ދިވެހި ކަނޑުން ގެއްލުނު ބައި އަލުން ހޯދާނަން: ރައީސް

ދިވެހި ކަނޑުން ގެއްލުނު ބައި އަލުން ހޯދާނަން: ރައީސް

ދިވެހި ކަނޑުން ގެއްލުނު ބައި މިސަރުކާރުން އަނބުރާ ހޯއްދަވައިދެއްވައި، ދިވެހި ބިމަކީ ބޭރުގެ އަސްކަރީ ބާރުތަކަށް ޖާގަ ނެތް ބިމެއް ކަމުގައި ހައްދަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ފާހަގަކުރާ 46 ވަނަ ޝަހީދުންގެ ދުވަހުގެ މުނާސަބަތުގައި ޓީވީ މެދުވެރިކޮށް ދެއްވި ވީޑިއޯ ޚިޠާބުގައެވެ. ޝަހީދުންގެ ދުވަހުގެ މުނާސަބަތުގައި ރައީސް ވަނީ ދުވަހުގެ ހެޔޮ އެދުންތައް ދިވެހި ލޮބުވެތި އެންމެހައި ރައްޔިތުންނަށް އަރިސް ކުރައްވާފައެވެ.

ރައީސްގެ ޚިޠާބުގައި އަދުގެ ދުނިޔޭގައި އަމިއްލަ ފަސްގަނޑު އެބައެއްގެ އަތުގައި ނެތް ޤައުމުތައް އުޅޭ ޙާލު ފެންނަކަން ފާހަގަ ކުރެއްވިއެވެ. އަދި އެފަދަ ހާލަތަކަށް ދިޔަ ނުދިނުމަށް މަސައްކަތް ކުރުމަށް ބާރުއަޅުއްވައި އެމަނިކުފާނު ވަނީ ޤައުމަށް ތެދުވެރިވެ، ދީނަށް ޙުރުމަތްތެރިކޮށް ހިތައި، ދައުލަތަށް ވަފާތެރިވުމަށް އިލްތިމާސް ކުރައްވާފައެވެ.

އެމަނިކުފާނު ވަނީ އަލިރަސްގެފާނުގެ ޤައުމީ ޖިހާދުގެ ހާދިސާއަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން އެމަނިކުފާނު ވިދާޅުވީ އަލިރަސްގެފާނުގެ ޖިހާދު އަދުގެ ދިވެހީންނަށް ދޭ އެންމެ ބޮޑު އެއްފިލާވަޅަކީ މާތް الله ޙައްޤަށް ނަޞްރު ދެއްވާނެކަން ކަމަށެވެ. އަދި އެއީ ބިމުގެ ކުޑަ ކަމަކާއި އާބާދީގެ މަދުކަމަކާ ގުޅިފައި އޮންނަ ކަމެއް ނޫންކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

އެހެންކަމުން އަލިރަސްގެފާނުގެ އީމާންކަމުގެ މަތިވެރިކަމާއި، އެ ރަދުން ޤައުމާ މެދު އޮތް ލޯބީގެ ފުންކަމާއި، ހިތްވަރުފުޅު ގަދަކަމާއި، ދައުލަތަށް ހުރި ވަފާތެރިކަން ފާހަގަ ކުރައްވައި އެފަދަ ސިފަތައް އަށަގެންނެވުމަށް އެމަނިކުފާނު ބާރުއެޅުއްވިއެވެ.

މީގެއިތުރުންވެސް ޝަހީދުންގެ ދުވަސް ބައްދަލު ކުރަނީ މުހިންމު ޤައުމީ އެތައް ފިލާވަޅަކާއެކު ކަމަށާއި، އެ ފިލާވަޅު ތަކުން ދޭހަކޮށްދޭ އިބުރަތްތައް ހާސިލު ކުރުމަށްޓަކައި ތާރީޚުގެ ފަތްފުށްތައް ބަލަންޖެހޭ ކަމުގައި ރައީސް ވިދާޅުވިއެވެ. ހަމައެއާއެކު އެމަނިކުފާނު ވަނީ ތަފުޞީލީ ގޮތެއްގައި ތާރީޚުގެ ފަތްފުށް ތަކުން ފެންނަ ހެކިތަކާއެކު އެއިން ލިބިދޭ ފިލާވަޅުތައް މިއަދުގެ ޚިޠާބުގައި ވިދާޅުވެދެއްވާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *