ދަބަހުގައި ބޮމެއް އޮތް ކަމަށް ބުނެ ސަމާސާކުރި މިސްރުގެ މީހަކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އިއްޔެ ހައްޔަރުކޮށްފިއެވެ.
ހައްޔަރުކުރީ ޕީޓާ ސަމާން މަރުޒޫކް ސަމާން ކިޔާ އުމުރުން 38 އަހަރުގެ މީހެކެވެ. އެއާޕޯޓްގެ ޑިޕާޗާ ސްކްރީން ސަރަހައްދުގައި، އޭނާގެ ދައްތަގެ ދަބަސް ޗެކްކުރަމުންދިޔަ ވަގުތު، ދަބަހުގައި ބޮމެއް އޮތް ކަމަށް ބުނުމުން ފުލުހުން ގެނެސް ދަބަސް ބެލި ނަމަވެސް، އެފަދަ އެއްޗެއް ފެނިފައެއް ނުވެއެވެ.
އެއާޕޯޓުގައި މިފަދަ ބިރުވެރި ވާހަކަ ދެއްކުމަކީ ގާނޫނީ ކުށަކަށްވާތީ، މިސްރު މީހާ ވަގުތުން ހައްޔަރުކުރިއެވެ. އެއީ މަޖަލަކަށް ދެއްކި ވާހަކައެއް ކަމަށް ބުނެ، ހައްޔަރުކުރި ވަގުތާއި ކޯޓަށް ހާޒިރުކުރި ވަގުތުވެސް އޭނާ މާފަށް އެދުނެވެ. ނަމަވެސް، ބިރުދެއްކުމާއި ދޮގު ހަބަރު ދިނުމުގެ ތުހުމަތުގައި ފަސް ދުވަހަށް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން ވަނީ ނިންމައިފައެވެ.





