މެޑިސިން ކިޔަވާ ދަރިވަރުންގެ ކްލާސްތައް މައި ކެމްޕަހަށް ބަދަލު ކުރިޔަސް ކިޔެވުމަށް ބުރޫ ނާރާނެ: އެމްއެންޔޫ

މެޑިސިން ކިޔަވާ ދަރިވަރުންގެ ކްލާސްތައް މައި ކެމްޕަހަށް ބަދަލު ކުރިޔަސް ކިޔެވުމަށް ބުރޫ ނާރާނެ: އެމްއެންޔޫ

މޯލްޑިވްސް ނޭޝަނަލް ޔުނިވާރސިޓީ (އެމްއެންޔޫ)ގެ މެޑިސިން ސްކޫލުގައި ކިޔަވާ ދަރިވަރުންގެ ކްލާސްތައް އެމްއެންޔޫގައި ހުންނަ މައި ކެމްޕަހަށް ބަދަލު ކުރިޔަސް ދަރިވަރުންގެ ކިޔެވުމަށް ބުރޫނާރާނެ ކަމަށް އެމްއެންޔޫން ބުނެފިއެވެ.

2018 ވަނަ އަހަރު އައިޖީއެމްއެޗާއި އެމްއެންޔޫއާ ދެމެދު ހެދި އެއްބަސްވުމެއްގެ ދަށުން ދަރުމަވަންތަ ހޮސްޕިޓަލުގެ އަށް ވަނަ ފަންގިފިލާ އަދި 14 ވަނަ ފަންގިފިލާ، ސްކޫލް އޮފް މެޑިސިންގެ ކެމްޕަސް ހިންގުމަށް 10 އަހަރު ދުވަހަށް އެމްއެންޔޫއަށް ކުއްޔަށް ދީފައެވެ. އެއީ ސްކޫލް އޮފް މެޑިސިން އިމާރާތްކޮށް ނިމެންދެނެވެ. ނަމަވެސް ދަރުމަންވަންތަ ހޮސްޕިޓަލުގެ ޚި ދުމަތް ފުޅާކުރުމުގެ ބޭނުމުގައި އައިޖީއެމްއެޗުން ވަނީ އެއްބަސްވުން އުވާލާފައެވެ. އެހެންވެ އެމްއެންޔޫން ވަނީ، ދަރުމަންވަންތަ ހޮސްޕިޓަލުގައި ހުރި ކެމްޕަސްގެ ވަސީލަތްތައް އެމްއެންޔޫއަށް ބަދަލު ކުރަން ފަށައިފައެވެ.

އެމްއެންޔޫން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ ސްކޫލް އޮފް މެޑިސިންގެ ވަސީލަތްތައް ގައުމީ ޔުނިވާރސިޓީގެ މައި ކެމްޕަސްއަށް ބަދަލު ކުރަން ނިންމީ، އެކަމުގެ ސަބަބުން ރާއްޖޭގެ ރައްޔިތުންނަށް ކުރާނެ ފައިދާ ބޮޑުވާނެތީ ކަމަށް ގަބޫލުކުރާ ކަމަށެވެ.

"މި ގެނެވޭ ބަދަލުގެ ސަބަބުން މެޑިކަލް ސްކޫލުގައި ކިޔަވާ ދަރިވަރުންގެ ކިޔެވުމަށާއި ޕްރެކްޓިކަލް ލެބުތަކުން ދެވޭ އެއްވެސް ޚިދުމަތަކަށް ބުރޫނާރާނެ ގޮތަށް އެ އިންތިޒާމު މި ޔުނިވާރސިޓީގައި ގާއިމު ކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރެވެމުންނެވެ. މީގެއިތުރުން، ދަރިވަރުންނަށް ހޮސްޕިޓަލުން ލިބެންޖެހޭ އަމަލީ ތަޖުރިބާތަށް ކުރިއެކޭ އެއްގޮތަށް ދަރުމަންވަންތަ ހޮސްޕިޓަލުން ފޯރުކޮށްދެވޭނެ ވާހަކަވެސް ދަންނަވަމެވެ. ހަމަ އެއާއެކު ގައުމީ ޔުނިވާރސިޓީގެ މެޑިކަލް ސްކޫލުގެ ކެމްޕަސް ހުޅުމާލޭގައި އެޅުމަށް ސަރުކާރުން ގެންދަވަނީ މި ޔުނިވާރސިޓީއާއެކު އަމަލީ ގޮތުން މަސައްކަތް ކުރައްވަމުން" އެމްއެންޔޫން ބުނެފައިވެއެވެ.

އެމްއެންޔޫން ކަންތައްތައް އިންތިޒާމު ކުރުމުގައި އަބަދުވެސް އިސްކަން ދޭނީ ދަރިވަރުންގެ ކިޔެވުމަށް ބުރޫ ނާރާނެ ގޮތަކަށް ކަންތައް ކުރުމަށްވެސް އެފަރާތުން ނެރުނު ނޫސް ބަޔާނުގައި ބުނެފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *