ޓެކްސް ބޮޑުކުރާ ބިލާ އެއްކޮޅަށް ވޯޓު ދިން އިދިކޮޅޫ މެމްބަރަށް ފިޔަވަޅު އަޅަނީ

ޓެކްސް ބޮޑުކުރާ ބިލާ އެއްކޮޅަށް ވޯޓު ދިން އިދިކޮޅޫ މެމްބަރަށް ފިޔަވަޅު އަޅަނީ

މިއަދު ރައްޔިތުންގެ މަޖިލިހުގައި ޓެކްސް ބިލް ފާސްކުރުމަށް ނެގި ވޯޓުގައި އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަނުން ނެރުނު ވިޕާއި ޚިލާފަށް، ޓެކްސް ބިލް ފާސްކުރުމަށް ވޯޓު ދެއްވި ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފާ ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމުގައި އިދިކޮޅު ކޯލިޝަންއިން ބުނެފިއެވެ.

މިއަދު ފާސްކުރި ޓެކްސް ބިލަކީ މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު ޝިފާއު ހުށަހެޅުއްވި އިސްލާހެކެވެ. މި އިސްލާޙޫ ފާސްކުރަން ފެންނަ ކަމަށް މިއަދު ރައްޔިތުންގެ މަޖިލީހުގައި ބައިވެރިވި 55 މެންބަރުން ވޯޓު ދެއްވިއެވެ. މިބިލާ ދެކޮޅަށް ވޯޓުދެއްވީ 26 މެންބަރެކެވެ.

އިދިކޮޅު ކޯލިޝަންއިން ޓެކްސް ބިލް ފާސްކުރުމަށް ވޯޓު ދެއްވާފައިވަނީ ހުސެއިން މުހައްމަދު ލަތީފް އެކަންޏެވެ.

އިދިކޮޅު ޕީޖީ ގްރޫޕްގެ ފަރާތުން މިއަދު ރައްޔިތުންގެ މަޖިލީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަޑުއްވަރި ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވީ، މި ބިލާއި ދެކޮޅަށް މަޖިލީހުގައި އިދިކޮޅު މެންބަރުން އިހްތިޖާޖް ކުރި ކަމަށާއި އަދި ތުރީ ލައިން ވިޕެއްވެސް ނެރެފައިވާ ކަމަށެވެ.

އަދި އޭނާ ވިދާޅުވީ ވިޕާއި ދެކޮޅަށް ވޯޓު ދެއްވި މެމްބަރާއި ދެކޮޅަށް އޮންނަ އުސޫލުގެ ތެރެއިން ފިޔަވަޅު އަޅުއްވާނެ ކަމުގައެވެ.

އެއީ ޑިމޮކްރެސީގައި އެކަން ހިނގާ ގޮތް ކަމުގައިވެދާނެ، އެކަމާއި ގުޅިގެން އަޅުގަނޑުމެންގެ އުސޫލުތަކުގެ ތެރެއިން ކުރަން ޖެހޭ ކަންކަން ކުރަމުން ގެންދާނަން، އަޅުގަނޑުމެން ޔަގީންކަން އަރުވަން ޕާޓީގެ ރޫހު ދެމެހެއްޓުމަށްޓަކައި ޕާޓީން ވަރަށް ބަދަހިކަމާއެކުގައި އޮތް ކަަމަށް.

އާދަމް ޝަރީފް ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި މަޖިލިސް ފްލޯގައި ޓެކްސް ބޮޑުކުރުމުގެ ބިލާއި ދެކޮޅަށް ވާހަކަ ދެއްކެވި ބައެއް މެމްބަރުންވެސް ބިލާއި އެއްކޮޅަށް ވޯޓު ދީފައި ވާކަމުގައެވެ.

ޓެކްސް ބޮޑުކުރުމަށް ސަރުކާރުން ހުށަހެޅި ބިލާއި އެއްކޮޅަށް ވެރިކަންކުރާ އެމްޑީޕީގެ 14 މެމްބަރަކު ވޯޓު ދީފައި ވެއެވެ. އެމްޑީޕީގެ ޕީޖީ ލީޑަރު އަސްލަމް ވިދާޅުވެފައިވާ ބިލް ފާސްކުރުމަށް އެ ޕާޓީން ނެރުނު ތުރީ ލައިން ވިޕާއި ޚިލާފަށް ވޯޓު ދިން މެމްބަރުންނަށް އެޕާޓީންވެސް ފިޔަވަޅު އަޅާނެ ކަމުގައެވެ.

ދައުލަތުގެ މާލީ ހާލަތު ރަނގަޅުކުރުމަށްޓަކައި އަންނަ ޖެނުއަރީ މަހުން ފެށިގެން ޖީއެސްޓީއާއި ޓީޖީއެސްޓީ ބޮޑުކުރުމަށްޓަކައި މިގެނައި އިސްލާހުގައި ވާގޮތުން ޓީޖީއެސްޓީ %12އިން %16އަށް، އަދި ޖީއެސްޓީ %6އިން %8އަށް ބޮޑު ވެގެން ދާނެއެވެ. މިބަދަލާއެކު ޖީއެސްޓީން 970 މިލިއަން ރުފިޔާ އަދި ޓީޖީއެސްޓީން 2.1 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބޭނެކަމަށް ސަރުކާރުން ލަފާކުރައްވައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *