ރައީސް މުއިއްޒު ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިންގެ ސުވާލު ތަކަށް ޖަވާބު ދެއްވަނީ. ފޮޓޯ: ރައީސް އޮފީސް

ނޫސްވެރިންނަށް ފޯނު ހިފައިގެން ރައީސް އޮފީހަށް ވަދެވޭގޮތަށް ހަމަޖައްސައިފި

ނޫސްވެރިންނަށް ފޯނު ހިފައިގެން ރައީސް އޮފީހަށް ވަދެވޭގޮތަށް ހަމަޖައްސައިފި

ރައީސް އޮފީހުން ބާއްވާ ނޫސްވެރިންގެ ބައްދަލުވުން ތަކަށް ނޫސްވެރިންނަށް ފޯނު ވެއްދުން މަނާކުރުމާ ގުޅިގެން ނޫސްވެރިންގެ ކަންބޮޑުވުންތަކުގެ ސަބަބުން، އެ ނިންމުން ރައީސް އޮފީހުން ބަދަލު ކޮށްފިއެވެ.

ރައީސް އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ މިއަދަށް ފަހު ދެން ބާއްވާ ބައްދަލުވުން ތަކަށް ނޫސްވެރިންނަށް ފޯނު ނުވެއްދޭނެ ކަމަށެވެ. އެގޮތަށް ނިންމާފައި ވަނީ މީގެ ދެމަސް ދުވަސް ކުރިން ރައީސް އޮފީހުގެ ޕްރޮޓޯކް ޓީމުން ކަމަށެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަށް ނޫސްވެރިންނަށް ފޯނު ނުވެއްދުނު ކަމަށް ބުނެ މީޑިޔާ ތަކުން ފަތުރަނީ ދޮގު ޚަބަރެއް ކަމަށާއި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަށް ނޫސްވެރިން ވަނީ ފޯނާއިއެކު ކަމަށްވެސް ރައީސް އޮފީހުން ވަނީ ބުނެފައެވެ. ކަން ހިނގާފައިވާ ގޮތުގެ ހަގީގަތް އޮޅޭ ގޮތަށް ބައެއް މީޑިޔާ ތަކުން ޚަބަރު ފަތުރަމުން ދިއުމަކީ ޒިންމާދާރު ކަމެއް ނޫން ކަމަށްވެސް ރައީސް އޮފީހުން ވަނީ ބުނެފައެވެ.

ރައީސް އޮފީހުގެ ސެކިއުރިޓީ ޕްރޮޓޮކޯލްގައި އަމަލު ކުރަމުންދާ އާއްމު އުސޫލަކީ އެކި ބައްދަލުވުން ތަކަށް ވަޑައިގަންނަވާ ބޭފުޅުން، އެއީ ސަރުކާރުގެ ސިޔާސީ މަގާމު ތަކުގައި ތިއްބެވި ބޭފުޅުންކަމުގައި ވިޔަސް،  ސެކިއުރިޓީއާއި ފޯނު ހަވާލު ކުރެއްވުން ކަމަށްވެސް ރައީސް އޮފީހުން ބުނެފައިވެއެވެ.

"ނަމަވެސް މިއަދުވެސް އަދި މީގެފަހުންވެސް ނޫސްވެރިންގެ ބައްދަލުވުން ތަކަށް ރައީސް އޮފީހަށް ވަޑައިގަންނަވާ ނޫސްވެރިންނަށް ފޯނާއިއެކު ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވޭނޭ އިންތިޒާމު ރައީސް އޮފީހުގެ ސެކިއުރިޓީ ޕްރޮޓޮކޯލުން ވަނީ ހަމަޖައްސަވައިދެއްވައި" ރައީސް އޮފީހުން ބުނެފައިވެއެވެ.

ރައީސް އޮފީހުން ބުނީ ނޫސްވެރިންގެ މަސައްކަތް ތަކަށް ފަސޭހަވާނެ ގޮތަށް ކަންކަން ހަމަޖައްސައި ދެމުން ގެންދިއުމަށް ސަރުކާރުން އަބަދުވެސް މަސައްކަތް ކުރާނެ ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *