ކެނދިކުޅުދޫ ކައުންސިލްގެ ބަޔާން ބާތިލު ކުރަން އެންގި މައްސަލައިގައި އެލްޖީއޭ ހާޒިރު ކުރަނީ

ކެނދިކުޅުދޫ ކައުންސިލްގެ ބަޔާން ބާތިލު ކުރަން އެންގި މައްސަލައިގައި އެލްޖީއޭ ހާޒިރު ކުރަނީ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނ. އަތޮޅަށް ކުރެއްވި ދަތުރު ފުޅާ ގުޅިގެން އެ އަތޮޅު ކެނދިކުޅުދޫ ކައުންސިލުން ނެރުނު ބަޔާން ބާތިލު ކުރަން އެންގި މައްސަލައިގައި ލޯކަލް ގަވަރުމެންޓް އޮތޯރިޓީ (އެލްޖީއޭ) ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީއަށް ހާޒިރުކުރަން ނިންމައިފިއެެވެ.

އެމަނިކުފާނުގެ ދަތުރުފުޅާ ގުޅިގެން މިމަހު ތިން ވަނަ ދުވަހު ކެނދިކުޅުދޫ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ރައީސް މުއިއްޒު ރަސްމީ ދަތުރުފުޅެއްގައި އެ ރަށަށް ވަޑައިގެން ބޭއްވި ޖަލްސާގެ ވަކި ހިސާބަކުން ރައީސްއާއި ވަޒީރުންގެ ވާހަކަފުޅުގެ މިސްރާބު ސިޔާސީ ޕޯޑިއަމެއްގައި ރައީސް ނިސްބަތްވެވަޑައިގަންނަވާ ޕާޓީގެ ފަރާތުން މަޖިލިސް އިންތިޚާބަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންނަށް ތާއީދު ހޯދަން ދެއްކެވި ވާހަކަފުޅަކަށް ބަދަލުވެފައިވާ ކަމަށެވެ.

"އެ ހަފުލާ އިންތިޚާބަށް ކެމްޕެއިން ކުރުމުގެ މަގުސަދުގައި އިންތިޒާމު ކުރެވުނު ހަފުލާއަކަށް ބަދަލު ވެގެންދިޔަ ދިއުން، މި ކައުންސިލުގެ ފަރާތުން ކުށްވެރި ކުރަމެވެ. ކައުންސިލުން ދެކޭ ގޮތުގައި ދައުލަތުގެ ވަސީލަތްތަކާއި ދައުލަތުގެ އިދާރާތަކުގެ ނަހަމަ ބޭނުން ހިފައިގެން ހިންގޭ އެފަދަ އަމަލު ތަކުގެ ސަބަބުން ރައްޔިތުންގެ މެދުގައި ދައުލަތުގެ އިދާރާ ތަކަށްކުރާ އިތުބާރަށް ވަރަށް ބޮޑަށް ބުރޫއަރާނެ އެވެ،" ބަޔާނުގައިވެއެވެ.

ކެނދިކުޅުދޫ ކައުންސިލްގެ ރައީސް މުހައްމަދު ރައޫފް ވިދާޅުވީ، އެ ބަޔާން މާދަމާގެ ރަސްމީ ގަޑި ނިމުމުގެ ކުރިން ބާތިލު ކުރަން ލިޔުމުން އެލްޖީއޭ އިން އެ ކައުންސިލަށް އެންގި ކަމަށެވެ.

"އެލްޖީއޭ އިން ބުނީ ކައުންސިލް ތަކަށް އެ ގޮތަަށް ބަޔާން ނުނެރެވޭނެ ކަމަށް. އަދި ޤާނޫނު އަސާސީގެ 115 ވަނަ މާއްދާގެ ދަށުން ރައީސަށް ލިބިދޭ ބާރުގެ ދަށުން ވިދާޅުވާ ކަންކަމަށް ކައުންސިލުން ފާޑު ނުކިޔޭނެ ކަމަށް،" އޭނާ ވިދާޅުވިއެވެ.

ކެނދިކުޅުދޫ ކައުންސިލްގެ ބަޔާން ބާތިލު ކުރަން އެލްޖީއޭއިން އެނގި މައްސަަލަ ލާމަރުކަޒީ ކޮމިޓީއަށް ހުށަހެޅުއްވީ، އެދާއިރާގެ މަޖިލިސް މެންބަރު އަހުމަދު އީސަ އެވެ.

އެކަމާއި ބެހޭގޮތުން މިއަދު ބޭއްވި ކޮމިޓީގެ ބައްދަލުވުމުގައި، ކޮމިޓީއަށް އެލްޖީއޭ ހާޒިރުކޮށް ސުވާލު ކުރަން ހުށަހެޅުއްވީ، މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދެވެ. ތާއީދު ކުރެއްވީ މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު ފަލާހެވެ. މި ހުށަހެޅުމާ އެއްގޮތަށް ކޮމިޓީއަށް އެލްޖީއޭ ހާޒިރުކުރަން ކޮމިޓީން ވަނީ ފާސްކޮށްފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *