ޝާހިދު ސަރުކާރަށް: ޖަދަލު ކޮށްފައި ދަންނަވަން، ސިއްރު އެއްބަސްވުމެއް ހަދާފައި އޮތްނަމަ ދައްކަވާ

ޝާހިދު ސަރުކާރަށް: ޖަދަލު ކޮށްފައި ދަންނަވަން، ސިއްރު އެއްބަސްވުމެއް ހަދާފައި އޮތްނަމަ ދައްކަވާ

ބޭރުގެ އެއްވެސް ބަޔަކާއެކު ރައީސް އިބްރާހީމް މުހަންމަދު ސޯލިހުގެ ވެރިކަމުގައި ސިއްރު އެއްބަސްވުމެއް ހަދާފައި އޮތް ނަމަ ދެއްކުމަށް ކުރީ ސަރުކާރުގެ ޚާރިޖީ ވަޒީރު އަދި މިހާރު އެމްޑީީޕީގެ ރައީސް އަބްދުﷲ ޝާހިދު ސަރުކާރަށް ގޮވާލައްވައިފިއެވެ.

ހދ. ކުޅުދުށްފުށީގައި ބޭއްވި މަޖިލިސް އިންތިޚާބުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވީ، މިހާރުގެ ސަރުކާރު ވެރިކަމަށް އައުމަށް ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގައި "ދޮލަނގަށް ލައިގެން" އެންމެ ބޮޑަށް ވިއްކި އެކައްޗަކީ ރާއްޖޭގައި ހާހުން ގުނޭވަރަށް އިންޑިޔާ ސިފައިން ހަތިޔާރާއެކު ރާއްޖޭގައި އެބަތިބި ކަމަށެވެ. އަދި ސަރުކާރުން އިންޑިޔާއާއެކު ސިއްރު އެއްބަސްވުން ތަކެއް ހަދާފައިވާ ކަމަށެވެ.

"މިތާ ކައިރީގައި މިއޮތް ހަނިމާދޫގައިވެސް އެތައްހާސް ސިފައިންނެއް ތިބެގެން އެތަނަށް ދޮގުރެސްގެ މީހުން އައިސް އެތަނުގައި ތިބި މީހުންގެ ފޮޓޯ ނެގުމުގެ މަސައްކަތްތަކެއް ކުރަނީ ކަމަށް ދައްކައިގެންވެސް ބޮޑު ހައިޖާނު ގަނޑެއް ހިންގީ. އަދި ހަމައެއާއެކު ރާއްޖޭގެ އެހެން ދިމަދިމާލުވެސް ހަތިޔާރު އެޅި ސިފައިން ތިބިކަމުގެ ދޮގު ވާހަކަތައް، ބުހުތާން ދޮގު ހެދި" ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ އިންޑިޔާއާއެކު ސިއްރު އެގްރީމެންޓްތަކެއް ހެދިކަމުގެ ތުހުމަތު އޭރުގެ ސަރުކާރުގެ ބޮލުގައި އަޅުވަމުން ދިޔައިރު، ރާއްޖޭގައި ހަތިޔާރު އެޅި ބޭރުގެ އެންމެ ސިފައިންގެ މީހެއްވެސް ނުހުންނާނެ ކަމަށް ސަރުކާރުން އޭރުވެސް ބުނަމުން ދިޔަ ކަމަށެވެ. އެ ހުރިހާ ތުހުމަތެއް ކުރަމުން ދިޔައިރު ރާއްޖޭގައި އެފަދަ "އެންމެ ބޫޓު ޖޯޑެއްވެސް ނެތް" ކަމަށެވެ.

"އެބޭފުޅުން ވިދާޅުވީ ނޫނެކޭ. ހުރިހާ އެއްޗެއް ފޮރުވައިގެންނޭ ތިބީ. އަޅުގަނޑު ޖަދަލުކޮށްފަ އެބޭފުޅުންނަށް މި ދަންނަވަމުން ގެންދަނީ، އެބޭފުޅުން ވެރިކަމަށް ވަޑައިގެންނެވި ފަހުން މިހާރު ސަތޭކަ ދުވަހަށްވުރެ ގިނަދުވަސް ވެގެން މިދިޔައީ. ތި އެގްރީމެންޓްތައް ދައްކަވާށޭ" ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވަނީ ރާއްޖޭގައި ތިބި އިންޑިޔާ ސިފައިން އަނބުރައި އިންޑިޔާއަށް ފޮނުވާލަނީ ކަމަށްބުނެ، ސަރުކާރުން މިހާރު ދައްކަމުންދާ ވާހަކަތަކާއި ކަންކަން ކުރައްވާ ގޮތަށްވެސް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *