މަޖިލީހުގެ ސުޕަ މެޖޯރިޓީގެ ބޭނުން ނަހަމަގޮތުގައި ނުހިފާނެ: ހީނާ

މަޖިލީހުގެ ސުޕަ މެޖޯރިޓީގެ ބޭނުން ނަހަމަގޮތުގައި ނުހިފާނެ: ހީނާ

ސަރުކާރުގެ އަމާޒަކީ، ރައްޔިތުންގެ މަޖިލިސް އިންތިޚާބުން ލިބުނު 'ސުޕަރ މެޖޯރިޓީ' ބޭނުންކޮށްގެން ރައްޔިތުންނަށް އެ ބޭނުންވާ ޚިދުމަތްތައް އެންމެ ފުރިހަމަ ގޮތެއްގައި، އަދި އެންމެ އެކަށީގެންވާ ގޮތެއްގައި ރައްޔިތުންނަށް ފޯރުކޮށްދެވޭނެ ނިޒާމެއް ޤާއިމު ކުރުން ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ސްޕޯކްސްޕަރސަން ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

ހީނާ މިހެން ވިދާޅުވީ މިއަދު ރައީސް އޮފީހުގައި ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލު ކުރެއްވުމުގައި ނޫސްވެރިއެއް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން މައުލޫމާތު ހިއްސާ ކުރެއްވުމަށާއި، ނޫސްވެރިންގެ ސުވާލު ތަކަށް ޖަވާބު ދެއްވުމުގެ ގޮތުން މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި، ހީނާ ވަނީ މި ސަރުކާރުން 'ސުޕަރ މެޖޯރިޓީ' ގެ ބޭނުން ނަހަމަ ގޮތުގައި ނުހިފާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ. އަދި ސަރުކާރުގެ އަމާޒަކީ ރައްޔިތުންގެ އާމްދަނީ އިތުރުކޮށް، އިގުތިސޯދީ ގޮތުން ދެމެހެއްޓެނިވި ގޮތެއްގައި މި ގައުމަށް ތަރައްގީ ގެނައުންކަމުގައިވެސް ހީނާ ވިދާޅުވިއެވެ.

މިވަގުތަށް ރައްޔިތުންގެ ކަންބޮޑުވުން އެންމެ ފާހަގަ ކުރެވޭ ދާއިރާއަކީ ރަމަޟާން މަހުގެ ކަރަންޓް ބިލު ބޮޑުވުންކަން ފާހަގަ ކުރައްވައި ހީނާ ވަނީ ފެނަކަ އޮފީހާއި ސެޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރުންނާ ސުވާލު ކުރެއްވުމަށް ނޫސްވެރިންނަށް ފުރުސަތު ދެއްވާފައެވެ.

އެގޮތުން ނޫސްވެރިންގެ ބައްދަލުވުމުގައި ފެނަކަ އާއި ސެޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރުން ވަކިވަކިން ވަނީ ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވާފައެވެ. އަދި ރައީސްގެ ވައުދުފުޅާ އެއްގޮތަށް ކަރަންޓް ބިލު ތަކުން ރައްޔިތުންނަށް ލުއި ދެއްވުމަށް ސަރުކާރުން ޑިސްކައުންޓް ދެއްވާފައިވާ ގޮތުގެ ތަފްސީލީ މައުލޫމާތު ފެނަކަ އާއި ސެޓެލްކޯގެ ފަރާތުން ނޫސްވެރިންނާ ހިއްސާ ކޮށްފައިވެއެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ހީނާ ވިދާޅުވީ، މިފަދަ ނޫސްވެރިންގެ ބައްދަލުވުމެއް މަދުވެގެން ކޮންމެ ހަފުތާއަކު އެއްފަހަރު ބޭއްވެވުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *