ނަފުރަތުގެ ޢަމަލު ހިންގުމަކީ ކުށެއް ކަމުގައި ކަނޑައަޅަނީ

ނަފުރަތުގެ ޢަމަލު ހިންގުމަކީ ކުށެއް ކަމުގައި ކަނޑައަޅަނީ

ނަފުރަތުގެ ޢަމަލު ހިންގުމަކީ ކުށެއް ކަމުގައި ކަނޑައަޅުމަށް ޚާއްސަ ބިލެއް ތައްޔާރުކޮށް ރައީސުލްޖުމްހޫރިއްޔާ އޮފީފަށް ބަންޑާރަ ނައިބް އޮފީހުން ފޮނުވައިފިއެވެ.

ބަންޑާރަ ނައިބް އިބްރާހިމް ރިއްފަތު ކުރެއްވި ޓްވީޓުގައި ވިދާޅުވީ ނަފުރަތުގެ ޢަމަލު ހިންގުމަކީ ކުށެއް ކަމުގައި ކަނޑައެޅުމަށާއި މަޖިލީހުގެ ރައީސަށާއި އުއްތަމަފަނޑިޔާރަށް ރަސްމީގެ ހަމަޖައްސައި، ޙިމާޔަތާއި ރައްކާތެރިކަން އިތުރުކުރަން ކަމާބެހޭ ޤާނޫނަށް އިޞްލާޙު ގެނައުމަށް ދެ ބިލެއް، މަޖިލީހަށް ހުށަހެޅުމަށްޓަކައި މިއަދު ރައީސް އޮފީހަށް ފޮނުވައިފައި ވާކަމަށެވެ.

ބަންޑާރަ ނައިބް މި ދެބިލް ހުށަހެޅުއްވީ ދައުލަތުގެ އަނެއް ދެ ބާރު ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރުގެ ސަލާމަތްތެރިކަމާއި ރައްކާތެރިކަން އިތުރަށް ކަށަވަރުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އެންގެވި އެންގެވުމަކާއި ގުޅިގެންނެވެ. މި ގޮތުން އެ ދެބޭފުޅުންގެ ސަލާމަތްތެރިކަމާއި ރައްކާތެރިކަން އިތުރަށް ކަށަވަރުކުރެއްވުމަށް ޤާނޫނުތަކަށް ގެންނަންޖެހޭ ބަދަލުތައް އަވަހަށް ގެންނެވުމަށްވެސް ވަނީ އަންގާފައެވެ. މިހާރު އޮތް ޤާނޫނީ އޮނިގަނޑުގެ ތެރެއިން މިކަން ފުރިހަމަ ކުރެއްވެން ނެތްނަމަ، އާ ޤާނޫނެއްގެ ބިލެއް އެކުލަވައިލައްވައިގެން ނަމަވެސް މިކަންކަަން ކަށަވަރު ކުރެއްވުމަށް ކުރައްވަންޖެހޭ ކަންކަން ކުރެއްވުމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ބަންޑާރަ ނައިބަށް އަންގަވާފައެވެ.

ދައުލަތުން މިހާރު ރަސްމީ ގެ ކޮޅެއް ހަމަޖައްސަވާދީފައިވަނީ ރައީސުލްޖުމްހޫރިއްޔާއި އެމަނިކުފާނުގެ ނާއިބަށެވެ. މަޖިލީހުގެ ރައީސާއި އުއްތަމަ ފަނޑިޔާރު ދިރިއުޅުއްވަމުން ގަންދަވަނީ އެބޭފުޅުންގެ އަމިއްލަ ގެކޮޅުގައެވެ.

ދައުލަތުގެ އަނެއް ދެ ބާރަށް ދައުލަތުން ރަސްމީ ގެކޮޅަށް ހަމަޖައްސާދިނުމަށް ރައީސް ނިންމވާފައިމިވަނީ ރައްޔިތުންގެ މަޖލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ނުރައްކާތެރި ހަމަލާއެއް ދީފައިވަނިކޮށެވެ. ،މިމަހުގެ 6 ވަނަ ދުވަހުގެރޭ އިރާކޮޅުގެ ވަގުތެއްގައި މި ހަމާދީފައިވަނީ އެމަނިކުފާނު ގެކޮޅުން ނުކުމެވަޑައިގެން ކާރަށް އަރަން ވަޑާއިގަންނަވިކޮށް އެމަނިކުފާނު ކާރުކޮޅު ޕާކުކޮށްފައި އޮތް ސަރަހައްދުގައި ހުރި ސައިކަލެއްގައި އެއްޗެއް ހަރުކޮށް ގޮއްވާލައިގެންނެވެ. މި ހަމަލާގެ ސަބަބުން ރައީސް ނަޝީދުގެ ފުރާނައަށް ނުރައްކާވާ މިންވަރަށް އެމަނިކުފާނުގެެ ހަށިކޮޅަށް ވަދެފައި ހުރި ރޭޒާ ފުއްތައް ނެގުމަށް 16 ގަޑިއިރުގެ އޮޕަރޭޝަންތަކެއް ވަނީ ކޮށްފައެވެ. އަދި މިހާރު އެމަނިކުފާނުގެ ހާލުކޮޅު ރަނގަޅުވަމުން އަންނައިރު އިތުރު ފަރުވާއަށް ރާއްޖެއިން ބޭރަށް ގެންދިޔުމަށް އާއިލާއިން އަންނަނީ މަސައްކަތް ކުރައްވަމުންނެވެ.

ރައީސް ނަޝީދަށް ނުރައްކާތެރި ހަމަލާއެއް ދީފައިވަނީ އެމަނިކުފާނުގެ ދިރިއުޅުއްވާ ގެކޮޅު ކެނެރީގެ ހުންނަ ގޯޅިއަށް ރަސްމީ ކާރުކޮޅު ނުވެއްދޭތީ އެކަމުގެ ކަނބޮޑުވުން ސަލާމަތީ ބާރުތަކުން ފާޖަގަކޮށްފައިވަނިކޮށެވެ. އަދި އެ ގޯޅީގައި ޕާކުނުކުރޭވެ އިންތިޒާމު ހަމަޖައްސާދޭން އެދިފައިވަނިކޮށްކަމަށްވެސް ސަލާމަތީ ބާރުތަކުން ވަނީ ބުނެފައެވެ.

މި ހަމަލާއަށް ފަހު ރަީސް ނަޝީދު ދިރިއުޅުއްވާ ގެކޮޅު ހުންނަ ހަނި ގޯޅީގައި ޕާކުނުކުރެވޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް މާލޭ ސިޓީން ކައުންސިލުން ވަނީ ފަށާފައެވެ. މިގޮތުން ކުރިން ސިޓީ ކައުންސިލް އިމާރާތްހުރި ބިއްލޫރި ޖެހި ކޮށީގައި އޮންނަ ހސް ސަރަހައްދުގައި ޕާކިން އޭރިޔާއެއް ހެދުމުގެ މަސައްކަތްވަނީ ފަށާފައެވެ. އަދި މިޕާކިން އޭރިޔާ ނިމުމުން މަޖީދީމަގުން ބައެއް ހިސާބުތަކުގައި ޕާކުނުކުރޭވެ އިންތިޒާމު ހަމަޖެހިގެންދާނެކަމަށްވެސް ސިޓީން ކައުންސިލުން ވަނީ ވިދާޅުވެފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *