އެޕްރީލް މަސް ފެށުނު ފަހުން ބަންގްލަދޭޝްގެ ހޫނުމިން އިންތިހާއަށް ގަދަވަމުން ދާތީ ސްކޫލުތައް ބަންދު ކުރަން އެ ގައުމުގެ ހައި ކޯޓުން އަމުރު ކޮށްފިއެވެ.
ބަންގްލަދޭޝްގެ ޑެޕިއުޓީ އެޓަނީ ޖެނެރަލް ޝެއިހު ޒަހަފުއްޒައާމްއާ ހަވާލާދީ ނޫސް ތަކުން ރިޕޯޓު ކޮށްފައި ވަނީ ހައި ކޯޓުން ކުރި އަމުރުގައި ވަނީ ޕްރައިމަރީ، ސެކްންޑްރީ އަދި މަދަރުސާތައް ބަންދު ކުރަން ކަމަށެވެ. ފާއިތުވި ހަފުތާގައި ބަންގްލަދޭޝްގެ ވެރިރަށް ޑާކާގެ ހޫނުމިން ފާއިތުވި 30 އަހަރުގެ އެވްރެޖް ފިނިހޫނު މިނަށްވުރެ 4-5 ޑިގްރީ ސެލްސިއަސް (7.2-9 ޑިގްރީ ފަރެންހައިޓް) އަށް ވަނީ އިތުރުވެފައެވެ.
ބަންގްލަދޭޝްގެ ސަރުކާރުން ބުނީ ހޫނުކަން ގަދަވުމުގެ ސަބަބުން މިމަސް ތެރޭގައި ހަތް މީހަކު މަރުވެފައިވާ ކަމަށެވެ. މަރުވި މީހުންގެ ތެރޭގައި ޓީޗަރުންވެސް ހިމެނެއެވެ. މި ހަފުތާ ތެރޭގައި ހޫނިމިން އެތައް ގުނައަކުން މަތިވާނެ ކަމަށްވެސް ލަފާ ކުރެވެއެވެ.
އޭޝިޔާގެ ގިނަ ގައުމު ތަކުގެ ހޫނިމިން މި އެޕްރީލް މަހު ވަނީ އިންތިހާއަށް މައްޗަށް ގޮސްފައެވެ. ޕިލިޕީންސް، އިންޑިޔާ އަދި ތައިލެންޑުގެ ހޫނުމިން ވަނީ މީގެކުރިން ދުވަހަކުވެސް ނުދާހާ މައްޗަށް ގޮސްފައި ކަމަށް ބައިނަލްއަގުވާމީ މީޑިޔާ ތަކުން ވަނީ ރިޕޯޓު ކޮށްފައެވެ.