ކުރީގެ ރައީސް ޔާމީން. ޕީއެންއެފްގެ ބައްދަލުވުމެއްގައި

އަޅުގަނޑު މިނިވަން ކުރަން ރައީސް މުއިއްޒު އެއްވެސް ކަމެއް ކުރާނެ ކަމަށް އިންތިޒާރެއް ނުކުރަން، އެ ވާހަކަ ހުއްޓާލާ: ޔާމީން

އަޅުގަނޑު މިނިވަން ކުރަން ރައީސް މުއިއްޒު އެއްވެސް ކަމެއް ކުރާނެ ކަމަށް އިންތިޒާރެއް ނުކުރަން، އެ ވާހަކަ ހުއްޓާލާ: ޔާމީން

މިވަގުތުވެސް ޖަލު ހުކުމުގައި ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤަތްޔޫމް ޖަލު ހުކުމުން މިނިވަން ކުރުމަށް ރައީސް ޑރ. މުއިއްޒު އެއްވެސް ކަމެއް ކުރައްވާނެ ކަމަށް އެއްވެސް ވަރަކަށް އިންތިޒާރު ނުކުރައްވާ ކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީން އިސްވެ ހުންނަވައި އުފައްދަވާ ޕީއެންއެފް އިން ތާއީދު ކުރާ މަޖިލިސް އިންތިޚާބުގެ ކެންޑިޑޭޓުންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ކުރީގެ ސަރުކާރުން ދީފައިވާ ލުޔަށްވުރެ ބޮޑު ލުޔެއް ރައީސް ޑރ. މުހަންމަދު މުއިއްޒު ދެއްވަން ކެރިވަޑައިނުގެން އުުޅުއްވަނީ ސަބަބުތަކެއްވެސް ހުރުމުން ކަމަށެވެ. އެގޮތުން ލުޔެއް ދީފިނަމަ، ޓީވީ ތަކަށް އިންޓަވިއު ދެއްވުމާއި، ޕީޕީއެމް ދޫކުރައްވައި ޕީއެންއެފް އުފައްދަން ޖެހުނު ސަބަބު ރައްޔިތުންނަށް ކިޔައިދެއްވަފާނެ ކަމުގެ ބިރު ރައީސް ޑރ. މުއިއްޒަށް އޮތުމުން ކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

"އަޅުގަނޑުގެ އިންތިޒާރުގެ އެއްވެސް ހިސާބަކު ނެތް، ރައީސް މުއިއްޒު އަޅުގަނޑު ވީއްލުމަށް އެއްވެސް މަސައްކަތެއް ކުރައްވާ ކަމަކަށް. ކުރައްވަންޏާ ކީއްވެގެންތޯ މިއަދު ކުރަންވީ. ކީއްވެގެންތޯ މި ދެމަސް ދުވަސް ދިޔައިރު ނުކުރެވެންވީ. އެހެންވީމާ އެވާހަކަ ހުއްޓާލާ" ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވަނީ އެމަނިކުފާނުގެ ސަޕޯޓަރުންނަށްވެސް އިލްތިމާސެއް ކުރައްވާފައެވެ. އެއީ ރައީސް ޑރ. މުއިއްޒުގެ ސަރުކާރުން ރައީސް ޔާމީން މިނިވަން ނުކޮށްގެން އެވާހަކަ ދެއްކުން ހުއްޓާލުމަށް އިލްމާސް ކުރެއްވުމެވެ.  އަދި އިސްތިއުނާފީ މަރުހަލާ ތަކުގެ ތެރެއިން ޤާނޫނީ ފަރުވާ ލިބިގެން ރައީސް ޔާމީން މިނިވަންވާނެ ކަމަށްވެސް ވިދާޅުވިއެވެ.

 

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *