ބުރިޖު މަސައްކަތުގައި މިނިސްޓަރަކަށް ހުރުން ފިޔަވައި މުއިއްޒުގެ އިތުރު ހިއްސާއެއް ނޯންނާނެ: ޔާމީން

ބުރިޖު މަސައްކަތުގައި މިނިސްޓަރަކަށް ހުރުން ފިޔަވައި މުއިއްޒުގެ އިތުރު ހިއްސާއެއް ނޯންނާނެ: ޔާމީން

ސިނަމާލެ ބުރިޖުގެ މަސައްކަތް ކުރިއަށްދިޔައިރު، އޭރުގެ ހައުސިންގ މިނިސްޓަރަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހުންނެވުން ފިޔަވައި، އެ މަޝްރޫއުގައި އެމަނިކުފާނުގެ އެއްވެސް ކޮންޓްރިބިއުޝަނެއް ނުވަތަ ހިއްސާއެއް ނޯންނާނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) އިން ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ދެ ބުރިޖުގެ އިންޖިނޭރެކޭ ބުނެ ދެއްކޭނެ އެއްވެސް ވާހަކައެއް ނޯންނާނެ ކަމަށެވެ. އަދި ސިނަމާލެ ބުރިޖު އެޅުމުގެ ހުރިހާ މަޝްވަރާތަކެއް އޭރު ހިންގަމުން ގެންދިޔައީ ސީދާ ރައީސް އޮފީހުގައި، އެކަމަށް އެކުލަވާލެވުނު ކޮމިޓީގެ އިސް ބޭފުޅުންނާއެކު ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ޔާމީން ފާހަގަކުރެއްވި ގޮތުގައި މި ކަންކަމުގެ ހަގީގަތް އޮޅުވާލުމަށް މިހާރު ދަނީ މަސައްކަތްތަކެއް ކުރެވެމުންނެވެ. އެކަމަށް އިޝާރާތް ކުރައްވައި އެމަނިކުފާނު ވިދާޅުވީ، "ނަލަ ހެދިގެން ދެކޮޅަށް ދެކޮޅަށް ހިނގިދާނެ. އެނޫން ކަމެއް މިހާރު ކުރާން ވެސް ނެތީ،" ކަމަށެވެ.

ސިނަމާލެ ބުރިޖުގެ މަސައްކަތުގައި ރައީސް މުއިއްޒުގެ އިތުރު ހިއްސާއެއް ނެތް ކަމަށް ރައީސް ޔާމީން ވިދާޅުވެފައިވާއިރު، މިދިޔަ އެމްޑީޕީ ސަރުކާރުގައި ފެށި ތިލަމާލެ ބްރިޖުގެ މަޝްރޫއުގެ މަސައްކަތްތައްވެސް މިހާރުގެ ސަރުކާރުން އަންނަނީ ކުރިއަށް ގެންދަމުންނެވެ.

ތަރައްގީގެ މަޝްރޫއުތަކުގެ ވާހަކައަށްފަހު، ރާއްޖޭގެ ސިއްހީ ދާއިރާއާ ގުޅޭގޮތުން ވާހަކަދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ރާއްޖޭގައި މެޑިކަލް ދާއިރާއިން ކިޔަވައިދިނުމާއި ޑޮކްޓަރުން ތަމްރީނު ކުރުމުގެ މަސައްކަތް ފެށުނީ އެމަނިކުފާނުގެ ވެރިކަމުގައި ކަމަށެވެ. އަދި އޭގެ ނަތީޖާއެއްގެ ގޮތުން، އެ ދުވަސްވަރު ތަމްރީނުވާން ފެށި ބައެއް ދަރިވަރުން މިއަދު ގްރެޖުއޭޓްވެފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، މިހާރުގެ ސިއްހީ ނިޒާމުގެ ހާލަތާމެދު ކަންބޮޑުވުން ފާޅުކުރައްވަމުން ޔާމީން ވިދާޅުވީ، މިހާރު ސިއްހީ ދާއިރާގެ ކަންކަން ބޮއްސުންލައިގެން ގޮސް، ރާއްޖޭގެ ބައެއް ހޮސްޕިޓަލްތަކުން އާސަންދައިގެ ހިދުމަތްވެސް ދޫކޮށްލާފައިވާ ކަމަށެވެ. އަދި ގައުމުގެ ސިއްހީ ދާއިރާގެ ކަންކަން ރަނގަޅުވެގެންދާނެ ދުވަހަކަށް އަބަދުވެސް އިންތިޒާރު ކުރައްވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *