އަލަށް ހޮވުނު މެމްބަރުން މަޖިލީހުގެ އާ ދައުރު ފެށުމުގެ ކުރިން ޕާޓީ ބަދަލު ކުރެވޭނެ: ހަބީބު

އަލަށް ހޮވުނު މެމްބަރުން މަޖިލީހުގެ އާ ދައުރު ފެށުމުގެ ކުރިން ޕާޓީ ބަދަލު ކުރެވޭނެ: ހަބީބު

ވިހި ވަނަ ރައްޔިތުންގެ މަޖިލީހަށް، މެންބަރުން އިންތިޚާބު ކުރުމަށް މިދިޔަ އާދިއްތަ ދުވަހު ބޭއްވި މަޖިލީހުގެ އިންތިޚާބަށް ފަހު، މިއަދު ޕީއެންސީއާއި ގުޅިވަޑައިގެންނެވި ކެންޑިޑޭޓުންގެ ކިބައިގައި ޤާނޫނު އަސާސީގައި ބުނާ ޝަރުތު އުނި ނުވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ކުރީގެ ނައިބު ރައީސް އިސްމާއީލް ހަބީބު ވިދާޅުވެއްޖެއެވެ.

ޕީންސީ އިން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި މުލިއާގޭގައި އެ ބޭފުޅުން ރައީސް ޑރ. މުހައްމަދު މުއިއްޒުއާއެކު ނަންގަވާފައިވާ ފޮޓޯއެއް ހިއްސާކޮށް ބުނީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަ ކުރެއްވި ބައެއް ކެންޑިޑޭޓުން، އެޕާޓީއަށް އިއްޔެ ސޮއި ކޮށްފައިވާ ކަމަށެވެ. އެ މެންބަރުންނަކީ

ޑރ. އަނާރާ ނައީމް – ހުރާ ދާއިރާ

ހަސަން ޒަރީރު – މަތިވެރި ދާއިރާ

އަހުމަދު ޒަމީރު – މައްޗަންގޮޅި މެދު ދާއިރާ

އަހުމަދު ރިޔާޒް – ތިމަރަފުށި ދާއިރާ

ޔާސީން އަބުދުﷲ – ނައިފަރު ދާއިރާ

އާޒިމް އަބްދުލް އަޒީޒް – ވިލިނގިލި ދާއިރާ

ހަބީބު އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ ހަ ބޭފުޅުން ޕީއެންސީއަށް ސޮއި ކުރެއްވި ނަމަވެސް އެންޓި ޑިފެކްޝަން ޤާނޫނާ ޚިލާފުވެފައިނުވާ ކަމަށެވެ.

"ޤާނޫނު އަސާސީގެ 72 ވަނަ މާއްދާގެ (ނ) ގައި ބުނާ ޝަރުތު ތަކުން ކުރެ ޝަރުތެއް މި 6 ބޭފުޅުންގެ އުންޏެއްނުވޭ. އަދި އެންޓި- ޑިފެކްޝަންގެ ޤާނޫނުގެ 3 ވަނަ މާއްދާގެ (ބ) ގައި ބުނާ ފަދައިން 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ދައުރު އަދި ނުފެށޭތީ އިންތިޚާބުވެވަޑައިގެންފައިވާ ކޮންމެ މެންބަރަކުވެސް 2024 މެއި 28 ގެ ކުރިން އެ ބޭފުޅަކު ބޭނުންފުޅު ޕާޓީއަކާއި ގުޅިވަޑައިގަތުމުގެ ފުރުސަތު އެބަ އޮތް" ހަބީބު ވިދާޅުވިއެވެ.

ޤާނޫނު އަސާސީގެ 72 ވަނަ މާއްދާއަކީ މަޖިލީހުގެ މެންބަރަކަށް ވުމުގެ ޝަރުތުތައް ބަޔާންކުރާ މާއްދާއެވެ. އެ މާއްދާގައިވާ ގޮތުން މަޖިލީހުގެ މެންބަރަކަށް ވެވޭނީ ދިވެހި ރައްޔިތަކަށްވެފައި، ބޭރުގެ ރައްޔިތަކަށް ކަމުގައިނުވާ މީހުންނަށާއި ސުންނީ ޖަމާއަތަކަށް ނިސްބަތްވާ މީހުންގެ އިތުރުން 18 އަހަރު ފުރިފައިވާ މީހުންނަށާއި ބުއްދި ސަލާމަތުން ހުންނަ މީހުންނަށެވެ.

ހަބީބު އިތުރަށް ވިދާޅުވީ ޤާނޫނު އަސާސީގެ 30، 59، 63، 69 އަދި 73 ވަނަ މާއްދާގެ (ބ)އާ ޚިލާފަށާއި ޤާނޫނު އަސާސީ އިން ކަށަވަރު ކޮށްދީފައިވާ ހައްގެއް ޤާނޫނަކުން އުނި ނުކުރެވޭނެ ކަމަށެވެ.

ކުރިއަށް އޮތް މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދަކީ 93 އެވެ. އަދި ސުޕަމެޖޯރިޓީ އަކީ 70 އެވެ. މިދިޔަ އާދިއްތަ ދުވަހު ބޭއްވި ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި ޕީއެންސީން ވަނީ 66 ގޮނޑި ކާމިޔާބު ކޮށްފައެވެ. މި ހަ ބޭފުޅުންނާ އެކު ޕީއެންސީގެ މަޖިލިސް މެންބަރުންގެ އަދަދު ވަނީ 72 އަށް އަރައިފައެވެ. އެހެންކަމުން ޕީއެންސީއަށް އެކަނިވެސް މިހާރު ވަނީ ސުޕަ މެޖީރިޓީ ލިބިފައެވެ.

މީގެ އިތުރުން ސަރުކާރުގެ ތާއީ ދާއެކު ޖުމްހޫރީ ޕާޓީގެ މެންބަރަކާއި އެމްއެންޕީގެ މެންބަރަކާއި އެމްޑީއޭގެ ދެ މެންބަރުން ވެސް އިންތިހާބުވިއެވެ. އެހެންކަމުން ސަރުކާރު ކޯލިޝަންގެ ސުޕަ މެޖީރިޓީގެ ޖުމްލަ އަދަދު 76 އަށް އަރައެވެ.

އިދިކޮޅު އެމްޑީޕީން މަޖިލީހަށް ހުށަހަޅައިގެން ފާސް ކުރި އެންޓި-ޑިފެކްޝަން ބިލު ރައީސް މުއިއްޒު މި މަހު 16 ވަނަ ދުވަހު ތަސްދީގު ކުރުމާއެކު ވަނީ ޤާނޫނަކަށް ވެފައެވެ. އެ ޤާނޫނުގައިވާ ފަސް ހާލަތުން ކުރެ ހާލަތެއް މެދުވެރި ވެއްޖެނަމަ، ލަސްވެގެން ހަތް ދުވަހުގެ ތެރޭގައި އިލެކްޝަންސް ކޮމިޝަނުން އެކަން ރައްޔިތުންގެ މަޖިލީހަށް އަންގަންވާނެއެވެ. އަދި އިލެކްޝަންސް ކޮމިޝަނުން އެކަން ރައްޔިތުންގެ މަޖިލީހަށް އަންގާ ދުވަހުން ފެށިގެން، އެ މީހަކު މަޖިލިސް މެންބަރުކަމުން އިސްތިއުފާދޭން ވާނެ ކަމަށް މި ޤާނޫނުގައިވެއެވެ.

އެގޮތުން އަމިއްލަ ގޮތުން އިންތިހާބު ވެފައިވާ މެންބަރަކު އެމީހަކު އިންތިހާބުވި ދައުރުގެ ތެރޭގައި އެއްވެސް ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ވެއްޖެ ނަމަ، އެ މެންބަރަކު އިސްތިއުފާ ދޭން ޖެހޭނެއެވެ. ނަމަވެސް އެ މެންބަރަކު ހުވާ ކުރެއްވުމުގެ ކުރިން ޕާޓީއަކަށް ސޮއިކޮށްފި ނަމަ، އެ ހާލަތުގައި ކަންކުރަން ޖެހޭ ގޮތް ބަޔާން ކޮށްފައެއް ނުވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *