އެމްޑީޕީގެ ރައީސް ޝާހިދު. ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަނީ. ފޮޓޯ: އެމްޑީޕީ

އިރާދަކުރެއްވިއްޔާ އަދި އެމްޑީޕީ ވެރިކަމަށް ގެންނާނަން، މަޖިލީހުގެ މެޖޯރިޓީވެސް ނަގާތަންވެސް ފެންނާނެ: ޝާހިދު

އިރާދަކުރެއްވިއްޔާ އަދި އެމްޑީޕީ ވެރިކަމަށް ގެންނާނަން، މަޖިލީހުގެ މެޖޯރިޓީވެސް ނަގާތަންވެސް ފެންނާނެ: ޝާހިދު

ކުރިމަގުގައި ބާއްވާ ރިޔާސީ އިންތިޚާބެއް ކާމިޔާބުކޮށް އެމްޑީޕީ އަނބުރައި ވެރިކަމަށްވެސް ގެންނާނެ ކަމަށާއި އަދި ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ނަގާތަންވެސް ފެނިގެންދާނެ ކަމުގައި އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީން ރޭ ބޭއްވި ގައުމީ މަޖިލީހަށްފަހު ނޫސްވެރިންނާ ބައްދަލު ކުރައްވައި ޝާހިދު ވިދާޅުވީ 2013 ގެ ރިޔާސީ އިންތިޚާބު އަދި 2014 ގެ މަޖިލިސް އިންތިޚާބު އެމްޑީޕީއަށް ގެއްލުނުއިރު 2018 ގެ ރިޔާސީ އިންތިޚާބު އަދި 2019 ގެ މަޖިލިސް އިންތިޚާބު އެމްޑީޕީން ވަނީ ބޮޑުތަނުން ކާމިޔާބު ކޮށްފައި ކަމަށެވެ.

"އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ އަދި އެމްޑީޕީ އަނބުރާ ވެރިކަމަށްވެސް ގެންނާނަން. އަދި އިރާދަކުރެއްވިއްޔާ އެމްޑީޕީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ނަގާތަންވެސް ދިވެހިރާއްޖޭގެ ރައްޔިތުންނަށް ފެނިގެންދާނެ. އަޅުގަނޑުމެން ނުކުމެ މިތިބީކީ އެއް އިންތިޚާބުން ބަލިވީމާ އުޑު ބޮލަށް ވެއްޓުނީ ކަމަށް ހީކޮށް، ފިލާގޮތަކަށް ނޫން. އަޅުގަނޑުމެން ނުކުމެ މިތިބީ ދިވެހިރާއްޖޭގެ ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތައް ހޯދައިދޭން ނިކަން ކެރިގެން" ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ 2018 ގެ ރިޔާސީ އިންތިޚާބު 2019 ގެ މަޖިސް އިންތިޚާބުން އެމްޑީޕީއަށް ކާމިޔާބު ލިބިގެން ދިޔައީ އޭގެ ކުރީގެ އިންތިޚާބު ތަކުން ލިބުނު ނާކާމިޔާބީ ދެނެގަތުމަށް ހެދި ދިރާސާގެ އަލީގައި ކަމަށެވެ. ރޭ ވަނީ ހަމަ އެފަދަ ދިރާސާއެއް ކުރުމަށް ގައުމީ މަޖިލީހުން ނިންމާފައި ކަމަށެވެ.

އެމްޑީޕީއަކީ ކާމިޔާބަށްވެސް ނާކާމިޔާބަށްވެސް ފަރިތަ ޕާޓީއެއް ކަމަށާއި، އެހެން ކަމުން އެމްޑީޕީގެ ކުރިމަގާއި ރާއްޖޭގެ ކުރިމަގު އުޖާލާ ކަމަށް ޝާހިދު ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *