ސްޓެލްކޯ ފުރަގަހުން ބޮޑުތަކުރުފާނު މަގުގައި ހުންނަ ބަސް ސްޓޮޕުގައި ބަހައްޓާފައި ހުރި ދެ ޓީވީގެ ތެރެއިން އެއް ޓީވީ ގެންދިޔަ މީހަކު ހޯދަން ފުލުހުން ވީޑިއޯއެއް އާއްމުކޮށްފިއެވެ.
އެ ވީޑިއޯއިން ފެންނަނީ އެ ބަސް ސްޓޮޕްގައި މީހުންވެސް ތިއްބައި އެތަނުން އެއް ޓީވީ ނައްޓާލައިގެން އެ ޓީވީ ހިފައިގެން މީހަކު ދާ މަންޒަރެވެ.
އެ ވީޑިއޯ އާއްމުކުރުމަށްފަހު ފުލުހުން ބުނެފައިވަނީ، ވީޑިއޯ އިން ފެންނަ މީހާއަކީ ހޭންވޭރު ޕޮލިހުން ތަހުގީގު ކުރަމުންދާ، ވައްކަމުގެ މައްސަލައަކާ ގުޅިގެން ހޯދަން ބޭނުންވެ، އެމީހާއަކީ ކާކުކަން ދެނެގަނެވިފައިނުވާތީ ހޯދިފައިނުވާ މީހެއް ކަމަށެވެ.
ވީމާ، ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރު 9400053 އަށް ގުޅައި ހިއްސާކުރުމަށް އެދޭ ކަމަށްވެސް ބުނެފައިވެއެވެ.
މިފަދަ މީހުން ހޯދުމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް ފުލުހުން ވަނީ ޝުކުރުވެސް އަދާކޮށްފައެވެ.






