އެއްވެސް ކަހަލަ އަސާސެއް ނެތް ތުހުމަތުތަކުގައި ދޭދޭ ފަރުދުންނާއި އާއިލާތަކަށް އަނިޔާ ދިނުން ހުއްޓާލަންޖެހޭ ކަމަށް އެމްޑީީގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝާހިދު ވިދާޅުވީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރުން ކަމަށްވާ އަޒްމިރަލްދާ ޒާހިރާއި، މަހާޒު ޢަލީ ޒާހިރު މަޤާމުން ވަކި ކޮށްފައިވަނީ ބޭއިންސާފުންކަން މިއަދު ސާބިތުވެފައިވާ ކަމަށެވެ. އެކަމަށް އިޝާރާތް ކުރައްވައި ޝާހިދު ވިދާޅުވީ، ގާނޫނުގެ ކުރިމަތީގައި ކޮންމެ ރައްޔިތަކަށްވެސް ޑިއު ޕްރޮސެސް އާއި ރޫލް އޮފް ލޯ ހިނގަންޖެހޭނެ ކަމަށެވެ.
"ތުހުމަތަކީ ކުށެއް ނޫން. ހަމަ ކޮންމެ މީހަކަށް އަނެކާއަށް ތުހުމަތެއް ކުރެވިދާނެ. ނަމަވެސް ތުހުމަތު ރައްދުވާ މީހާގެ ވަޒީފާ އާއި އަބުރު ގެއްލުވާލައި، ޢާއިލާތައް ބަދުނާމުކޮށް ދެވޭ ގެއްލުމަކީ ބަދަލުނުދެވޭނެ، ފޫނުބެއްދޭނެ ކަމެއް." ޝާހިދު ވިދާޅުވިއެވެ.
އަޒްމިރަލްދާ އާއި މަހާޒްގެ އޭރު ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ގޮތުގައި ތިއްބެވިއިރު، އެ ބޭފުޅުންގެ މައްޗަށް ޖޭއެސްސީން ސީރިއަސް ތުހުމަތެއްކޮށް، އެކަމާއި ގުޅިގެން އެ ފަނޑިޔާރުންގެ މަގާމު ގެއްލިގެންދިޔައިރު، އޭރު ފަނޑިޔާރަކަށް ހުންނެވި ހުސްނުއްސުއޫދުގެ މައްޗަށްވެސް ތުހުމަތުތަކެއް ކުރެވިގެން ދިޔައެވެ. ނަމަވެސް ސުއޫދު ވަކިކުރެއްވުމުގެ ކުރިން އަމިއްލަފުޅަށް އިސްތިއުފާ ދެއްވީއެވެ.






