ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަންމަދު މުއިއްޒު ރޭ ފ. ނިލަންދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅާއި ގުޅިގެން، އެ ދާއިރާއަށް އަމިއްލަ ކެންޑިޑޭޓެއްގެ ގޮތުގައި ކުރިމަތި ލައްވާފައިވާ އަޙްމަދު ރަޝީދު މަޖިލީހަށް ހޮވިއްޖެނަމަ، ފުރިހަމަ ތާއީދާއި އެއްބާރުލުން ރައީސް މުއިއްޒުގެ ސަރުކާރަށް މަޖިލިސް ތެރެއިން ދެއްވާނެ ކަމުގެ ޔަގީންކަން ދެއްވައިފިއެވެ.
އަޙްމަދު ރަޝީދުގެ ފަރާތުން ސޯޝަލް މީޑިޔާގައި އާންމުކުރި ލިޔުމެއްގައި ވިދާޅުވީ، ނިލަންދޫ ދާއިރާގެ ރައްޔިތުންނާ ބައްދަލު ކުރައްވައި ރައީސް ރޭ ދެއްކެވި ވާހަކަފުޅުގައި ދާއިރާ ތަރައްޤީ ކުރެއްވުމަށް ސަރުކާރުން ކުރައްވާނެ މަސައްކަތްޕުޅުތައް ހާމަކުރެއްވުމުން ވަރަށް އުފާވި ކަމަށެވެ.
"އަޅުގަނޑު މިހުރީ އެ ހުރިހާ މަސައްކަތްތައް ކުރިޔަށް ގެންދިއުމަށް ސަރުކާރަށް ފުރިހަމައަށް އެއްބާރުލުންދޭން ތައްޔާރަށް. އަޅުގަނޑަކީ ދާއިރާގެ ފުރަތަމަ އިންތިޚާބީ ރައީސްގެ ޙައިސިއްޔަތުން މަނިކުފާނު ވެރިކަމަށް ގެނައުމަށް ނުހަނު އިޚުލާސްތެރިކަމާއެކު މަސައްކަތްކުރި މީހެއްކަން ދާއިރާގެ ރައްޔިތުން ހެކިވާނެ. މަނިކުފާނު ވެރިކަމަށް ގެނައުމުގައި އަޅުގަނޑުގެ ހިއްސާވެސް އޮތުމާއެކު މަނިކުފާނުގެ ވެރިކަން ނަގަހައްޓައި ދެމެހެއްޓުމަށްޓަކައިވެސް އަޅުގަނޑު އިޚުލާޞްތެރިކަމާއެކު މަސައްކަތްކުރާނެ ވާހަކަ ދަންނަވަން" އަޙްމަދު ރަޝީދު ވިދާޅުވެފައިވެއެވެ.
ނިލަންދޫ ދާއިރާގެ މަޖްލިސް އިންތިޚާބު އޭނާއަށް ކާމިޔާބު ކުރެވިއްޖެނަމަ މަޖުލީހުގެ ތެރެއިންވެސް ރައީސް ޑރ. މުއިއްޒާއި ސަރުކާރަށް އެއްބާރުލުން ދެއްވާނެ ކަމުގެ ޔަގީންކަންވެސް އަޙްމަދު ރަޝީދު ވަނީ ދެއްވާފައެވެ.
އަޙްމަދު ރަޝީދަކީ ނިމިގެންދިޔަ ރިޔާސީ އިންތިޚާބުގައި ރައީސް ޑރ. މުއިއްޒު ރައީސް ކަމަށް ގެނައުމަށް ނިލަންދޫ ދާއިރާގައި ވަރަށް އިސްކޮށް ހަރަކާތްތެރިވި ޒުވާނެކެވެ.
ނިލަންދޫ ދާއިރާއަށް ކުރިމަތި ލައްވާފައި ވަނީ އެންމެ ދެ ކެންޑިޑޭޓުންނެވެ. އެއީ އަޙްމަދު ރަޝީދުގެ އިތުރުން ސަރުކާރުގެ ކެންޑިޑޭޓްގެ ގޮތުގައި ވާދަކުރައްވާ ރައީސް މުއިއްޒުގެ ކޮއްކޯފުޅު ފާތިމަތު ސައުދާއެވެ. މި ދާއިރާ މިހާރު ވެފައި ވަނީ ވަރަށް ފޯރިގަދަ ދާއިރާއަަކަށެވެ.
ރޭ ރައީސް ދެއްކެވި ވާހަކަފުޅުގައި ނިލަންދޫއަށް ތަރައްގީގެ ވަރަށްގިނަ މަޝްރޫއުތައް ހުރިކަން ފާހަގަ ކުރައްވާފައިވެއެވެ. އަދި މިހާރު ފަށާފައިވާ އެއާރޕޯޓުގެ މަސައްކަތްވެސް ދެން ނުހުއްޓި ބާރަށް ގޮސް ނިންމާލާނެ ކަމަށްވެސް ވިދާޅުވިއެވެ.