އެމް.އެމް.ޕީ.އާރު.ސީ ވާހައަކީ ރޯދަ ކުރުކުރުމަށް ދައްކާ ވާހަކައެއް ކަމަށް ބެލެވޭ: ފައިރޫޝް

އެމް.އެމް.ޕީ.އާރު.ސީ ވާހައަކީ ރޯދަ ކުރުކުރުމަށް ދައްކާ ވާހަކައެއް ކަމަށް ބެލެވޭ: ފައިރޫޝް

ފަހުގެ ތާރީޚެއްގައި ހިނގި ކޮރަޕްޝަންގެ އެންމެ ބޮޑު އެއް މައްސަލަކަމަށްވާ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައިގައި މިހާޜު ދައްކަމުންދާ ވާހަތަކަކީ ރޯދަ ކުރުކުރަން ދައްކާ ވާހަކަތަކަށް ވެފައިވާކަމަށް ކުރީގެ އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް ޑރ.ޢަބްދުﷲ ފައިރޫޝް ވިދާޅުވެއްޖެއެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލާގައި އިއްޔެ ބޭއްވުނު ރައްޔިތުންގެ މަޖިލީހުގައި ވަނީ ބަހުސްކުރެވި އެކި ވާހަތައް އަނެއްކާވެސް ދެކެވިގެން ގޮސްފައެވެ. އިއްޔެގެ މަޖިލީހުގައި މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވަނީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލަ ބައްލަވާނެކަމަށާއި، އެ މައްސަލަ ބަލައިފިނަމަ މަޖިލީހުގެ ބައެއް މެންބަރުންގެ ގޮނޑި ގެއްލިދާނެކަމަށެވެ.

ނަޝީދުގެ މިވާހަތަކާއި ގުޅިގެން ގިނަބަޔަކު ދަނީ މިކަމަށް ވަރަށްބޮޑަށް ފާޑުވިދާޅުވަމުންނެވެ. ޚާއްސަކޮށް މިމައްސަލާގައި ނަޝީދު މަޖިލީހުގެ ރިޔާސަތުގައި އިންނަވައިގެން އެކި ދުވަހު އެކިގޮތަށް މިމައްސަލާގައި ވާހަކަ ދައްކަވައި މިކަމަށް އެއްވެސް ހައްލެއް ނާންނަކަމުގެ ވާހަކަ ތަކުރާރުކޮށް ގިނަ ބަޔަކު ދަނީ ސޯޝަލް މިޑިޔާގައި ދައްކަމުންނެވެ.

އިއްޔެ މަޖިލީހުގައި ދެކެވުނު އެމްއެމްޕީއާރުސީ ޚިޔާނާތުގެ ވާހަތަކާއި ގުޅިގެން ފައިރޫޝް ވިދާޅުވީ އެވާހަތަކުން ދޭހަވެގެންދަނީ ރޯދަމަހު ރޯދަކުރު ކުރަން މިހާރު ދައްކާ ވާހަތަކެއްކަމުގައެވެ.

އެމް.އެމް.ޕީ.އާރު.ސީ ގެ ވާހައަކީ ރޯދަ ކުރު ކުރުމަށް ދައްކާ ވާހަކައެއް ކަމަށް ބެލެވެއެވެ.

– ފައިރޫޝް ވިދާޅުވިއެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލާގައި ކުރީ ސަރުކާރާއި މިސަރުކާރުގައި ހިމެނޭ ބައެއް ބޭފުޅުންނާއި އެހާރާއި މިހާރުގެ މަޖިލިސް މެންބަރުންވެސް ހިމެނޭކަމަށާއި، ނަމަވެސް އެ މައްސަލަ ނުބެލި ދިގުލައިގެންދާތީ، އަވަސްކޮށްދެއްވުމަށް ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަޠީފް ވަނީ މަޖިލީހުގެ ރައީސްއަށް މިދިޔަ މަހު ސިޓީއެއް ފޮނުވާފައެވެ. އެސިޓީއާއި ގުޅިގެން މަޖިލީހުގެ ރިޔާސަތުގައި އިންނަވާ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ، އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލަ ކޮމިޓީއަށް ފޮނުވައިގެން މާ އެދެވޭ ނަތީޖާއެއް ފެނިފައިނުވާކަމަށެވެ. އެހެންކަމުން އެ މައްސަލަ އިތުރަށް ތަހުގީގްކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށާއި އެންޓި ކޮރަޕްޝަން ކޮމިޝަނަށާއި، އެސެޓް ރިކަވަރީ ކޮމިޝަނަށާއި އަދި ފުލުހުންނަށް އިއްޔެ ފޮނުވާފައިވާކަމަށެވެ.

މަޖިލީހުގެ ރައީސް ވިދާޅުވީ، މި މައްސަލަ ބެލުމަށް މަޖިލީހުން ކުރެވެން ހުރި ހުރިހ ކަމެއް ކުރައްވާނެކަމަށެވެ. އޭގެ ތެރޭގައި އެއްވެސް ތިޖޫރިއެއް އަދި އަލަމާރީއެއް ނުހުޅުވާ ނުހުންނަވާނެކަމަށާއި، ކިތައްމެ ބޮޑު މެންބަރަކަށް ވިޔަސް، ކިތައްމެ ބޮޑު ވަޒީރަކަށް ވިޔަސް، ކިތައްމެ ބޮޑު އަމީރަކަށް ވިޔަސް އެ މައްސަލަ ބައްލަވާނެކަމަށްވެސް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ 267 ފަރާތަކަށް ލިބުނުކަމަށް އެމައްސަލަ ތަޙްޤީޤުކުރާ އިދާރާތަކުންވަނީ ވިދާޅުވެފައެވެ. ޚިޔާނާތުގެ ފައިސާ ލިބިފައިވާ ފަރާތްތަކުގެ ތެރޭގައި 18ވަނަ ރައްޔިތުންގެ މަޖިލީހުގެ 44 މެމްބަރަކާއި، ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ 16 މެމްބަރަކާއި، މިނިވަން މުވައްސަސާތަކުގައި އިސްކޮށް ތިއްބެވި 5 ބޭފުޅަކުވެސް ހިމެނިވަޑައިގަންނަވައެވެ. މީގެ އިތުރުން މިހާރު ސަރުކާރުގެ މަގާމުގައިތަކުގައި ތިބި 7 ބޭފުޅަކާއި، 7 ފަނޑިޔާރެއްގެ އިތުރުން ސަލާމަތީ ބާރުތަކުގައި ހިމެނޭ 23 އޮފިސަރަކަށްވެސް ޚިޔާނާތުގެ ފައިސާ ލިބިފައިވެއެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާތައް ބޭނުނުންކޮށްފައި ވަނީ ސިޔާސީ މަންފާތަކެއް ހޯދުމަށް ކަމަށް އެސެޓް ރިކަވަރީ ކޮމިޝަނުންވަނީ ބުނެފައެވެ. މިހާތަނަށް ކުރެވުނު ތަހުޤީޤުތަކުން އެގޭ ގޮތުގައި އެމްއެމްޕީއާރުސީގެ ޚިޔާނާތް 3.4 ބިލިޔަން ރުފިޔާއަށް އަރައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *