ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ހުއްދަ ހޯދުމަކާ ނުލައި ރަށްރަށުގެ ކައުންސިލްތަކުން ވަޒީފާތަކަށް މީހުން ނެގުމާއި ވަޒީފާއަށް އިއުލާނުކުރުން މަނާކުރުމާ ގުޅިގެން، އެމްޑީޕީގެ ކުރީގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދު ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.
އެލްޖީއޭގެ ސީއީއޯ މުޙައްމަދު ނިމާލް ސޮއި ކުރައްވައި ކައުންސިލްތަކުގެ ރައީސުންނަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައިވަނީ، މިއީ ސަރުކާރުގެ ޚަރަދު ކުޑަކުރުމުގެ ސިޔާސަތުގެ ދަށުން އަޅާފައިވާ ފިޔަވަޅެއް ކަމަށެވެ. އެގޮތުން، އެލްޖީއޭގެ ލިޔުމުން ހުއްދަ ނުލިބޭނަމަ އެއްވެސް މުވައްޒަފަކު ކައުންސިލްތަކުގެ ވަޒީފާއަށް ނެގުން ވަނީ މަނާކޮށްފައެވެ. މި ނިންމުމުގެ ތެރޭގައި ދައުލަތުގެ ބަޖެޓުންނާއި ކައުންސިލްގެ އަމިއްލަ ބަޖެޓުން ޚަރަދުކޮށްގެން އަލަށް އުފައްދާ ނުވަތަ ހުސްވާ ދާއިމީ މަޤާމުތަކުގެ އިތުރުން، ދުވަހު މުސާރައަށް މަސައްކަތްކުރާ މުވައްޒަފުންނާއި ކޮންޓްރެކްޓް އުސޫލުން ނަގާ މުވައްޒަފުން ވެސް ހިމެނެއެވެ.
މި ނިންމުމާ ގުޅިގެން މީސްމީޑިއާގައި ޝުޢޫރު ފާޅުކުރައްވަމުން ޢަބްދުﷲ ޝާހިދު ވިދާޅުވީ، ސިޔާސީ މަޤާމުތަކަށް އެތައް ހާސް ބަޔަކު ޢައްޔަންކޮށް މުޅި ދައުލަތް އިސްރާފުގެ މަގަށް ގެނައުމަށްފަހު، ރަށްރަށުގެ ކައުންސިލްތަކަށް ޒަރޫރީ މުވައްޒަފުން ނެގުން މަނާކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.
މީގެއިތުރުން، ޚަރަދު ކުޑަކުރަން ޖެހޭނީ ރައީސް އޮފީހާއި މިނިސްޓްރީތަކުގެ އިސްރާފު ކުޑަކޮށްގެން ކަމަށާއި، އެއީ ރަށްރަށުގެ ރައްޔިތުންނަށް ދޭން ހުރި ޚިދުމަތްތަކަށް އަސަރުކުރާ ގޮތަށް ކުރަންޖެހޭ ކަމެއް ނޫން ކަމަށްވެސް ޝާހިދު ފާހަގަކުރެއްވިއެވެ.
އެހެންކަމުން، އެލްޖީއޭގެ ހުއްދަ ލިބިގެން ނޫނީ ކައުންސިލްތަކަށް މުވައްޒަފުން ނުނެގޭ ގޮތަށް ނިންމި ނިންމުން ވަގުތުން އަނބުރާ ގެންދިއުމަށް ޝާހިދު ވަނީ މި ސަރުކާރަށް ގޮވާލައްވާފައެވެ.





