ރައީސް އަޒުލު ކުރުން: މަޖިލީހުގެ ކޯރަމާއި ގުޅޭ މައްސަލަ މިމަހުގެ 25 ގައި، ސުޕްރީމް ކޯޓުން ނޯޓިސް ފޮނުވައި

ރައީސް އަޒުލު ކުރުން: މަޖިލީހުގެ ކޯރަމާއި ގުޅޭ މައްސަލަ މިމަހުގެ 25 ގައި، ސުޕްރީމް ކޯޓުން ނޯޓިސް ފޮނުވައި

ރައްޔިތުންގެ މަޖިލީހުގައިތިބި މެންބަރުންގެ ތެރެއިން، އެމްޑީޕީ މެންބަރުންނާއި، ދަ ޑިމޮކްރެޓްސްގެ މެންބަރުން ގެ ވޯޓުން އެކަނިވެސް ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނާއިބު މަގާމުން އަޒުލު ކުރެވޭ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދަށް ގެނައި އިސްލާހާ ގުޅިގެން ދައުލަތުގެ ބަންޑާރަ ނައިބު އަހުމަދު އުޝާމް ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލަ މިމަގުގެ 25 ގައި ފަށަން ނިންމައިފިއެވެ.

ބަންޑާރަ ނައިބު އޮފީހުގެ އޮފިޝަލަކު ވިދާޅުވީ، އެ މައްސަލައިގެ ފުރަތަމަ އަޑު އެހުން މިމަހުގެ 25 ގައި ބާއްވާ ގޮތަށް ސުޕްރީމް ކޯޓުގެ ނޯޓިސް އެ އޮފީހަށް ލިބިފައިވާ ކަމަަށެވެ.

ހުސްވި ޑިސެމްބަރު މަހުގެ 18 ވަނަ ދުވަހު ބޭއްވި ރައްޔިރުންގެ މަޖިލީހުގެ 2023 ވަނަ އަހަރުގެ ތިން ވަނަ ދައުރުގެ 37 ވަނަ ޖަލްސާގައި މަޖިލީހުގެ ޤަވާއިދަށް އިސްލާޙު ތަކެއް ގެންނަން ފާސްކުރި އިރު، އޭގެ ތެރެއިން އެ ޤަވާއިދުގެ 49 ވަނަ މާއްދާއަށް ގެނެސްފައިވާ އިސްލާހަކީ ޤާނޫނު އަސާސީއާއި ޚިލާފު އިސްލާހެއް ކަމަށް ބަނޑާރަ ނައިބު ވަނީ ސުޕްރީމް ކޯޓަށް ހުށަހަޅުއްވައިފައެވެ.

މަޖިލީހުގައި ހިމެނޭ ހުސްގޮނޑީ ނުހިމެނޭ ގޮތަށް މަޖިލީހުގެ ކޯރަމް ގުނަން ކަނޑައަޅައި، މި އިސްލާޙު ގެނެސްފައި ވަނީ މަޖިލިސް ޤަވާއިދުގެ 49 ވަނަ މާއްދާގެ (ޅ)ގެ ފަހަތަށް ތިން އަކުރު އިތުރު ކުރުމަށެވެ.

އެގޮތުން (ކ)ގެ ގޮތުގައި އިތުރުކުރި މާއްދާގައި ބުނަނީ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދު ގުނުމުގައި ބަލާނީ މަޖިލިސް މެންބަރުންގެ ގޮތުގައި އެވަގުތު ދެމިތިބި މެންބަރުންގެ ޖުމްލަ އަދަދަށް ކަމަށެވެ. (އ) ގައި ވަނީ ރައްޔިތުންގެ މަޖިލީހުގެ އުމުރު ހަމަވުމުގެ ސަބަބުން ނޫން ގޮތަކަށް އެއްވެސް އިންތިޚާބީ ދާއިރާއެއްގެ ގޮނޑި ހުސްވެއްޖެނަމަ، އެ އިންތިޚާބީ ދާއިރާއެއްގެ ގޮޑިއަށް މެންބަރަކު އިންތިޚާބު ކުރުމާ ހަމައަށް، މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދު ގުނުމުގައި އެ އިންތިޚާބީ ދާއިރާއެއް ނުގުނޭނެ ކަމަށެވެ. އަދި (ވ) ގައި ބުނަނީ ހިނގަމުންދާ މަޖިލީހުގެ އުމުރެއްގައި މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދަށް އެއްވެސް ބަދަލެއް އައިސްފިނަމަ، އެ ބަދަލެއް އަންނަ ތާރީހާ ވިދިގެން އެންމެ އަވަހަށް ބާއްވާ މަޖިލީހުގެ ޖަލްސާއެއްގައި އެކަން މަޖިލީހުގެ ރައީސް އެކަން އިއުލާން ކުރަންވާނެ ކަމަށެވެ.

ޤަވާއިދަށް މި އިސްލާހު ގެނައީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ނައިބު ރައީސްގެ ގޮތުގައި ހުސެއިން މުހައްމަދު ލަތީފް އިންތިހާބު ވުމާއި، ސަރުކާރުގެ ސިޔާސީ މަގާމު ތަކަށް ވަޑައިގެންނެވުމަށް 6 މެންބަރަކު މަޖިލީހުގެ މެންބަރުކަމުން އިސްތިއުފާ ދެއްވުމާ ގުޅިގެން އެ ދާއިރާތައް ހުސްވުމުންނެވެ.

އެ ބޭފުޅުންނަކީ ނައިބު ރައީސް ކަމަށް އިންތިހާބުވެ ވަޑައިގެންނެވި، ކުރީގެ ފަރެސް މާތޮޑާ ދާއިރާގެ މެންބަރު ހުސެއިން މުހައްމަދު ލަތީފް އާއި ބަންޑާރަނައިބު ކަމުގެ މަގާމުގައި ހުންނެވި، ވިލިމާލޭ ދާއިރާގެ މެންބަރުކަން ކުރެއްވި އަހުމަދު އުޝާމް އާއި މިހާރު ސިޓީސް، ލޯކަލް ގަވާމަންޓް އެންޑް ޕަބްލިކް ވާކްސް މިނިސްޓަރުގެ މަގާމުގައި ހުންނެވި މަޑުއްވަރީ ދާއިރާގެ ކުރީގެ މެންބަރު އާދަމް ޝަރީފް އާއި ނައިފަރު ދާއިރާގެ ގޮޑި ފުރުއްވަމުން ގެންދެވި މިހާރުގެ ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް އާއި މިހާރުގެ ޑިފެންސް މިނިސްޓަރު ކުރީގެ ގުރައިދޫ ދާއިރާގެ މެންބަރު މުހައްމަދު ގައްސާން މައުމޫނާއި ފެލިދޫ ދާއިރާގެ ގޮނޑި ފުރުއްވަމުން ގެންދެވި މިހާރުގެ އެޗްޑީސީގެ އެމްޑީ އިބްރާހިމް ފަޒުލް ރަޝީދެވެ.

ޤާނޫނު އޮތް ގޮތުން ދެން އަންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ކުރިން އެ ދާއިރާތަކަށް މެންބަރުން އިންތިޚާބުވެސް ނުކުރެވޭނެތީއެވެ. ޤާނޫނު ބުނާ ގޮތުން ހިނގަމުންދާ މަޖިލީހުގެ ދައުރު ހަމަވާން ހަ މަސް ދުވަހުގެ މުއްދަތެއް އޮތްނަމަ، އެ ގޮނޑިތަކުގެ ބައި އިލެކްޝަނެއް ބާއްވާކަށް ނުޖެހޭނެއެވެ. އެހެންކަމުން އެ ހަތް ގޮނޑީގެ ބައި އިލެކްޝަން ނުބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމައިފައެވެ.

މިހާރު އޮތް ގޮތުން ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބާއްވާނީ އަންނަ މާޗް މަހުގެ 17 ގައެވެ. ނަމަވެސް ރޯދައިގެ ފަހުން އިންތިޚާބު ބާއްވަން މަޖިލީހަށް ހުށަހަޅާފައި ވާތީ އެއަށްވުރެ މަހެއްހާ ދުވަސް ފަސްވުން އެކަށީގެންވެއެވެ. އެހެން ކަމުން މަޖިލިސް ޤަވާއިދަށް ގެނައި އިސްލާހުގައި ވާގޮތުން މަޖިލީހުގެ މެންބަރުން ގުނަމުން ގެންދަނީ ހުސްވި ގޮނޑިތައް ނުހިނަމައެވެ. އެގޮތަށް ގުނާއިރު މިހާރު މަޖިލީހުގައި ތިއްބެވީ 80 މެންބަރުންނެވެ. އެ އަދަދަށް ބަލާއިރު މަޖިލީހުގެ ތިންބައިކުޅަ ދެބައި މެންބަރުންގެ އަދަދަކީ 54 މެންބަރުންނެވެ. އެހެންކަމުން މަޖިލީހުގައި ތިއްބެވި އެމްޑީޕީގެ 41 މެންބަރުންގެ ވޯޓާއި ދަ ޑިމޮކްރެޓްސްގެ 13 މެމްބަރުންގެ ވޯޓުން ރައީސުލްޖުމްހޫރިއްޔާ އާއި ނައިބު ރައީސް އަޒުލު ކުރެވޭނެއެވެ.

ޤަވާއިދު ކުރިން އޮތް ގޮތުން ރައީސުލްޖުމްހޫރިއްޔާ އާއި ނައިބު ރައީސް މަގާމުން އަޒުލު ކުރެވޭނީ މަޖިލީހުގެ ތިންބައިކުޅަ ދެ ބައި މެންބަރުންގެ ވޯޓުންނެވެ. އެއީ 87 މެންބަރުންގެ ތެރެއިން 58 މެންބަރުންނެވެ.

މަޖިލިސް ޤަވާއިދުގެ 49 މާއްދާގެ އިތުރުން ޤަވާއިދުގެ 202 ވަނަ މާއްދާ އާއި ޤަވާއިދުގެ 203 ވަނަ މާއްދާއަށް ވެސް މަޖިލީހުން ވަނީ އިސްލާހު ގެނަސްފައެވެ. އެއީ އަޒުލު ކުރުމުގެ މަރުހަލާ އަވަސް ކުރުމަށެވެ. އެގޮތުން ރައީސާއި ނައިބު ރައީސް ވަކިކުރުމަށް ގަރާރެއް ލިބިއްޖެ ނަމަ، ދެ ދުވަސް ތެރޭގައި ނޯޓިސް ފޮނުވައި، 14 ދުވަސް ދިނުމަށް ފަހު މައްސަލަ ކުރިއަށްގެންދަން ޖަލްސާއެއް ބާއްވަން ޖެހޭނެއެވެ.

ނަމަވެސް އެކަމުގެ ބަހުސް ދެ ގަޑިއިރަށް ކުރިއަށްގެންދަން ޖެހޭނެ ކަމަށް މިހާރު ކަނޑައަޅާފައި އޮތް ގޮތް ބަދަލުކޮށް އިސްލާހުގައި ވަނީ ބަހުސް ތިން ގަޑިއިރަށް އިތުރުކޮށްފައެވެ. ރައީސާއި ނައިބު ރައީސަށް ދިފާއުގައި ވާހަކަ ދެއްކެވުމަށް 30 މިނެޓު ކަނޑައަޅާފައިވާ އިރު، ކުރެވޭ ތުހުމަތު ތަކުން ދިފާއުވެވަޑައިގަތުމަށް ތިން ވަކީލުން ބޭނުންކުރެވޭނެ ކަމަށާއި، އެ މައްސަލަ ކޮމިޓީގައި ކުރިއަށްދާ އިރުވެސް ހާޒިރުވެވަޑައިގެން ޖަވާބު ދާރީވާން ފުރުސަތު ލިބޭނެ ކަމަށް ވަނީ ހިމަނައިފައެވެ. ނަމަވެސް އެ އިސްލާހުގެ މައްސަލައެއް ބަންޑާރަ ނައިބު ސުޕްރީމް ކޯޓަށް ހުށަހެޅި މައްްސަލައިގައި ފާހަގަ ކޮށްފައެއް ނުވެއެވެ.

ހުސްގޮޑީ ނުލައި މަޖިލީހުގެ ކޯރަމް ގުނޭގޮތަށް މަޖިލީހުގެ ޤަވާއިދަށް ގެނައި އިސްލާހުގެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުއްވުމަށްފަހު، އެ މައްސަލައިގައި ސުޕްރީމް ކޯޓުން ގޮތެއްް ކަނޑައަޅަންދެން، ގަވާއިދަށް ގެނައި އެ އިސްލާހަށް އަމަލު ނުކުރުމުގެ ވަގުތީ އަމުރަކަށްވެސް ސުޕްރީމް ކޯޓުގައި އެދުނެވެ.

އެކަމާގުޅިގެން އެކޯޓުން ވަނީ ވަގުތީ އަމުރެއްވެސް ނެރެފައެވެ. ނަމަވެސް އެ އަމުރަށް ކިޔަމަންނުވަން މަޖިލީހުންވަނީ ފާސްކޮށްފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *