ރާއްޖެފަދަ ކުދި ގައުމު ތަކުގެ އިޤްތިސޯދަށް ދިމާވާ މާލީ ދަތި ތަކުން އަރައިގަތުމަށް ފަސޭހައިން ފައިސާ ލިބޭނެ އިންތިޒާމު ތަކެއް ހަމަޖެހެން ޖެހޭކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވިދާޅުވެއްޖެއެވެ.
ޔުނައިޓެޑް ނޭޝަންސް ހައި ލެވެލް ތުމެޓިކް ޑިބޭޓް އޮން ޑެޓް ސަސްޓެއިނަބިލިޓީ އެންޑް ސޯޝިއޯ އިކޮނޮމިކް އީކުއަލިޓީ ފޯ އޯލް ގައި ރާއްޖޭގެ ފަރާތުން ތަޤުރީރު ދެއްވަމުން ފައިސަލް ވިދާޅުވީ ކުދި ގައުމު ތަކަށް ދިމާވާ މާލީ ދަތިތަކުން އަރައި ގަތުމަށް ބޮޑެތި ގައުމުތަކުގެ އެހީތެރިކަން ނުލިބޭ ކަމަށެވެ.
ފައިސަލް ވިދާޅުވީ، އިޤުތިސޯދަށް ކޮންމެ ފަހަރަކު ދަތިތަކެއް ކުރިމަތިވާއިރު ލޯނު ނެގުމަކީ ދުރު މުސްތަޤުބަލަށް ވިސްނާއިރު ކުރަން އެކަށީގެންވާ ކަމެއް ނޫން ކަމަށެވެ. އަދި ލޯނު ނެގުމުގެ ސަބަބުން އިޤުތިސޯދީ ކުރިއެރުމަށް ބޭނުންވާ ތަރައްގީގެ މަޝްރޫއު ތަކަށް އިންވެސްޓް ކުރުމުގެ ގާބިލްކަން ހަނިވެ، ދިގު މުއްދަތުގައި އިޤުތިސޯދަށް ނޭދެވޭ އަސަރު ތަކެއް ކުރާކަމަށެވެ.
އެހެން ކަމުން ރާއްޖެފަދަ ކުދި ގައުމު ތަކަށް ފަސޭހައިން ފައިސާ ލިބޭ އިންތިޒާމު ތަކެއް ހަމަޖެއްސުމަށް ރާއްޖެއިން ވަކާލާތު ކުރާނެކަމަށް ފައިސަލް ވިދާޅުވިއެވެ. ދަރަނި ކުޑަ އިންޓްރަސްޓެއްގައި ފަސޭހައިން ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށްވެސް ރާއްޖެއިން ވަކާލާތު ކުރާނެކަމަށް ފައިސަލް ވިދާޅުވިއެވެ.