އުންމީދަކީ އަޒުމަކީ ދިވެހި ކޮންމެ މަސައްކަތްތެރިއަކަށްވެސް މި ފަސް އަހަރު ދުވަހުގެ ތެރޭގައި ފުދުންތެރި، ތަނަވަސް ދިރިއުޅުމެއް ހޯދައިދިނުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަންމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ މިއަދު ފާހަގަ ކުރަމުން އަންނަ ދުނިޔޭގެ މަސައްކަތްތެރިންގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ޚިތޯބުގައެވެ.
ރައީސް ވިދާޅުވީ މަސައްކަތްތެރިންނަށްޓަކައި ސަރުކާރުގެ ވަޒީފާ ތަކުގެ ޚިދުމަތުގައި ތިބި މުވައްޒަފުންގެ މުސާރަ ބޮޑުކޮށް ދެއްވައި، އިނާޔަތްވެސް އިތުރު ކޮށްދޭން ފައްޓަވާފައިވާ ކަމަށެވެ. އަދި އާންމުދަނީ ހޯދުމަށް މަސައްކަތް ކުރުމުގެ ފުރުޞަތުވެސް އިތުރުކޮށްދީ، ރާއްޖޭގައި ގަވައިދާ ޚިލާފަށް މަސައްކަތް ކުރަމުން އަންނަ ބިދޭސީންނަށް އެ މަގުތައް ބަންދުކޮށް، އެފަދަ މީހުން 48 ގަޑިއިރުގެ ތެރޭގައި ޑީޕޯޓް ކުރަންވެސް ސަރުކާރުން މިހާރު ފަށާފައިވާ ކަމަށެވެ.
ރައީސް ވިދާޅުވީ މަސައްކަތެރިންނަށްޓަކައި ސަރުކާރުން ގިނަ ކަންތައްތަކެއް ކުރިއަށް އޮތް ތަނުގައި އިސްކަން ދެއްވައިގެން ކުރިއަށް ގެންދަވާނެ ކަމަށެވެ. އެގޮތުން އެކި ދާއިރާ ތަކުން މީހުން ތަމްރީނު ކުރުމާއި، އަދި މަސައްކަތެރިކަން އުނގަންނައިދިނުން ހިމެނޭ ކަމަށެވެ. އަދި ޑޭކެއާރ ސެންޓަރުތައް ގާއިމްކޮށް، އާއިލާ ތަކަށް ފުދުންތެރިކަން އިތުރު ކޮށްދެއްވުމަށް އިސްކަމެއް ދެއްވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
އުންމީދަކީ ދިވެހި މަސައްކަތްތެރިންނަށް އުޖާލާ ކުރިމަގެއް ހޯދައިދިނުންކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ ދިވެހި ގައުމަށް މަންފާ ލިބޭ އެކި ދާއިރާ ތަކުން ރާއްޖެ އާއި ރާއްޖެއިން ބޭރުގައި މަސައްކަތް ކޮށްދެމުން އަންނަ ހުރިހާ ދޭސީންނާއި ބިދޭސީންނަށްވެސް މަސައްކަތްތެރި ކަމުގެ ދުވަހު ތަހުނިޔާ ފޮނުއްވާ ކަމަށެވެ.