ރާއްޖޭގެ އެންމެ ގިނައިން މަސްކިރުވި ދޯނިތަކަކީ މަޑަވެލީ ދޯނިތައްކަމަށާ، އެންމެ މޮޅު ކެޔޮޅުން ތިބީ މަޑަވެލީގައި އެހެންނަމަވެސް މަޑަވެލީގައި އަޅަން މިސަރުކާރުން ރިޔާސީ އިންތިޚާބުގައި ވަޢުދުވި އައިސް ޕްލާންޓު އަދި ވީ ހިސާބެއް ނޭގޭކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ މަޑަވެލި ދާއިރާގެ އެމްޑީޕީ މެމްބަރު ޙުސައިން ފިރުޝާން ސަރުކާރަށް ފާޑު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި ފިޝަރީޒް މިނިސްޓަރ ޑރ.ޙުސައިން ރަޝީދު ޓެގްކުރައްވައި ފިރުޝާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ވެރިކަމަށް 4 އަހަރު ވީއިރު އޭޓީއެމްއެއްހައި މިންވަރު ވެސް މަޑަވެލީގައި ގާއިމު ކޮށް ނުދެވުނުކަމަށެވެ. ރޭ ބޭއްވި މަސްވެރިންގެ ދުވަހުގެ ޖަލްސާއަށް އިޝާރާތްކުރައްވައި ފިރުޝާން ވިދާޅުވީ އެވޯޑު ދެވިދާނެކަމަށާ، އެހެންނަމަވެސް އެއެވޯޑަކުން މަސްވެރިންނަށް ލިބުނު ލުޔެއް ފަސޭހައެއް ނެތްކަމަށެވެ. އަދި އެވޯޑަކުން މަޑަވެލި މަސްވެރިން އުފުލަން ޖެހިފައިވާ ތަކުލީފު ކުޑައެއް ނުވާކަމަށެވެ.
ރާއްޖޭގެ އެންމެ ގިނައިން މަސްކިރުވި ދޯނިތަކަކީ މަޑަވެލީ ދޯނިތައް. އެންމެ މޮޅު ކެޔޮޅުން ތިބީ މަޑަވެލީގަ. އެކަމަކު ރިޔާސީ އިންތިޚާބުގައި އަޅަން ވަޢުދުވި އައިސް ޕްލާންޓު އަދި ވީ ހިސާބެއް ނޭގެ. އޭޓީމއެމް އެއްހާ މިންވަރު ގާއިމު ކޮށް ނުދެވުނު. ވެރިކަމަށް 4. @DrHussainHassan @ibusolih
— Hussain Firushan 🇲🇻 (@husnfirey) December 11, 2022
ފިރުޝާން ވަނީ މަޑަވެލީގެ މަސްވެރީންކުރާ މިންނެތް ބުރަ މަސައްކަތްތަކަށް އައްސަރިބާހާ ސާބަސް ވިދާޅުވެ މަަސްވެރިންނަށް ކާމިޔާބީއަށް އެދި މަރުޙަބާ ވިދާޅުވެފައެވެ.
ސަރުކާރުން މަސްވެރިންނަށް ވެފައިވާ ގިނަ ވަޢުދުތައް ނުފުއްދާތީ މަސްވެރިންގެ ތެރެއިން ވަރަށްގިނަބަޔަކު އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ. އިއްޔެ މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ކުރިއަށް ގެންދިޔަ ހަރަކާތްތަކާ ދިމާކޮށްވެސް ދެކުނުގެ މަސްވެރިންވަނީ އިހުތިޖާޖުކޮށްފައެވެ. އަދި މަސްވެރިންގެ ދުވަހުގެ ޙަރަކާތްތަކަށް ރައީސް ފަރެސް މާތޮޑާއަށް ވަޑައިގަތުމުން އެރަށުގައިވެސް މަސްވެރިން ނުރުހުން ފާޅުކުރިއެވެ.