އިދިކޮޅުގެ އެންމެ ބޮޑު ޕާޓީ އެމްޑީޕީއަކީ ރާއްޖޭގެ ތަރައްގީއަށް ކުރިމަތިވެފައިވާ މުސީބާތެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސްޕެޝަލް އެޑްވައިޒަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.
މާދަމާ ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ކެމްޕޭނަށް ފުވައްމުލަކު ސިޓީގެ ރައްޔިތުންނާ ބައްދަލު ކުރައްވައި އަދުރޭ ވިދާޅުވީ ރައީސް މުއިއްޒު، ދިވެހިންގެ ރާއްޖެއެއް ބިނާ ކުރަމުން ދާއިރު ސިޔާސީ ލީޑަރުންގެ ކޯޅުމުގެ ތެރޭގައި އަބަދު ތިބެވޭކަށް ނެތް ކަމަށެވެ. ސިޔާސީ ލީޑަރުންގެ ކޯޅުމުގައި ދިވެހި ރައްޔިތުން ފަނާވެގެން ނުވާނެ ކަމަށް އަދުރޭ ވިދާޅުވިއެވެ. އެމްޑީޕީ އިން ހަގީގަތާއި ޚިލާފު ވާހަކަތައް ފަތުރައިގެން އެއްވެސް ކަމެއް ކާމިޔާބު ނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"އެމްޑީޕީއަކީ ދިވެހި ރާއްޖޭގެ ރައްޔިތުންނަށް ކުރިމަތިވެފައި އޮތް ބޮޑު މުސީބާތެއް. ދިވެހިރާއްޖޭގެ މިނިވަންކަމަށް ކުރިމަތިވެފައި އޮތް ވަރަށް ބޮޑު ގޮންޖެހުމެއް. ދިވެހިރާއްޖޭގެ ތަރައްގީއަށް ކުރިމަތިވެފައި އޮތް ވަރަށް ބޮޑު ހުރަހެއް. އެހެންވީމަ, އެ ހުރަސްތައް ނައްތާލައި އެ ގޮންޖެހުންތައް ގިރާކޮށް އެ މުސީބާތުން ސަލާމަތްވުމަށްޓަކައި ދިވެހިންގެ ރާއްޖޭގެ ސަރުކާރެއް ގާއިމް ކުރަން, ދިވެހިންގެ ވެރިއަކު ރައްޔިތުންގެ މަޖިލީހަށް ދޭންވީ." އަދުރޭ ވިދާޅުވިއެވެ.
އަދުރޭ ވިދާޅުވީ ރާއްޖެއަށް ހަމަޖެހުމާއި ތަރައްގީ ގެނެވެން އޮތީ މަޖިލީހަށް ސަރުކާރުގެ ކެންޑިޑޭޓުން ހޮވައިގެން ކަމަށެވެ.
މިދިޔަ ފަސް އަހަރު އެމްޑީޕީގެ ސަރުކާރާ ދެކޮޅަށް ރޭގަނޑާއި ދުވާލު މަގުމައްޗަށް ނުކުތީ ފަސް ހަ މީހުންނާއެކު ކަމަށާއި އޭރު ތިބީ ވަރަށް ދަތި ހާލުގައި ކަމަށާއި އެއިރު ވެސް އެމްޑީޕީން ދިޔައީ ފުލުހުން ފޮނުވައި ގައުމުގެ ހަމަޖެހުން ނަގާލަމުން ކަމަށް އަދުރޭ ވިދާޅުވިއެވެ.