ހިނގަމުން އަންނަ ރައްޔިތުންގެ މަޖިލީހުގައި ސަރުކާރު ޒިންމާދާރު ކުރުވުމުގެ މަސައްކަތް އެކުގައި ކުރުމަށް އެމްޑީޕީ އާއި ޑިމޮކްރެޓްސް އިން ނިންމައިފިއެވެ.
ދެޕާޓީ ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ދެޕާޓީންވެސް ބުނީ އެކުގައި މަސައްކަތް ކުރުމަށް ނިންމީ ސަރުކާރުގެ އަމަލުތައް ވަރަށް ބޮޑަށް ގޯސްވަމުން އަންނާތީ ކަމަށެވެ. އެގޮތުން ގާނޫނީ ގޮތުން ގެންނަންޖެހޭ ބަދަލުތައް ގެނައުމުގައިވެސް ދެޕާޓީ ގުޅިގެން ކުރިއަށް ދިއުމަށް ވަނީ ނިންމާފައެވެ.
އެމްޑީޕީން ބުނީ މިއީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގައި އެކުގައި ނުކުތުމަށް ނިންމި ނިންމުމެއް ނޫން ކަމަށާއި، މަޖިލިސް އިންތިޚާބުގައި ދެޕާޓީންވެސް ނުކުންނާނީ ވަކިން ކަމަށެވެ. އަދި މިއީ ޑިމޮކްރެޓްސްއާއެކު ހެދި ކޯލިޝަނެއް ނޫން ކަމަށްވެސް އެމްޑީޕީން ވަނީ ބުނެފައެވެ.