ރައްޔިތުންގެ މަޖިލީހުގެ ކެމްޕޭނަށް ސަރުކާރުން ވަނީ ދައުލަތުގެ ބަޖެޓުން 100 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދު ކޮށްފައިވާ ކަމަށް އެމްޑީޕީގެ އެޑްވައިޒަރު، ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ މަޖިލިސް ކެމްޕޭން ނިންމާލުމަށް މިއަދު ކުރިއަށް ގެންދިޔަ "މިސްރާބު ހަމަ މަގަމަށް ކެމްޕެއިން ޕެރޭޑު" ގައި ވާހަކަ ދައްކަވަމުން އިބޫ ވިދާޅުވީ ގައުމެއްގައި ވެރިކަން ކުރަންވާނީ ރައްޔިތުން އެދޭ ގޮތަށް ހާމަކަން ބޮޑު ގޮތެއްގައި ކަމަށެވެ.
ނަމަވެސް މި ސަރުކާރަށް ފަސް މަސް ވީއިރު ސަރުކާރު ހިނގަމުންދާ ގޮތުގެ މައުލޫމާތު އެނގޭ މީހަކު ނެތް ކަމަށެވެ. ބަޖެޓުން ޚަރަދުތައް ކުރަމުން ދަނީ ކިހިނެތް ކަމެއް ނޭނގޭ ކަމަށާއި މިދިޔަ ތިން ހަފުތާ ތެރޭގައި ދައުލަތުގެ މާލިއްޔަތާބެހޭ އެއްވެސް މައުލޫމާތެއް ހާމަކޮށްފައި ނުވާ ކަމަށް އިބޫ ވިދާޅުވިއެވެ.
"ސަރުކާރުގެ މާލިއްޔަތު ހޭދަކޮށްގެން ކެމްޕޭން ކުރުމަށްޓަކާ 100 މިލިއަނަށްވުރެ ގިނަ ރުފިޔާ އެ ބޭފުޅުން ޚަރަދު ކޮށްފި. ސުވާލު ކުރިޔަސް ޖަވާބެއް ނުލިބޭ. މިކަން ހަމަޔަކަށް އެޅުވޭނީ ރައްޔިތުންގެ މަޖިލީހުގެ ތެރެއިން. އެހެންވެ އަޅުގަނޑުމެން ނުކުމެމިތިބީ" އިބޫ ވިދާޅުވިއެވެ.
އިބޫ ވިދާޅުވީ އެމްޑީޕީއަށް މަޖިލިސް މެޖޯރިޓީ ކާމިޔާބު ކުރެވިއްޖެނަމަ ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ މަސައްކަތް ކުރާނެ ކަމަށެވެ. އަދި ވިދާޅުވީ އެމްޑީޕީގެ މެޖޯރިޓީ އޮންނަ މަޖިލީހަކުން ކުރާނެ ކަމަށެވެ.
މަޖިލިސް އިންތިހާބުގެ ކެމްޕޭނަށް ރާއްޖޭގެ ވަރަށް ގިނަ ރަށްރަށަށް އެ މަނިކުފާނު ވަނީ ދަތުރުކުރައްވާފައި ކަމަށާއި ކޮންމެ ރަށަކުންވެސް އިވުނީ ސަރުކާރާމެދު ހުރި ޝަކުވާ ތަކުގެ އަޑުތައް ކަމަށް އިބޫ ވިދާޅުވިއެވެ.
"އަޅުގަނޑު މިއައީ ރާއްޖޭގެ ވަރަށް ގިނަ ރަށްރަށަށް ދަތުރުކޮށްފަ. ކޮންމެ ދިމާއަކުން އަޅުގަނޑަށް ފެންނަނީ މާޔޫސްކަން. ރައީސް ޑރ. މުއިއްޒު ވެރިކަމަށް ވަޑައިގަންނަވަންވެގެން ވީ ވައުދުތައް ފުއްދަމުން ނުދާތީވެ އެކަމާ ކަންބޮޑުވެފަ ތިބީ. މިކަން ބަދަލު ކުރަން ޖެހިޖެއްކަން އެންމެންނަށް ރާއްޖޭގެ ކަންކޮޅު ތަކުގެ އެންމެންގެ ފަރާތުން އަޑު އުފުލަމުން އެބަދޭ" އިބޫ ވިދާޅުވިއެވެ.
މީގެއިތުރުން އިބޫ ވިދާޅުވީ އެމްޑީޕީއަށް ވޯޓު ދޭންވީ ހުއްޓިފައިވާ މަޝްރޫއު ތަކުގެ މަސައްކަތް ކުރިއަށް ގެންދިޔުމަށް ކަމަށާއި ސަރުކާރުގެ ތާއީދު އޮތް ކެންޑިޑޭޓުންނަށް ދޭ ވޯޓަކީ ތަރައްގީއާއި ދެކޮޅަށް ދެވޭ ވޯޓެއް ކަމަށް ސޯލިހު ވިދާޅުވިއެވެ. މި ސަރުކާރުން ގެންގުޅެނީ ކުދި ރަށްރަށް ތަރައްގީން ބާކީ ކުރުމުގެ ވިސްނުމެއް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.