އަޅުގަނޑުގެ ބޭނުންވަނީ ނަތީޖާ ނެރެން، އެމްޑީޕީ ބޭނުން ވަނީ ހަމަނުޖެހުން ހިންގަން: ރައީސް

އަޅުގަނޑުގެ ބޭނުންވަނީ ނަތީޖާ ނެރެން، އެމްޑީޕީ ބޭނުން ވަނީ ހަމަނުޖެހުން ހިންގަން: ރައީސް

އެ މަނިކުފާނުގެ ބޭނުންވަނީ ނަތީޖާ ނެރެ ރައްޔިތުންނަށް ދެއްކުމަށް ކަމަށާއި ނަމަވެސް އިދިކޮޅު އެމްޑީޕީގެ ބޭނުން ވަނީ ރައްޔިތުންގެ މަޖިލީހުގެ ތެރޭގައި ހަމަނުޖެހުން ހިންގައި ބަދަލު ހިފުމަށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު، ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ ކެމްޕޭނަށް އައްޑޫ ސިޓީގެ ރައްޔިތުންނާ މިރޭ ބައްދަލު ކުރައްވައި ރައީސް ވިދާޅުވީ އައްޑޫގެ ގޮޑިތައް ސަރުކާރަށް ކާމިޔާބު ވެއްޖެނަމަ ރައްޔިތުން ބޭނުންވާ ނަތީޖާ ނެރެދެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

"ނަތީޖާ އެކަނި ނެރެދިނުމަށް ފޯކަސް ކުރާ ސަރުކާރެއް އަޅުގަނޑު ބޭނުން ވަނީ ހިންގަން. އެންމެ ދުވަހެއްވެސް އެންމެ ގަޑިއިރެއްވެސް މި ސަރުކާރަކުން ބޭކާރެއް ނުކުރަން، ރައްޔިތުންނަށް ވީ ވައުދުތައް ފުއްދުމުގައި ނޫނިއްޔާ އަޅުގަނޑުމެންގެ އެއްވެސް ބޭފުޅަކު ވަގުތެއް ހޭދައެއް ނުކުރައްވަވާ،" ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ބޭނުންފުޅު ވަނީ ރާއްޖެއަށް ހަމަޖެހުން ގެންނަން ކަމަށާއި ހަމަޖެހުން ނެތި ހަގީގީ މާނައިގައި ތަރައްގީ ނުގެނެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

"މަޖިލީހަށް އަޅުގަނޑުމެންނާ ދެކޮޅަށް މަސައްކަތް ކުރާ، ބަދަލު ހިފުމުގެ ރޫހު ގެންގުޅޭ ބަޔަކަށް ފުރުސަތު ދީގެން ފެންނާނީ ދެކޮޅު ހެދުން. ހަމަނުޖެހުން ކޮންމެ ދުވަހަކު ފެންނާނީ ސަރުކާރަށް ހުރަސް އެޅުން. މިދިޔަ ފަސް މަހު ވެސް ފެނުނީ އެ މަންޒަރު،" ރައީސް ވިދާޅުވިއެވެ.

ސަރުކާރުގެ ފުރަތަމަ ފަސް މަސް ދުވަހު ސިޔާސީ ހިޔާލު ތަފާތުވުންތަކާ ގުޅިގެން އެއްވެސް މީހަކު ހައްޔަރު ކޮށްފައިނުވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *