ސުޕަ މެޖޯރިޓީ އޮތަސް މައިނޯރިޓީއަށް ބިރެއް ނުދައްކާނަން: ސަލީމް

ކުރިއަށް އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހަށް މެންބަރުން އިންތިޚާބު ކުރަން މިދިޔަ އާދިއްތަ ދުވަހު ބޭއްވި އިންތިޚާބުން ސަރުކާރަށް، މަޖިލީހުގެ ސުޕަ މެޖޯރިޓީ ލިބިފައި ވީނަމަވެސް މަޖިލީހުގައި ބާރުގެ ބޭނުންކޮށް، ބިރު ނުދައްކާނެ ކަމަށާއި މައިނޯރިޓީއަށް އިހްތިރާމް ކުރައްވާނެ ކަމަށް، ވެރިކަން ހިންގާ ކޯލިޝަންގައި ހިމެނޭ ޕީޕީއެންގެ ޕީޖީ ލިޑަރު، ރައްޔިތުންގެ މަޖިލީހުގެ އޭދަފުށި ދާއިރާގެ މެމްބަރު އަހްމަދު ސަލީމް (ރެޑްވޭވް ސަލީމް) ވިދާޅުވެއްޖެއެވެ.

އިންތިޚާބަށް ފަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ޖަލްސާގައި ސިއްހީ ޚިދުމަތުގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ ބަހުސްގައި ވާހަކަ ދައްކަވަމުން ސަލީމް މިއަދު ވިދާޅުވީ، އާރާއި ބާރާއި ނުފޫޒަކީ އަބަދު އެއްބައެއްގެ އަތުގަ އޮންނާނެ އެއްޗެއް ނޫން ކަމަށާއި، އެއީ ޙާލަތު ބަދަލުވުމުން ބަދަލުވާ އެއްޗެއް ކަމަށެވެ. އަދި އެ އާރާއި ބާރު ބޭނުން ކޮށްގެން ނަފްސާނީ ގޮތުން ގެއްލުން ދިނުމުގެ ނަތީޖާ ރަނގަޅު ނުވާނެ ކަމަށް ސަލީމް ވިދާޅުވިއެވެ.

މިހާރު އޮތް 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީގެ ސުޕަ މައިނޯރިޓީ އޮތްއިރު، މައިނޯރިޓީ ޕާޓީގެ ގޮތުގައި އޮތް ޕްރޮގްރެސިވް ކޯލިޝަނަށް ހުރަސް އަޅައި ފިއްތުންތައް ކުރިމަތިކޮށް ނަފްސާނީ މައްސަލަތައް ކުރިމަތި ކުރުވި ކަމަށްވެސް ސަލީމް ތުހުމަތު ކުރެއްވިއެވެ.

އެކަމުގެ ސަބަބުން، މައިނޯރިޓީ މެމްބަރުންނަށް ނަފްސާނީ ގޮތުން ދަތިތަކާއި ކުރިމަތިލާން ޖެހިވަޑައިގެންނެވި ކަމަށްވެސް ސަލީމް ވިދާޅުވިއެވެ. ސަލީމް ވިދާޅުވީ، މީހުންނަށް ބިރު ދައްކައި ނަފުސާނީ ގޮތުން ބަލިކަށި ކުރުމަކީ އެއްވެސް ބަޔަކު ކޮށްގެން ވާނެކަމެއް ނޫން ކަމަށެވެ.

އެހެންކަމުން 20 ވަނަ ރައްޔިތުންގެ މަޖިލީހުގައި އެ ބޭފުޅުންނަށް ލިބިފައިވާ ސުޕަ މެޖޯރިޓީ ބޭނުން ކޮށްގެން އެއްވެސް ބަޔަކަށް ބިރު ދައްކައި، އެއްވެސް ބަޔަކަށް ނަފުސާނީ ގޮތުން ގެއްލުންދީ، އަދި މައިނޯރިޓީއަށް އިހުތިރާމް ނުކޮށް އެމީހުން ނަފުސާނީ ގޮތުން ބަލިކޮށްލާކަށް މަސައްކަތް ނުކުރައްވާނެ ކަމަށްވެސް ވިދާޅުވިއެވެ.

ސަލީމް ވިދާޅުވީ ސުޕަ މެޖޯރިޓީ އޮތް ނަމަވެސް އެބޭފުޅުން މަސައްކަތްތައް ކުރިއަށް ގެންދާނީ މައިނޯރިޓީއާވެސް މަޝްވަރާކޮށް އެފަރާތަށް ފުރުސަތު ތައްވެސް ދީގެން ކަމަށެވެ.

ސަލީމްގެ ގޮނޑިއާއެކު ވެރިކަން ކުރާ ޕީއެންސީއަށް ބޮޑު މެޖޯރިޓީއެއް ލިބުނު 20 ވަނަ މަޖިލިސް އިންތިޚާބުގައި އެ ޕާޓީއަށް 66 ގޮނޑި ވަނީ ލިބިފައެވެ. މި އިންތިޚާބުގައި އިދިކޮޅު އެމްޑީޕީއަށް ލިބިފައި ވަނީ 12 ގޮނޑިއެވެ. މިނިވަން ކެންޑިޑޭޓުންގެ ގޮތުގައި ވާދަކުރެއްވި ބޭފުޅުންނަށް 11 ގޮނޑި ލިބިފައިވާއިރު، މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)އަށް ލިބިފައި ވަނީ ދެ ގޮނޑިއެވެ. އަދި ކާނަލް މުހައްމަދު ނާޒިމްގެ އެމްއެންޕީ އާއި ގާސިމް އިބްރާހިމްގެ ޖުމްހޫރީ ޕާޓީއަށް ލިބިފައި ވަނީ ހަމައެކަނި އެ ބޭފުޅުން ކުރިމަތިލެއްވި ގޮނޑިއެވެ.

އެހެން ކަމުން ޕީއެންސީއަށް ލިބުނު ގޮނޑި ތަކާއި، ސަރުކާރަށް ތާއީދު ކުރާ ފަރާތް ތަކަށް ލިބުނު ގޮނޑިތަކާއެކު ސަރުކާރަށް ވަނީ ސުޕަ މެޖޯރިޓީ ލިބިފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *