ކަރަން ޖޯހަރްގެ ފިލްމު "ދޯސްތާނާ 2″ އަދި ޝާހްރުކް ޚާންގެ ރެޑްޗިލީގެ ފިލްމް "ގުޑްބައި ފްރެޑީ" އެކްޓަރ ކާތިކް އާރިޔަން އަށް ވަނީ ގެއްލިފައެވެ. "ދޯސްތާނާ 2″ އިން ކާތިކް ވަކިކޮށްފައިވާއިރު "ގުޑްބައި ފްރެޑީ" ދޫކޮށްލާފައިވަނީ ކާތިކް އަމިއްލަ އަށް ކަމަށް ރިޕޯޓްތައް ބުނެއެވެ.
އެންމެ ފަހުގެ ރިޕޯޓްތައް ބުނާގޮތުން ކާތިކަށް ވަނީ އެހެން ފިލްމެއްވެސް މިހާރު ގެއްލިފައެވެ. އެގޮތުން އާނަންދް އެލް ރާއީގެ ކުރިއަށް އޮތް ޕްރޮޖެކްޓް ކަމަށްވާ މިހާތަނަށް އަދި ނަމެއް ކަނޑައަޅާފައިނުވާ ގޭންގްސްޓާ ފިލްމުން ކާތިކަށް ވަނީ ފުރުސަތު ގެއްލިފައެވެ.
"ކާތިކް އާއި އާނަންދް އާއި ދެމެދުގައި އެޑްވާންސް ލެވެލް ވާހަކަތައް ދެކެވުނު. އޭނާ ސްކްރިޕްޓް ވެސް ކިޔާފައި ނެރޭޝަން ވެސް އަޑުއެހި. އެހެންނަމަވެސް ސޮއި ކުރުމުގެ ކުރިން ހުރިހާ ކަމެއް ވަނީ ބަދަލުވެފައި" ޕްރޮޖެކްޓްގެ ކަންކަން އެނގޭ މަސްދަރަކާއި ހަވާލާދީ ހިންދުސްތާން ޓައިމްސް އިން ރިޕޯޓްކޮށްފައިވެއެވެ. ފިލްމު ޑައިރެކްޓުކުރަން ހަމަޖެހިފައިވީ ރާއީގެ އެސިސްޓެންޓު ކަމަށްވެސް މި ރިޕޯޓުގައި ބުނެފައި ވެއެވެ.
ކާތިކްގެ ބަދަލުގައި އެ ޕްރޮޖެކްޓަށް މިހާރު ނަގާފައިވަނީ އަޔުޝްމާން ކުރާނާ ކަމަށްވެސް ޚަބަރުތައް ބުނެއެވެ.
ކަރަންގެ ފިލްމުން ކާތިކް ވަކި ކުރުމުން އޭގެ ސަބަބުން އޭނާއަށް އިތުރު ފިލްމުތައް ލިބުމުގައި ދަތިތަކެއް އަންނަނީ ކުރިމަތިވަމުންނެވެ. އަދި އާނަންދްގެ ފިލްމު ނުލިބުމުގެ ސަބަބަކީވެސް މިއީ ކަމަށް ވެދާނެ ކަމަށް ބޮލީވުޑްގެ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ.