ގިނަ އަދަދެއްގެ ދިވެހީން ޒިޔާރަތްކުރާ ތައިލެންޑުގެ ވެރިރަށް ބެންކޮކަށް ކުރަމުންދާ ވިއްސާރައިގައި، އެއްވެސް ދިވެއްސަކަށް ގެއްލުމެއް ލިބިފައިނުވާ ކަމަށް ތައިލެންޑުގައި ހުންނަ ރާއްޖޭގެ ސަފީރު ފުއާދު ތައުފީގު ވިދާޅުވެއްޖެއެވެ.
ބޯކޮށް ވާރޭވެހި މަގުތަކުގައި ފެންބޮޑުވުމުގެ ސަބަބުން، ބެންކޮކަކީ ކާރިސާގެ ހާލަތު މެދުވެރިވެފައިވާ ސިޓީއެއްގެ ގޮތުގައި ގަވަރުނަރު ޗަޑްޗާޓް ސިޓިޕުންޓް މިއަދު ވަނީ ކަނޑައަޅުއްވައިފިއެވެ. ސިޓީގެ 50 ޑިސްޓްރިކްޓް ކާރިސާގެ ސަރަހައްދުތަކުގެ ގޮތުގައި ކަނޑައަޅާފައިވާއިރު، މިއީ ފަހުގެ ތާރީހެއްގައި ބެންކޮކަށް މިހާ ބޮޑަށް ބުރުލެއް އެރި ފުރަތަމަ ފަހަރު ކަމަށް ބެލެވެއެވެ. ބައެއް ސަރަހައްދުތަކުގައި އުނަގަނޑާ ހަމައަށް ފެންބޮޑުވެ، ކާރުތައްވެސް ފެނު އަޑިއަށް ގޮސްފައިވެއެވެ.

"ވަން" އަށް ދެއްވި އިންޓަވިއުއެއްގައި ފުއާދު ވިދާޅުވީ، "ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން ބައެއް މީހުންނަށް މޫވް ނުކުރެވިގެން، އެއް ތަނުން އަނެއްތަނަށް ނުދެވި ތާށިވެގެން ރިޕޯޓުތަކެއް ކޮށްފައި އެބަހުރި" ކަމަށެވެ.
ފުރާނައަށާއި މުދަލަށް ގެއްލުންވުމުގެ ފުރުސަތު އޮތްކަން ފާހަގަކުރައްވައި، ކޯރުތަކާ ކައިރީ ސަރަހައްދުތައް އެންމެ ބޮޑަށް އަސަރުކުރާނެ ކަމަށް ގަވަރުނަރު ވިދާޅުވިއެވެ. ފެން ހިންދުމުގެ މަސައްކަތް ސިޓީ ކައުންސިލުން ކުރަމުންދިޔަ ނަމަވެސް، ވާރޭ ވެހޭ މިންވަރު އިތުރުވުމުން އެކަމަށް ދަތިވެފައިވެއެވެ. އެގައުމުގެ އަސްކަރިއްޔާއިން ވަނީ ވަގުތީ ހިޔާތަކާއި ކާބޯތަކެތި ފޯރުކޮށްދިނުމުގެ މަސައްކަތް ފުޅާ ދާއިރާއެއްގައި ފަށައި، ސްކޫލުތައް ވަގުތީ ހިޔާތަކަށް ބަދަލުކޮށްފައެވެ.
މައި އެއާޕޯޓު ސުވަރްނަބޫމީގެ އޮޕަރޭޝަންތައް އާންމު އުސޫލުން ކުރިއަށްދާ ނަމަވެސް، ފެންބޮޑުވުމުގެ ސަބަބުން އެއާޕޯޓަށް ދިއުމަށް އިތުރު ވަގުތު ހޭދަވެދާނެ ކަމަށް ބަލައި ދަތުރު ރޭވުމަށް ޓޫރިޒަމް އޮތޯރިޓީން ވަނީ އިރުޝާދު ދީފައެވެ. ކުރިއަށް އޮތް ހަފުތާބަންދުގައިވެސް ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭތިވެ، ކަމާބެހޭ އިދާރާތަކުން ދަނީ ތައްޔާރީތައް ވަމުންނެވެ.





