ކުރީގެ ސަރުކާރުން ކުރިއަށް ގެންދިޔަ ގެދޮރުވެރިޔާ ސްކީމުގެ ދަށުން ދޫކުރި 4000 ފްލެޓްގެ ކަންކަން ކުރިއަށް ގެންދަންވީ ގޮތް އޭސީސީ އިން ހައުސިންގ މިނިސްޓްރީއަށް އަންގައިފިއެވެ.
ފްލެޓް ލިބޭ މީހުންގެ ލިސްޓް ކުރީގެ ސަރުކާރުން ނެރެފައި ވަނިކޮށް، އޭސީސީ އިން އެކަން ހުއްޓުވައި ބަލަންވާ ކަންކަން އިތުރަށް ބެލުމަށް ފަހު ނޫނީ ފްލެޓްތައް ކުރިޔަށް ނުގެންދަން ވަނީ ހައުސިންގ މިނިސްޓްރީއަށް އަންގާފައެވެ. އޭސީސީ އިން ބުނީ އެކަންކަން ބެލުމަށްފަހު ފްލެޓް ދިނުމުގައި ރިއާޔަތް ކުރަންވީ ކަންކަން ހައުސިންގ މިނިސްޓްރީއަށް މިހާރު އަންގާފައިވާ ކަމަށެވެ.
އޭސީސީ އިން ހައުސިންގ މިނިސްޓްރީއަށް އަންގާފައިވަނީ އަސާސީ އުސޫލުތަކާއި ޝަރުތުތަކާ އެއްގޮތަށް ޕޮއިންޓް ދީފައިވާ ފޯމުތަކަށް ބަދަލު ނާންނަ ގޮތަށް އަދި މައްސަލަ ހުރި ފޯމުތައް މުރާޖައާ ކުރުމަށެވެ. އަދި މުރާޖައާ ކުރުމުގައި އުސޫލުގައި ސީދާ ކަނޑައެޅިގެން ވަކި ގޮތެއް ބަޔާން ނުކުރާ ކަންކަމާ މެދު ގޮތްތައް ކަނޑައެޅުމެވެ. އޭސީސީ އިން ބުނެފައި ވަނީ މުރާޖައާ ކުރުމުގައި ތަފާތެއް ނެތި އެއް މިންގަނޑަކުން އަމަލުކުރުމަށެވެ.