ޓެރަރިސްޓް ހަމަލާއެއް ދޭން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކުރި 14 މީހުންގެ ބަންދުގެ މުއްދަތު ޖަހައިފިއެވެ.
ރާއްޖޭގައި ޓެރަރިސްޓް ހަމަލާއެއް ދޭން އުޅުނު ބަޔަކު ހައްޔަރުކޮށް ޓެރަރިސްޓް ހަމަލާއެއް ފެއިލްކޮށްލާފައިވާ ކަމަށް ފުލުހުން ބުނީ މިމަހުގެ 14ވަނަ ދުވަހުއެވެ. ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މައްސަލައިގައި ތުހުމަތު ކުރެވޭ މީހުން ހައްޔަރުކުރީ އައްޑޫ ސިޓީ އާއި މާލޭގެ އިތުރުން ކ. ގުރައިދޫން އިންނެވެ.
މި މައްސަލައިގައި އައްޑޫ ސިޓީން 10 ފިރިހެނުންނާއި މާލެއިން ދެ ފިރިހެނުން އަދި ކ. ގުރައިދޫން ދެ ފިރިހެނުން ހައްޔަރުކޮށްފައިވެއެވެ. މި އެންމެންނަކީ ވެސް ދިވެހިންނެވެ.
ހައްޔަރުކުރި މީހުންގެ ތެރެއިން 20 އަހަރުގެ މީހަކާއި 27 އަހަރުގެ މީހަކާއި 30 އަހަރުގެ މީހަކާއި 35 އަހަރުގެ މީހަކާއި 37 އަހަރުގެ މީހާ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ. މައްސަލައިގައި ހިމެނޭ 18 އަހަރުގެ މީހަކާއި 33 އަހަރުގެ ދެ މީހުންނާއި 35 އަހަރުގެ މީހަކާއި 46 އަހަރުގެ މީހަކަށް ވަނީ 15 ދުވަހުގެ ބަންދުގެ މުއްދަތު ދީފައެވެ. އޭގެ އިތުރުން 19 އަހަރުގެ މީހާ އާއި 27 އަހަރުގެ ދެ މީހުންނާއި 28 އަހަރުގެ މީހާއަށް 30 ދުވަހުގެ ބަންދުގެ މުއްދަތު ވަނީ ދީފައެވެ.
ސަލާމަތީ ބާރުތަކުން ކުރިއަށް ގެންދާ މި އޮޕަރޭޝަންގައި އައްޑޫ ސިޓީގެ ބައެއް ގޭގޭގެ އިތުރުން ހައްޔަރުކުރި މީހުންގެ ގެންގުޅޭ ބައެއް ތަކެތިވެސް ދަނީ ބަލާ ފާސްކުރަމުންނެވެ. މި އޮޕަރޭޝަނާއި ގުޅޭގޮތުން ފުލުހުން ވިދާޅުވީ އޮޕަރޭޝަންގައި ފުލުހުންގެ ޑޯގް ސްކޮޑް ބޭނުންކޮށްގެން އައްޑޫގެ ބައެއް ތަންތަން ބަލާ ފާސް ކުރުންވެސް ކުރިއަށްދާކަމަށެވެ.
ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފުލުހުންގެ ޓެރަރިޒަމް އެންޑް ވަޔަލެންޓް އެކްސްޓްރިމިޒަމް ޔުނިޓުގެ ހެޑް އިންސްޕެކްޓާ އޮފް ޕޮލިސް އުސްވަތު އަހުމަދު ވިދާޅުވީ ހައްޔަރުކުރި މީހުންނަކީ އިސްލާމިކް ސްޓޭޓްއަށް ތާއީދުކުރާ ބައެއް ކަމަށާއި ހައްޔަރުކުރެވުނު މީހުންގެ ތެރެއިން ނުވަ މީހަކީ ޓެރަރިޒަމްގެ ކުށުގެ ތުހުމަތުގައި ކުރިންވެސް ހައްޔަރުކުރެވުނު ބައެއް ކަމަށެވެ.
ފުލުހުންނާއި ސިފައިންގެ މި އޮޕަރޭޝަނުގެ މަގްސަދަކަށްވީ އާއްމުންގެ ގިނަ ބައެއްގެ ފުރާނައަށް ނުރައްކާވާނެ ގޮތަކަށް ރާވަމުން ދިޔަ ރޭވުން ނާކާމިޔާބުކޮށްލުން ކަމަށް އޭނާ ވިދާޅުވިއެވެ. ނިރުބަވެރި ހަމަލާ ދޭން އުޅުނު ތަން ފުލުހުން ހާމަ ނުކުރި އިރު، މީގެ ކުރިން ދިމާވެފައި ހުރި ބައެއް މިކަހަލަ މައްސަލަތަކުގައި ހަމަލާ ދޭން އުޅުނު ތަންތަނުގެ މައުލޫމާތު ދީފައި އެބަހުއްޓެވެ.