ހަނގުރާމައިގެ މައިދާނުގައި ދިވެހި ދަރިވަރުން ތާށިވީ ސަރުކާރުން އަޅައިލުމުން: ޣައްސާން

ހަނގުރާމައިގެ މައިދާނުގައި ދިވެހި ދަރިވަރުން ތާށިވީ ސަރުކާރުން އަޅައިލުމުން: ޣައްސާން

ޔޫކްރެއިނާއި ދެކޮޅަށް ރަޝިއާއިންމިއަދު ހަނގުރާމަ ފެށިއިރު، މިއީ ފަށާނެ ހަނގުރާމައެއްކަން ދުރާލައި އިންޒާރުލިބި އެތަނުގައިތިބި ދިވެހި ދަރިވަރުން ގެންނަން ވަގުތު ލިބުނު ނަމަވެސް ސަރުކާރުން އެކަމަށް މާބޮޑު އިޖާބައެއް ދީފައި ނުވާކަމީ ނުހަނު ކަންބޮޑުވާ ކަމެއްކަމަށް އިދިކޮޅު ޕީޕީއެމްގެ ނައިބް ރައީސް މުހައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.

ޔޫކްރެއިންގައި 50 ދިވެހިން ތިބިއިރުގެ އޭގެ ތެރެއިން 35 ދަރިވަރުން އުޅެމުންދިޔައީ ހަނގުރާމައެއް ފަށައިފިނަމަ އޭގެ ނުރައްކާ އެންމެބޮޑު ސަރަޙައްދުގައެވެ. އެއީ ޔޫކްރެއިންގެ ޚަރްކިވް ސަރަޙައްދެވެ. އެއީ ރަޝިޔާގެ ބޯޑަރާ، އެންމެ ކައިރި ހިސާބެވެ. އެ 35 ދަރިވަރުންގެ ތެރެއިން 5 ދަރިވަރަކު މިހާރު ރާއްޖެއައިސްފައިވާކަމަށާއި، 25 ދަރިވަރުން ރާއްޖެއައުމަށް އިއްޔެ ފުރާފައިވާކަމަށް ފޮރިން މިނިސްޓްރީން ވަނީބުނެފައެވެ.

ނަމަވެސް ހަނގުރާމަ ފެށުމާއެކު 20 ދިވެހިން ވަނީ ރާއްޖެ ނާދެވިފައެވެ. އެއީރަޝިއާގެ ބޯޑަރު ކައިރީގެ ސިޓީ ޚާރްކިވްގައި ތިބި ފަސް ދަރިވަރަކާއި، ޔޫކްރެއިންގެ އިރުމަތީ ފަރާތު ސިޓީއެއް ކަމަށްވާ އިވަނޯ ފްރެންކިވްސްގައި 14 ދަރިވަރެއްގެ އިތުރުން އެހެން ސިޓީއެއްގައި ހުރި ދަރިވަރެކެވެ.

މިކަމުގެ ކަންބޮޑުވުން ފާޅުކޮށް ޣައްސާން ވިދާޅުވީ، މިހަނގުރާމައަކީ ކުރިން ފަށާނެ ހަނގުރާމައެއްކަން ހާމަކުރަމުން ދިޔަ ނަމަވެސް ސަރުކާރުން މިކަމުގައި މާބޮޑު އިސްކަމެއް ދިން ތަން ނުފެންނަކަމަށެވެ. މިއަދު ޔޫކްރެއިންގައި ހަނގުރާމައިގެ މައިދާނުގައި ދިވެހި ދަރިވަރުން ތާށިވެފައި ތިބެންޖެހުނީ ސަރުކާރުން މިކަމަށް ދޭންޖެހޭ ސަމާލުކަން ނުދިނުމުންކަމަށް ޣައްސާން ވިދާޅުވިއެވެ.

ހަނގުރާމަ އަކަށް ހިނގައިދާނެކަމުގެ އަލިގަދަ ހެކިތައް ދިޔައީ ފެންނަމުން. މި ނުރައްކަލުގެ ތެރޭގައިތިބި ދިވެހި ކިޔަވާ ކުދިން އަނބުރާ ރާއްޖެ އައުމަށް އެހީތެރިކަމަށް އެދުމުންވެސް، ސަރުކާރުން ދޭން ޖެހޭ އިސްކަން ނުދިނުމުން ހިތާމަކުރަން. އެކުދިން ރާއްޖެ ގެންނަން އަވަސް ފިޔަވަޅުތަކެއް އަޅަންޖެހޭ.

– ޣައްސާން ވިދާޅުވިއެވެ.

ރަޝިއާއިން އިރުމަތީ ޔޫކުރެއިންއަށް އެރުމާއި ގުޅިގެން، ޔޫކުރެއިންގެ ފޮރިންގ މިނިސްޓަރވަނީ، ރަޝިއާއިން މުޅި ޔޫކުރެއިން ހިފުމުގެ ހަގުރާމަ ފަށާފައިވާ ކަމަށް ވިދާޅުވެ، ރަޝިއާގެ އުދުވާން ހުއްޓުވައި ދިނުމަށް ޔޫއެންގެ ކިބައިން އެދިފައެވެ. އަދި އެމެރިކާގެ ރައީސް ޖޯ ބައިޑްންވަނީ، އެތައްބައެއް ފުރާނަ ގެއްލިގެން ދާނެކަމަށް ވިދާޅުވެ، މުޅި ދުނިޔެ އެކަތިގަޑެއްގެ ގޮތުގައި، ރަޝިއާ ޒިންމާދާރު ކުރުވާނެކަމުގެ އިންޒާރުވެސް ދީފައެވެ.

އަދި ރަޝިއާއި ދެކޮޅަށް އަޅާނެ އިތުރު ފިޔަވަޅުތައް އިއުލާން ކުރެއްވުމަށްޓަކާ ބުރާސްފަތި ދުވަހު ބައިޑްން އެމެރިކާގެ ރައްޔިތުންނާއި މުޚާތަބް ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

ނޭޓޯގެ ޗީފް ޖެންސް ސްޓޮލްޓެމްބާގް ވިދާޅުވެފައިވަނީ މި ދަތި އުދަގޫވަތު ނޭޓޯ އޮތީ ޔޫކުރެއިންއާއެކު ކަމަށާއި، ނޭޓޯގެ ހުރިހާ ބައިވެރިންވެސް ހިމާޔަތް ކުރުމަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމަށެވެ.

ޔޫކުރެއިންގެ ރައީސް ވޮލޮޑިމިރު ޒެލެންސްކީ ވިދާޅުވެފައިވަނީ، ރަޝިއާއިން ޔޫކުރެއިންއަށް އެރުމަކީ މުޅި ޔޫރަޕްގެ ބައްރާއި ދެކޮޅަށް ރަޝިއާއިން ކުރިޔަށް ގެންދާނެ ހަގުރާމައިގެ ފެށުން ކަމުގައެވެ. އަދި ރޭގެ ދަންވަރު އެގައުމުގެ ރައްޔިތުންނާއި މުޚާތަބުކޮށް ވާހަކަ ދައްކަވަމުން ޒެކެންސްކީވަނީ، އެގައުމަށް ރަޝިއާއިން ހަމަލާ ދީފިނަމަ އެގައުމު ދިފާއު ކުރައްވާނެކަމަށް ތަކުރާރުކޮށް ވިދާޅުވެފައެވެ.

ޔޫކުރެއިންއިން މިއަދުވަނީ އެގައުމުގެ ވެރިރަށް ކީވްގައި، ރޭގެ ދަންވަރު 12އިން ފެށިގެން އެއް މަސްދުވަހުގެ މުއްދަތަށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރައްވާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *