މި ސަރުކާރުގެ އިއްތިހާދުގައި ހިމެނޭ ޕާޓީތަކުން ރައީސް ސާލިހަށް ތާއީދު ދޭތަނެއް ފެނިވަޑައި ނުގަންނަވާ ކަމުގައި، ފާއިތުވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީން ބަލިވި، އެޕާޓީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ނަޝީދު މިހެން ވިދާޅުވީ ރޭ ދިވެހި ޗެނަލްލްއަށް ދެއްވި އެކްސްކުލޫސިވް އިންޓަވިވްއެއްގައެވެ.
ދިވެހި ޗެނަލްގައި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ، ފާއިތުވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ސާލިހަށް ލިބިލެއްވި 24،000 ވޯޓަކީވެސް ކަށަވަރު ކުރާންޖެހިފަ އޮތް ކަމެއް ކަމަށާއި، އެމްޑީޕީން ވަކި ކޮށްފައިވާ 39،000 މެމްބަރުންނާއި ގުޅުންހުރި 70 ވަރަކަށް ހާސް މެމްބަރުންގެ ރުހުން ނެތި އެމްޑިޕީ އިންތިޚާބަށް ނިކުތުމުކީ ބުއްދިވެރިކަމެއް ނޫންކަމުގައެވެ.
ހަމަ އެއާއެކީގައި އިއްތިހާދު ޕާޓީތައް ރައީސް ސާލިހަށް ތާއީދު ދެއްވާތަނެއް ނުފެނޭ. އަޅުގަޑަށް ފެންނަ ތަނުގައި އެބޭފުޅުން އަމަލު ކުރާނީ އެކަކަށް ނޫން މިފަހަރުއެއް. ކުރީ ފަހަރަކީ ޚާއްސަ ހާލަތެއް، ހުރިހާ ސިޔާސީ ލީޑަރުން ހައްޔަރުގަ ތިބީތީ ހުރިހާ ސިޔާސީ ލީޑަރުންގެ ފަރާތުން އެއް ކެނޑިޑޭޓު ނުކުމެ ވާދަކުރީ. އަޅުގަޑަށް ފެންނަ ތަނުގައ،ި އަޅުގަޑަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިފަހަރު އެބޭފުޅުންގެވެސް މިސްރާބު ހުރީކީއެއް 2018ގެ ނިންމި ނިންމުމަކަށް ނޫން. ރައީސް ސާލިހާއެކުގަ އިއްތިހާދު ވާނެ ބައެއް އަދިއެއް ފެންނާކަށް ނެތް.
މި އިންޓަވިއުގައި ނަޝީދު ވިދާޅުވިއެވެ.
މި އިންޓަވިއުގަ އިތުރަށް ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ އެމްޑީޕީގެ އެތެރެއިން އެހާ ބޮޑުބައެއް އެއްކައިރި ވެފައި ވަނިކޮށް، އަދި އިއްތިހާދު ޕާޓީތަކުގެ ތާއީދު ނެތި އިންތިޚާބަށް ނުކުންނަވައިގެން އެމްޑީޕީއަށް ވަރަށް ބޮޑު ދެރައަކާ ކުރިމަތި ލާންޖެހިދާނެ ކަމަށެވެ.
ނަޝީދު އިތުރަށް ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ޓިކެޓް ރައީސް ސާލިހާއި ހަވާލުކުރުމަށް ވަރަށް ގިނަ މެމްބަރުން ތިބީ ނުރުހި ކަމުގައެވެ. އަދި އަންނަ ރިޔާސީ އިންތިޚާބުގައި ޕާޓީން ތާއީދުކުރާނީ ކޮން ކެނޑިޑޭޓަކަށްތޯ އަލުން ނިންމާން ޖެހިފައިވާ ކަމުގައެވެ. ނަޝީދު ވިދާޅުވީ "ފިކުރެއްގެ ދިރުން" ނަމުގައި 50،000 މީހުންގެ ގޮތްޕެއް ހެދުމަށްފަހު އެމްބަރުން ތާއީދު ކުރާނެ ކެނޑިޑޭޓަކީ ކޮން ބޭފުޅެއްތޯ އެ މެމްބަރުން ނިންމާޖެހޭ ކަމަށެވެ.
މި އިންޓަވިއުގައި ނަޝީދު ވިދާޅުވީ، އެމްޑީޕީގެ ފާއިތުވި ރިޔާސީ ޕްރައިމަރީން ބިލިވުމަށްފަހު، އެޕާޓީގެ އެތެރޭގައި "ފިކުރެއްގެ ދިރުން" ނަމުގައި ގޮފިތައް ހައްދަވައިގެން ޕާޓީގެ އެތެރޭގައި އާ ސިޔާސީ ހަރަކާތެއް ހިންގުމަށް މިހާރު ނިންމަވާފައިވާ ނިންމުއާއެކު ކުރިޔަށް ވަޑައިގަންނަވާނެ ކަމަށާއި، ގޮފި ނުހަދަން ޕާޓީގެ ލީޑަރޝިލުން އެންގި ނަމަވެސް އެފަދަ އެންގެވުމަކަށް އަމަލު ނުކުރައްވާނެ ކަމުގައެވެ.
އިއްތިހާދު ޕާޓީތަކުން ރައީސް ސާލިހަށް ތާއީދުކުރާ ތަނެއް ފެނިވަޑައި ނުގަންނަވާކަމަށް ނަޝީދު ވިދާޅުވެފައިވާއިރު، އިއްތިހާދުގެ އެއްވެސް ޕާޓީއަކުން ރައީސް ސާލިހަށް ތާއީދުކުރާނެ ކަމެއް އަދި މިހާތަނަށް ހާމަ ކޮށްފައި ނުވާކަން ފާހަގަ ކޮށްލެވެއެވެ. ފާއިތުވި، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ސާލިހު ކެމްޕޭން ކުރައްވާފައިވަނީ، ދެންވެސް ވެރިކަމަށް ވަޑައިގަންނަވާނީ އެހެން ޕާޓީތަކާއެކު އިއްތިހާދުވެގެން ކަމުގައި ވިދާޅުވަމުންނެވެ.