މި ސަރުކާރުގެ އިސްބޭފުޅުންގެ ތެރެއިން ޔާމީން ވިދާޅުވި ވަފާތެރިން: ނައިބު ރައީސް، އާދަމް ޝަރީފް، ތޯރިގު!

އެމްޑީޕީގެ ސަރުކާރުން ސިޔާސީ މަގުސަދެއް ހާސިލު ކުރުމަށް އެ މަނިކުފާނު ޖަލަށްލުމަށް، ޖަލުގައި ހޭދަކުރި ހިތްދަތި ދުވަސް ތަކުގައި އެ މަނިކުފާނާމެދު އިޚްލާސްތެރިވި ބޭފުޅުންގެ ތެރޭގައި މިހާރުގެ ސަރުކާރުގައި ތިއްބެވީ އެންމެ ތިން ބޭފުޅުން ކަމަށާއި، އެއީ ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފާއި، ލޯކަލް ގަވަމެންޓު މިނިސްޓަރު، އާދަމް ޝަރީފާއި، ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގު ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ޕީއެންއެފްގެ އޮފީހުގައި ރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަަ ދައްކަވަމުން ޔާމީން ވިދާޅުވީ، ޖަލުގައި އޮންނެވި އިރު، އެ މަނިކުފާނުގެ ދިފާއުގައި ޕީޕީއެމް/ޕީއެންސީގެ ތެރެއިން، އިޚްލާސްތެރި މަސައްކަތެއް ކުރެއްވި ބޭފުޅުންގެ މައުލޫމާތު ރަނގަޅަށް ލިބެމުން ދިޔަ ކަމަށެވެ.

"މިހާރުގެ ވީޕީ ހުސެން މުހައްމަދު ލަތީފަކީ އަޅުގަނޑު ގަބޫލު ކުރާގޮތުން ވަރަށް އިޚްލާސްތެރިކަމާއެކީ އަޅުގަނޑު ސަލާމަތް ކުރަން މަސައްކަތް ކުރެއްވި ބޭފުޅެއް އިނގޭތޯ؟ ހަމަ އެގޮތަށް މަހިބަދޫ ދާއިރާގެ މެންބަރު ޓޮމް އަކީ އަޅުގަނޑު ސަލާމަތް ކުރަން ވަރަށް މަސައްކަތް ކުރި މީހެއް އިނގޭތޯ؟ އަޅުގަނޑު އެޔެއް ޑައުޓެއް ނުކުރަން އިނގޭތޯ؟، ތިންވަނަ ބޭފުޅަކީ ލޯކަލް ގަވަރމެންޓް އޮތޯރިޓީ މިނިސްޓަރު އާދަމް ޝަރީފް، ހަމަ ވަރަށް އިޚްލާސްތެރިކަމާ އެކީ މަސައްކަތް ކުރެއްވި ތިން ބޭފުޅުން މިއީ، އެހެން ބޭފުޅުންގެ ތެރޭގައި ދެން އެއީ ކޮސްމެޓިކް އިނގޭތޭ" ޔާމީން ވިދާޅުވިއެވެ.

ޔާމީން ވިދާޅުވީ އެ ބޭފުޅުންގެ ސިޔާސީ ވިސްނުން މިހާރު ތަފާތު ވެފައިވިޔަސް، އެ މަނިިކުފާނުގެ ހައްގުގައި ކޮށްދެއްވި މަސައްކަތް ބަލައިގަންނަ ކަމަށެވެ.

ކުރީގެ ފަރެސް މާތޮޑާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު މިހާރުގެ ނައިބު ރައީސް ހުސެއިންއަކީ، ޔާމީންގެ ވެރިކަމުގައި އެ މަނިކުފާނު ވަރަށް އަރިސް ބޭފުޅެކެވެ. ޔާމީންގެ ވެރިކަމުގައި ތޯރިގުވެސް ފާހަގަ ވެފައި ވަނީ ޔާމީންގެ ވަރަށް އިތުބާރު ކުރައްވާ އެ މަނިކުފާނުގެ އަރިސް ބޭފުޅެއްގެ ގޮތުގައެވެ. އާދަމް ޝަރީފަކީ ޔާމީންގެ ވެރިކަމުގައި ޑިފެންސް މިނިސްޓަރަކަށް ހުންނެވި ބޭފުޅާއެކެވެ. އަދި އާދަމް ޝަރީފަކީ ޔާމީނަށް ރިޔާސީ އިންތިޚާބަށް ކުރިމަތި ނުލެއްވޭ ހާލަތުގައި ޕީއެންސީން ނެރޭނެ ކެންޑިޑޭޓަކު ކަނޑައެޅުމަށް ބޭއްވި ޕީއެންސީ ސެނެޓު ޕްރައިމަރީގައި ޔާމީނުގެ ތާއީދާއެކު ރައީސް ޑރ. މުހައްމަދު މުއިއްޒުއާ ވާދަކުރެއްވި ފަރާތެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *