ކުރީ ސަރުކާރުގެ ދަރަނި ދައްކަން ޖެހި މި ސަރުކާރު ތިން އަހަރުން 'ހަލާކުވެއްޖެ': ޝުޖާޢު

ކުރީ ސަރުކާރުގެ ދަރަނި ދައްކަން ޖެހި މި ސަރުކާރު ތިން އަހަރުން 'ހަލާކުވެއްޖެ': ޝުޖާޢު

ކުރީގެ ސަރުކާރުން ނަގާފައިވާ ބޮޑެތި ލޯނުތައް ދައްކަން ޖެހުމުގެ ސަބަބުން މި ވޭތުވެދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި މި ސަރުކާރު "ހަލާކުވެއްޖެ" ކަމަށް، ވެރިކަންކުރާ ޕީއެންސީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާޢު މިއަދު ވިދާޅުވެއްޖެއެވެ.

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅި ދައުލަތުގެ ބަޖެޓަށް ބަހުސްކުރައްވަމުން ޝުޖާޢު ވިދާޅުވީ، ވޭތުވެދިޔަ އެމްޑީޕީގެ ވެރިކަމުގައި ދައުލަތުގެ ބަޖެޓުން ގާތްގަނޑަކަށް 200 ބިލިއަން ރުފިޔާ ޚަރަދުކުރި ނަމަވެސް، ރައްޔިތުންނަށް އޭގެ އެއްވެސް މަންފާއެއް ނުކުރާ ކަމަށެވެ. އަދި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން ދައުލަތުގެ ބަޖެޓު އެކުލަވައިލީ "ބިރަކާ ނުލައި މަޖާކުރަމުން" ކަމަށް ވިދާޅުވެ، ކުރީ ސަރުކާރުން ވައްކަންކޮށްފައިވާ ކަމަށް އޭނާ ތުހުމަތުކުރެއްވިއެވެ.

ދައުލަތުން އުފުލަންޖެހޭ ޚަރަދުތައް އިތުރުވަމުންދާ ވަރަކަށް ބަޖެޓުގެ ޖުމްލަ ޢަދަދު ވެސް ބޮޑުވާނެކަން ފާހަގަކުރައްވަމުން ޝުޖާޢު ވިދާޅުވީ، ސަބްސިޑީގެ ޚަރަދު 3.75 ބިލިއަން ރުފިޔާއަށް އަރައިގެން ދިޔައީ މިދިޔަ ފެބްރުވަރީ މަހުގެ ފަހުކޮޅު މެދުއިރުމަތީގައި ފެށުނު ހަނގުރާމައިގެ ސަބަބުން ކަމަށެވެ. އަދި އެ ހަނގުރާމަ ކުރިމަތިނުވި ނަމަ، މިއަހަރުގެ ބަޖެޓަކީ އަރަނި ބަޖެޓަކަށް ވެގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މީގެއިތުރުން، އެމްޑީޕީގެ ޗެއާޕާސަން އަދި ރިޔާސީ ކެންޑިޑޭޓު ފައްޔާޒް އިސްމާޢީލަށް ރައްދު ދެއްވަމުން ޝުޖާޢު ވިދާޅުވީ، 2026 ވަނަ އަހަރުގެ އޭޕްރިލް މަހާ ހަމައަށް ދާއިރު ރާއްޖެ ބަނގުރޫޓުވާނެ ކަމަށް ބުނެ ހިސާބު ޖެހި ނަމަވެސް އެފަދަ ހާލަތެއް މެދުވެރިނުވި ކަމަށެވެ. އަދި އޭޕްރިލް މަހު ދައްކަންޖެހުނު ބޮޑު ލޯނު ސަރުކާރުން ދައްކައި ޚަލާޞްކޮށްފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.

"އަޅުގަނޑުމެން ހަލާކުވެގެން މި ދިޔައީ އިއްޒަތްތެރި ރައީސް، މި ތިން އަހަރު ދުވަހުގެ ތެރޭ [ކުރީ ސަރުކާރުން] ނަގައިފައި އޮތް ލޯނު ދެއްކުމުގައި އިއްޒަތްތެރި ރައީސް، ރައްޔިތަކަށްވީ ފައިދާއެއް ނެތް،" މަޖިލީހުގެ ތަޅުމުގައި ވާހަކަދައްކަވަމުން ޝުޖާޢު ވިދާޅުވިއެވެ.

ޝުޖާޢު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ކުރީ ސަރުކާރުގެ ދަރަނިތަކުގެ ދަތިކަން އޮތް ނަމަވެސް، މި ސަރުކާރުން އަންނަ އަހަރަށް ހުށަހަޅާފައިވާ ބަޖެޓަކީ ރައްޔިތުންނަށާއި މުޅި ޤައުމަށް ނުހަނު އުންމީދީ ބަޖެޓެކެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *