އަމިއްލަ ކުންފުންޏެއް ކަމުގައިވާ ކޭބަލް ސޮޕްއިން ފެނަކަ ކޯޕަރޭޝަނަށް ސަޕްލައި ކޮށްފައިވާ މުދަލަށް ލިބެންޖެހޭ 27 މިލިއަން 6 ލައްކަ ރުފިޔާ ހޯދުމަށް ސިވިލް ކޯޓަށް ހުށަހަޅާ، ކޯޓުގައި މައްސަލަ ކުރިޔަށް ދަނިކޮށް، ކޯޓުން ބޭރުން މައްސަލަ ހައްލުކޮށް، އެ ފައިސާ ދެއްކުމަށް އެއްބަސްވި އުސޫލާ އެގޮތަށް ފައިސާ ނުދައްކާތީ، އެ ފައިސާގެ ތެރެއިން ނުލިބި ބާކީ ހުރި އަދަދު ކަމުގައިވާ 11.9 މިލިއަން ރުފިޔާ ހޯދުމަށް ކޭބަލް ސޮޕް ކުންފުނިން ފެނަކަ ކޯޕަރޭޝަނާއި ދެކޮޅަށް ކުރި ދައުވާއަށް ޖަވާބުދާރީވާން ފެނަކަ ކޯޕަރޭޝަންއިން ކޯޓަށް ހާޒިރު ނުވުމާއި ގުޅިގެން، ބ. އޭދަފުށީ/ހުދުވެލި މުހައްމަދު ޝާމިންގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ ކޭބަލް ސޮޕް ކުންފުންޏަށް، މި ފެބްރުއަރީމަހުގެ 9 ވަނަ ދުވަހުން ފެށިގެން ކުރިޔަށް އޮތް 30 ދުވަހުގެ ތެރޭގައި 9.7 މިލިއަން ރުފިޔާ ފެނަކަ ކޯޕަރޭޝަންއިން ދެއްކުމަށް ސިވިލް ކޯޓުން ހުކުމް ކޮށްފިއެވެ.
މިމައްސަލާގައި ސިވިލް ކޯޓުން ކޮށްފައިވާ ހުކުމްގައި ބުނެފައިވަނީ، ކޭބަލް ސޮޕްއިން ސަޕްލައި ކޮށްފައިވާ މުދަލަށް ފެނަކައިން ދައްކަންޖެހޭ 27.7 މިލިއަން ރުފިޔާގެ މައްސަލަ ކޯޓުގައި ކުރިޔަށް ދަނިކޮށް ދެފަރާތުން، ކޯޓުން ބޭރުގައި މައްސަލަ ނިންމުމަށް 17 މާރިޗް 2022 ގައި އެއްބަސް ވެފައިވާ ކަމުގައެވެ.
އެހެންނަމަވެސް، އެ އެއްބަސްވުމާއި އެއްގޮތަށް ފެނަކައިން ކޭބަލް ސޮޕް ކުންފުންޏަށް ފައިސާ ދައްކަމުން ނުދާތީ އެކުންފުނިން ސިވިލް ކޯޓުގައި އަލުން ދައުވާ ކޮށްފައިވަނީ، އެހާތަނާއި ހަމައަށް ނުލިބި ހުރި 11.9 މިލިއަން ރުފިޔާއާއި އަދި ފައިސާ ނުދެއްކުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލުވެސް ހޯދުމަށެވެ.
މި ހުކުމުގައި ގާޒީ ފާހަގަ ކުރައްވާފައިވާ ނުކުތާތަކުގެ ތެރޭގައި ހިމެނެނީ، މަދަނީ އިޖުރާތުގެ ގާނޫނުގެ 101 ވަނަ މާއްދާގައި ވާގޮތުގެ މަތިން ފާއިތުވި ޑިސެމްބަރުމަހުގެ 6 ވަނަ ދުވަހު، ގާނޫނުގައި ބަޔާން ކޮށްފައިވާ އެންމެހާ ލިޔުންތައް ފެނަކަ ކޯޕަރޭޝަންއަށް ފޮނުވާފައިވާ ކަމުގައެވެ.
އެހެންނަމަވެސް މަދަނީ އިޖުރާތުގެ ގާނޫނުގެ 102 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ފެނަކަ ކޯޕަރޭޝަންއިން ދައުވާއަށް ރައްދު ދީފައި ނުވާކަމުގައިވެސް ހުކުމްގައި ބުނެފައި ވެއެވެ. އަދި އެ ގާނޫނުގެ 103 ވަނަ މާއްދާގައިވާ ގޮތުގެމަތިން، ދައުވާ ފޯމު ރައްދު ކުރާތާ 14 ދުވަހުގެ ތެރޭގައި ފެނަކަ ކޯޕަރޭޝައިން ދައުވާއަށް ރައްދު ދީފައި ނުވާކަމަށްވެސް ހުކުމުގައި ގާޒީ ފާހަގަ ކުރައްވާފައި ވެއެވެ.
މިގޮތުން ހުކުމްގައި ބުނެފައިވަނީ، ފެނަކަ ކޯޕަރޭޝަންއަށް 9 ޑިސެމްބަރ 2022ގައި މައްސަލައިގާ ހިމެނޭ އެންމެހާ ލިޔެކިޔުންތައް ރައްދު ކުރެވިފައިވި ނަމަވެސް، އެ ކުންފުނިން، ގާނޫނުގައި ބުނާ ގޮތުގެ މަތިން އަމަލު ކޮށްފައި ނުވާތީ، ދައުވާ ކުރިޔަށް ގެންދާން ބޭނުންވާ ގޮތެއް ހުށަހެޅުމަށް ކޭބަލް ސޮޕް ކުންފުންޏަށް އެންގުމުން، ޢައިރު ހާޒިރުގައި ހުކުމް ކޮށްދިނުމަށް ދައުވާކުރާ މުހައްމަދު ޝާމިން (ކޭބަލް ސޮޕް)ގެ ފަރާތުން 1 ފެބްރުއަރީ 2023 ގައި ކޯޓަށް އަންގާފައިވާ ކަމުގައެވެ.
ހުކުމްގައި ގާޒީ ބަޔާން ކޮށްފައިވަނީ، ދައުވާ ލިބޭ ފަރާތުން ދައުވާއަށް، ގާނޫނުގައި ބުނާ މުއްދަތުގައި ރައްދު ދީފައި ނުވާނަމަ، ޢައިރު ހާޒިރުގައި ހުކުމް ކޮށްދިނުމަށް ދައުވާ ކުރާ ފަރާތަށް ހުށަހެޅިދާނެކަމަށް، މަދަނީ އިޖުރާތުގެ ގާނޫނުގެ 113 ވަނަ މާއްދާއާއި، ސިވިލް ކޯޓުގެ މަދަނީ އިޖުރާތުގެ ގަވާއިދުގެ 73 ވަނަ މާއްދާއިން އެގެން އޮންނަކަމަށެވެ.
އެހެންކަމުން، ގާނޫނުގައި ބުނާ އުސޫލުން ފެނަކަ ކޯޕަރޭޝަންއިން އަމަލު ކޮށްފައި ނުވާތީ، އަދި އައިރު ހާޒިރުގައި ހުކުމް ކޮށްދިނުމަށް ކޭބަލް ސޮޕް ކުންފުނިން އެދިފައިވާތީ، މިމައްސަލާގައި، ފެނަކަ ކޯޕަރޭޝަންގެ ޢައިރު ހާޒިރުގައި ގާޒީ ހުކުމް ކޮށްފައި ވަނީ، 9.7 މިލިއަން ރުފިޔާ އަކީ މުހައްމަދު ޝާމިން (ކޭބަލް ސޮޕް)އަށް ފެނަކައިން ދައްކަންޖެހޭ ދަރަންޏެއް ކަމަށް ކަނޑައަޅާ، އެފައިސާ ހުކުމް ކުރި ދުވަސް ކަމަށްވާ 9 ފެބްރުއަރީ 2023 އިން ފެށިގެން ކުރިޔަށް އޮތް 30 ދުވަހުގެ ފެނަކަ ކޯޕަރޭޝަންއިން ކޯޓަށް ދައްކާ ޚަލާސް ކުރުމަށެވެ.
ފެނަކަ ކުންފުނީގެ އިހުމާލުން ބޮޑު އަދަދެއްގެ ފައިސާ އަމިއްލަ ފަރާތަކަށް ދައްކާން ޖެހިފައިވާއިރު، މި ހުކުމް އިސްތިއުނާފް ކުރުމަށް އެކުންފުނިން ނިންމާފައިވާކަމެއް އަދި އެގިފައެއް ނުވެއެވެ.
ދައުލަތުގެ ކުންފުނިތަކުން ކޯޓަށް ޖަވާބުދާރީ ނުވެގެން، މީގެ ކުރިންވެސް ކުންފުނިތަކަށް ބޮޑެތި ގެއްލުން ވެފައި އެބަހުއްޓެވެ. އަދި ބައެއް ފަރާތްތަކުން ތުހުމަތު ކުރާގޮތުގައި ބައެއް ފަހަރަށް، މިއީ ކުންފުނިތަކުގެ އިސްވެރިންގެ މަސްލަހަތު އޮވެގެން، ވަކިފަރާތަކަށް ނާޖާއިޒު ފައިދާ ހޯދާ ދިނުމުގެ މަގުސަތުގައި ބައެއް ކުންފުނިތަކުން ގަސްތުގައި ވަމުންދާ އިހުމާލު ތަކެކެވެ.