ރާއްޖެ ޓީވީ އަދި ޗެނަލް 13 ގައި ހުޅުޖަހާނެ ކަމަށް ބުނެ، އިންޒާރުދިން މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަން ފަށައިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ، މީހުންގެ ފުރާނަ އަށާއި މީޑިޔާ ތަކަށް ގެއްލުން ދޭނެ ކަމަށް ބުނެ އިންޒާރުދޭ މައްސަލަތަކަކީ ޚާއްސަ އިސްކަމެއް ދީގެން ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައި ތަހުގީގު ކުރަމުންދާ މައްސަލަތަކެއް ކަމަށެވެ.
އެ މައްސަލަ ތަހުގީގު ކުރަމުން ދަނީ ސައިބް ކްރައިމް ޑިޕާޓްމެންޓާއި ސީރިއަސް އެންޑް އޯގަނައިޒް ކްރައިމް ޑިޕާޓްމެންޓުން ކަމަށްވެސް ވަނީ ބުނެފައެވެ.
ރާއްޖެ ޓީވީގައި މަސައްކަތްކުރާ ނޫސްވެރިއަކު އިއްޔެ ވަނީ އެކްސްގައި އެ ޓީވީ ސްޓޭޝަންގެ ދުވަސް ދުއްވާލާނެ ކަމަށް ބުނެ މީހަކު ފޭސްބުކުގައި ކުރި ކޮމެންޓް ސޯޝަލް މީޑިޔާގައި އާންމު ކޮށްފައެވެ.
"މިފަހަރު ރާއްޖެ ޓީވީގެ ދުވަސް ދުއްވާލާނަން. ހުޅު ޖަހާނަން. މިފަހަރު ހޭއަރުވާލާނަން. މީ އަހަރުމެންގެ ވެރިކަން" އިންޒާރު ކާކުކަން ނޭނގޭ އައިޑީއަކުން އިންޒާރު ދިން މީހާ ބުނެފައިވެއެވެ.
ރާއްޖެ ޓީވީން، ފުލުހަށް ފޮނުވި ސިޓީއެއްގައި ބުނީ އެ ޓީވީ ސްޓޭޝަނަށް ދިން އިންޒާރަކީ ޓެރަރިޒަމްގެ އަމަލެއް ކަމަށް ކަމަށާއި އެ މައްސަލަ ސީރިއަށް މައްސަލައެއްގެ ގޮތުގައި ބެލުމަށް އެދޭ ކަމަށެވެ. އަދި ވަނީ ރާއްޖެ ޓީވީގެ މުވައްޒަފުންނަށް ސަލާމަތާއި ރައްކާތެރިކަން ފޯރުކޮށް ދިނުމަށް އެދިފައެވެ.
ރާއްޖެ ޓީވީ އަންދާލާނެ އިންޒާރު ދިން ޚަބަރު "ޗެނަލް 13″ އިން ކަވަރު ކުރުމުން، ސޯޝަލް މީޑިޔާގައި މީހަކު ކުރި ކޮމެންޓެއްގައި ބުނެފައި ވަނީ "އެންމެ ފުރަތަމަ އަންދާލާނީ ޗެނަލް 13″ ކަމަށެވެ.