ޓްރާންސްޕޯޓް މިނިސްޓްރީން މިހާތަނަށް ވިއްކާފައިވާ 1،200 ޑޮމެއިންތަކުގެ ތެރެއިން ގަވާއިދާ އެއްގޮތަށް ވިއްކާފައިވަނީ 50 ޕަސަންޓު ޑޮމެއިން ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހަންމަދު އަމީން ވިދާޅުވެއްޖެ އެވެ.
"އަހާ ފޯރަމް" ގައި ވާހަކަދައްކަވަމުން އަމީން ވިދާޅުވީ އެ މިނިސްޓްރީގެ ބައެއް މުވައްޒަފުންތައް ގޯސްކޮށް ކަންކަން ކޮށްފައިވިޔަސް ގަވާއިދުތަކާ އެއްގޮތަށް ޑޮމެއިން ނަގައިފައިވާ ފަރާތްތަކަށް ހިދުމަތްދިނުން ހުއްޓިގެންނުވާނެ ކަމަށް ގަބޫލުކުރާ ކަމަށެވެ. މިނިސްޓްރީގެ ބެކްއެންޑުން ވިއްކި ޑޮމެއިންތައް ގަތް ގިނަ މީހުންނަށް އެއީ ސައްހަ ނޫން ޑޮމެއިންތަކެއްކަން ކުރިން އެނގިފައިނުވާ ކަމަށެވެ.
"އެހެންވީމަ އަޅުގަނޑުމެން ތިން އެނެކްސްއަކަށް ބަހާލާފަ އަޅުގަނޑުމެން އިއުލާންކުރާނަން އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ދެތިން ހަފުތާއެއްގެ ތެރޭގަ ޓްރާންސްޕޯޓް މިނިސްޓްރީ ތެރޭގަ ވަރަށް ފަސޭހަ ނިޒާމެއްގެ ތެރޭގަ އެ ބޭފުޅުންގެ އަތުގަހުރި ރިކޯޑްސްތަކާއެކީގަ ޓްރާންސްޕޯޓް މިނިސްޓްރީއަށް ގެނެސްދެއްވައިގެން މި އެއްޗެހި ސައްހަ ޑޮމެއިންތަކެއްގެ ގޮތުގަ ބަދަލުކުރަން" އަމީން ވިދާޅުވިއެވެ.
އަމީން ވިދާޅުވީ ވަކި ބަޔަކު ހަދާފައިވާ ގޯސްތަކަކީ ރައްޔިތުންގެ ކުށެއް ނޫން ކަމަށެވެ. އަދި، ރަގަޅަށް ޑޮމެއިންގެ ހިދުމަތް ހޯދަމުންދާ މީހުންގެ ލިސްޓެއް ފުލުހުން މެދުވެރިކޮށް އާންމު ކުރައްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
ކުރިއަށް އޮތް ހަ މަސް ތެރޭގައި މި މައްސަލައަށް ހައްލެއް ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
One Response
އެނގިހުރެ ގޯސްކޮށް ޑޮމެއިން ގަތުމަކީ ބެސް ގޯހެއް. ރައްޔިތުންގެ ކުށެއް.