުވެ، ޖެހިޖެހިގެން ދެ ބައްޔާ ކުރިމަތިލާން ޖެހުނަސް، އިސްތިއުފާ ދިނުމުގެ ވިސްނުމެއް ޕާޓީގެ ލީޑާޝިޕުން ނުގެންގުޅުއްވާ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ.
ރޭ އޮތް އެ ޕާޓީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމަށް ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފައްޔާޒު ވިދާޅުވީ އެމްޑީޕީގެ އާންމު މެންބަރުން، ޕާޓީގެ ލީޑާޝިޕުގެ އިސްތިއުފާއަށް ގޮވާފައި ވަނީ ވަރަށް މަދުން ކަމަށެވެ. އިސްތިއުފާއަށް ގޮވަމުންދާ މީހުންގެ ތެރޭގައި ގިނައީ ސަރުކާރަށް ތާއީދުކުރާ މީހުން ކަމަށެވެ.
"އަޅުގަނޑުމެންގެ ވިސްނުމުގައި އެއްގޮތަކަށްވެސް ނެތް ޕާޓީގެ އެއްވެސް ލީޑާޝިޕުގެ އެއްވެސް މަގާމެއްގަ ތިބި އެއްބެސް ބޭފުޅަކު އިސްތިއުފާ މިވަގުތު ދިނުމެއް. އެއީ އަޅުގަނޑުމެން ގަބޫލުކުރާ ކަމެއްވެސް ނޫން" ފައްޔާޒު ވިދާޅުވިއެވެ.
ފައްޔާޒު ވިދާޅުވީ އެމްޑީޕީގެ އާންމު މެންބަރުން ލީޑާޝިޕު ބަދަލު ކުރަން ބޭނުންވާނަމަ އެ ފުރުސަތު ދޭނެ ކަމަށެވެ. އެމްޑީޕީއަކީ ސަރުކާރުގައި އޮތުމަށްވެސް އަދި އިދިކޮޅުގައި އޮތުމަށްވެސް މުހިންމު ޕާޓީއެއް ކަމަށް ވުމުން، މިއީ ލީޑާޝިޕް ބަދަލު ކުރުމުގެ ފުރުސަތު އާންމު މެންބަރުންނަށް ދޭންވީ ވަގުތު ނޫން ކަމަށް ފައްޔާޒު ވިދާޅުވިއެވެ.
މީގެއިތުރުން ވިދާޅުވީ ޖެހިޖެހިގެން ދެ އިންތިޚާބުން ބަލިވީ ކެމްޕޭނު ކުރި ގޮތުގެ ސަބަބުންތޯ ނުވަތަ ލީޑާޝިޕުގެ މައްސަލަ އަކުންތޯ އެނގިގެން ދާނީ ދިރާސާ އަކަށް ފަހު ކަމަށެވެ.