ތޮއްޑޫ ސިއްޙީ މަރުކަޒުގެ ބިޑުގެ މައްސަލަ: ސިވިލް ކޯޓުން ފިނޭންސް މިނިސްޓްރީގެ މައްޗަށް އަމުރެއް

ތޮއްޑޫ ސިއްޙީ މަރުކަޒުގެ ބިޑުގެ މައްސަލަ: ސިވިލް ކޯޓުން ފިނޭންސް މިނިސްޓްރީގެ މައްޗަށް އަމުރެއް

އއ. ތޮއްޑޫ ސިއްހީ މަރުކަޒު އިމާރާތް ކުރުމަށް ހުށަހެޅި ބިޑުގެ މައްސަލައިގައި މުސްތަޤިއްލު ރިވިއު ކޮމިޓީން ނިންމި ނިންމުން ހަތް ދުވަހުގެ ކުރިން އެސްޖޭ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑަށް ދިނުމަށް ސިވިލްކޯޓުން މިނިސްޓްރީ އޮފް ފިނޭންސްއަށް އަމުރު ކޮށްފިއެވެ.

މި މައްސަލައަކީ ތޮއްޑޫ ސިއްހީ މަރުކަޒު އިމާރާތް ކުރުމުގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދުމަށް ނޭޝަނަލް ޓެންޑަރިން ކޮށްފައިވާ އިއުލާނާ ގުޅިގެން ބިޑް ހުށަހެޅި ފަރާތުގެ ހައިސިއްޔަތުން އެސްޖޭ ގެ މަސްލަހަތު ހިމާޔަތް ކުރުމަށް، ޖުޑިޝަލް ރިވިއުގެ ދައުވާ އެއް ސިވިލް ކޯޓަށް ހުށަހަޅަން އެސްޖޭއިން ބޭނުންވާ ލިއުންތައް ނުލިބިގެން އެ ލިއުންތައް ހޯދުމަށް އެދި އެސްޖޭގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައެކެވެ.

މި މައްސަލައިގައި ތިން ލިއުމެއް ތިން ލިއުމެއް ހޯދުމަށް ކޯޓު އަމުރެއް ނެރެދިނުމަށް އެސްޖޭއިން ސިވިލްކޯޓުގައި ވަނީ އެދިފައެވެ. އޭގެ ތެރޭގައި ބިޑާ ބެހޭގޮތުން އެސްޖޭއިން ހުށަހެޅި މައްސަލައާގުޅިގެން ފިނޭންސް މިނިސްޓްރީގެ ބީލަމުގެ މައްސަލަ ބަލައި މުސްތަޤިއްލު ރިވިއު ކޮމިޓީގެ 2023 ވަނަ އަހަރުގެ 41 ވަނަ ބައްދަލުވުމުން ނިންމި ނިންމުމާއި، އެ ނިންމުމާ ގުޅިގެން އަލުން ޕްރޮޕޯސަލްތައް ބަލައި އިވެލުއޭޓްކޮށް ނެޝަނަލް ޓެންޑާ ބޯޑުން ނިންމި ނިންމުމުގެ އިތުރުން  މުސްތަގިއްލު ރިވިއު ކޮމިޓީގެ ނިންމުމާ ގުޅިގެން ނޭޝަނަލް ޓެންޑަބޯޑުން އަލުން އިވެލުއޭޓްކޮށް ނިންމި ނިންމުމަށް ވާސިލްވުމަށް އެޓާނީ ޖެނެރަލްގެ އޮފީހުން ދީފައިވާ ލަފައެވެ.

މި މައްސަލަ ބެލުމަށްފަހު ސިވިލްކޯޓުން ކުރި ހުކުމުގައި ވަނީ، އެސްޖޭއިން އެދިފައިވާ ލިއުންތަކުގެ ތެރެއިން، ބިޑާ ގުޅިގެން މުސްތަގިއްލު ރިވިއުކޮމިޓީގެ ހުސްވި އަހަރުގެ 41 ވަނަ ބައްދަލުވުމުން ނިންމި ނިންމުން ހަތް ދުވަހުގެ ކުރިން އެސްޖޭއަށް ދިނުމަށް އަމުރު ކޮށްފައެވެ. އަދި އެ ލިއުންތައް އެސްޖޭއިން ބޭނުން ކުރަންވާނީ އެސްޖޭއިން ހުށަހަޅަން ގަސްތުކުރާކަމަށް މި ގަޒިއްޔާގައި ބަޔާން ކޮށްފައިވާ ދައުވާއާ ގުޅޭގޮތުން އެކަނި ކަމަށް ކަނޑައަޅައި އެ ލިއުންތައް އެހެން ފަރާތަކަށް ހާމަ ނުކުރުމަށް އެސްޖޭ ގެ މައްޗަށް ވަނީ އަމުރު ކޮށްފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *