ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އިސްވެ ހުންނަވައި އުފައްދާ ޕީއެންއެފް އުފެއްދުމަށް ޣިޔާސުއްދީން ސްކޫލްގައި ބާއްވަން އުޅުނު ޖަލްސާއަށް އެސްއޯ ފުލުހުން ގޮސް ހުރަސްއެޅި މައްސަލަ ބައްލަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަންމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެ މައްސަލައިގައި ރައީސް ވިދާޅުވީ އެކަން ހިނގައިދިޔައީ ރައީސް އެންހެވިގޮތާ ޚިލާފަށް ކަމަށެވެ. ރައީސް ވިދާޅުވީ އެމަނިކުފާނަކީ ސިޔާސީ ގޮތުން ބަދަލު ހިފުމުގެ ރޫހު ގެންގުޅުއްވާނެ ބޭފުޅެއް ނޫން ކަމަށާއި، އަދި ސިޔާސީ ގޮތުން އެއްވެސް ފަރާތަކަށް ގޯނާއެއް ކުރަން ސަރުކާރުގެ އެއްވެސް ހިސާބަކުން ނާންގަވާނެ ކަމަށްވެސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ޕީއެންއެފް ޖަލްސާއަށް އެމަނިކުފާނު ވަރަށް ސާފުކޮށް އިރުޝާދު ދެއްވާފައިވާނެ ކަމަށާއި، އެއާޚިލާފަށް ކަންކަން ދިޔުމުން ހިތާމަ ކުރައްވާ ކަމަށެވެ. އެހެންކަމުން ހޯމް މިނިސްޓަރާއި ކޮމިޝަނަރ އޮފް ޕޮލިހަށް ގުޅުއްވައި، އެޙާދިސާގެ ތަހުގީގު ހިންގެވުމަށްވެސް އެދިވަޑައިގެންފައިވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ޕީއެންއެފް އުފައްދަން ބާއްވަން އުޅުނު ޖަލްސާ ޣިޔާސުއްދީނުގައި ބޭއްވޭގޮތް ނުވީ ފުލުހުން އެތަނަށް ގޮސް ހުރަސް އެޅުމުގެ ތެރޭގައެވެ. އަދި ފުލުހުން އެ ބައްދަލުވުން ރޫޅާލުމަށް ހިންގި ހަރަކާތުގައި ބާރުގެ ބޭނުން ކުރުމުގެ ސަބަބުން ބަޔެއް ފަރާތްތަކަށް ވަނީ އެކިވަރުގެ އަނިޔާވެސް ވެފައެވެ.