ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ރޯދައިގެ ފަހަށް، ފަސް ކުރަން ބޭނުންފުޅު ނުވާކަމަށާއި، ބޭނުންފުޅު ވަނީ މިހާރު އޮތް ތާރީޚު ކަމަށްވާ އަންނަ މާޗު މަހުގެ 17 ވަނަ ދުވަހު އިންތިޚާބު ބާއްވަން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަންމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ގދ.ގެ ރަށްތަކަށް މިހާރު ކުރައްވާ ދަތުރުފުޅުގައި ރައީސް ވިދާޅުވީ
ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އޮންނަ އިދިކޮޅު އެމްޑީޕީން އިންތިހާބާ ބެހޭ ގާނޫނަށް ގެނައި އިސްލާހު އޮތީ ރޯދައިގެ ފަހުން އިންތިހާބު ބާއްވާ ގޮތަށެވެ. ރޯދަ މަހު އިންތިހާބުތައް ނުބާއްވާ ގޮތަށް ގާނޫނަށް އެ އިސްލާހު ގެނައީ ވެސް މަޖިލިސް އިންތިހާބު ފަސްކުރުމަށެވެ.
ރޯދަ މަހު އިންތިޚާބު ބާއްވަން އިލެކްޝަން ކޮމިޝަނުންވެސް ނިންމާފައި ވަނިކޮށް، ރައްޔިތުންގެ މަޖިލީހުން ވަނީ އިންތިޚާބު ރޯދައިގެ ފަހުން ބާއްވަން ބިލެއް ފާސްކޮށްފައެވެ. ނަމަވެސް އެ ބިލު ރައީސް އަދި ތަސްދީގު ކުރައްވާފައި ނުވެއެވެ. ރޯދައިގެ ފަހުން އިންތިޚާބު ބާއްވަން މަޖިލީހުން ބިލު ފާސްކުރީ، ރޯދަ މަހު އިންތިޚާބު ބާއްވައިފިނަމަ، އޮފިޝަލުން ހޯދުމުގައިވެސް ދަތިތަކެއް އަންނާނެ ކަމަށާއި، އަދި ވޯޓުލާން ނުކުންނަ މީހުންގެ އަދަދުވެސް މަދުވާނެ ކަމަށްބުނެ އިލެކްޝަން ކޮމިޝަނުންވެސް ކަންބޮޑުވުން ފާޅުކޮށްފައި ވަނިކޮށެވެ. މިހާރު މަޖިލީހުން ފާސްކޮށްފައި އޮތް ބިލުގައިވާ ގޮތުން އިންތިޚާބު ބާއްވާނީ އޭޕްރީލް މަހުގެ 20 ވަނަ ދުވަހުއެވެ. ބިލު ފާސްކޮށްފައި ވަނީ މިމަހުގެ 11 ވަނަ ދުވަހުއެވެ.
ނަމަވެސް ރައީސް ގެންދަވަނީ އަންނަ މަހުގެ 17 ވަނަ ދުވަހު އިންތިޚާބު އޮންނާނެކަން ތަކުރާރުކޮށް ވިދާޅުވަމުންނެވެ. މިހާރު މަޖިލީހުން ރައީސަށް ފޮނުވާފައިވާ ބިލު ތަސްދީގު ނުކޮށް، އަނބުރައި މަޖިލީހަށް ފޮނުވާލުމުގެ ބާރުވެސް ރައީސަށް ލިބިވަޑައިގެންވެއެވެ. އަދި ބިލަށް އެއްވެސް ބަދަލެއް ނުގެނެސް އަލުން ބިލު ފާސްކޮށް ރައީސަށް ފޮނުވުމުގެ ބާރު މަޖިލީހަށްވެސް ލިބިގެންވެއެވެ. ދެވަނަ ފަހަރަށް މަޖިލީހުން ބިލު ފާސްކޮށް، ތަސްދީގު ކުރަން ރައީސަށް ފޮނުވައިފިނަމަ، އެ ބިލެއް ތަސްދީގު ކުރައްވަން ޖެހިވަޑައިގަންނަވާނެއެވެ.
އިދިކޮޅު މައި ޕާޓީ އެމްޑީޕީ އާއި ޑިމޮކްރެޓްސް ގުޅިގެން ގެނައި އިސްލާހު ގެންނަމުން އެ ދެޕާޓީންވެސް ބުނެފައި ވަނީ ރޯދަ މަހު އިންތިޚާބު ބާއްވައިފިނަމަ، ވޯޓުލާން ނުކުންނަ މީހުންގެ އަދަދު ވަރަށް ބޮޑަށް މަދުވެ، ގިނަ އުދަނގޫތަކެއް ކުރިމަތިވާނެ ކަމަށެވެ.