ކުރިއަށް އޮތް 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވާދަކުރައްވަން ގިނަ މެންބަރުންތަކެއް ގޮވާލުމާ ގުޅިގެން ވަޓްސްއެޕް ގްރޫޕަކުން ނުކުމެވަޑައިގެންނެވި ނަމަވެސް، ރައީސް ނަޝީދާއެކު ފެއްޓެވި 'ބޮޑު ބަދަލު' ގެ މަސައްކަތުގައި ސާބިތުވެ ދެމިހުންނަވާނެ ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ.
ވެރިކަމުގެ ނިޒާމަށާއި ގާނޫނުއަސާސީއަށް އިސްލާހުތަކެއް ގެނައުމަށް 'ބޮޑު ބަދަލު' ގެ ނަމުގައި ނަޝީދާއި ފައްޔާޒު ގުޅިވަޑައިގެން މަސައްކަތް ކުރައްވާތާ އަހަރަކަށްވުރެ ގިނަ ދުވަސް ވެފައިވާއިރު، އެ ހަރަކާތް އިއުލާނުކުރި ދުވަހު ނަޝީދު ވަނީ ރިޔާސީ ޓިކެޓަށް ފައްޔާޒު އެންޑޯސް ކުރައްވާފައެވެ. ނަމަވެސް ފަހުން ވަޓްސްއެޕް ގްރޫޕުގައި ނަޝީދު ރިޔާސީ ރޭހަށް ނެރުމުގެ އަޑުތައް ގަދަވުމާއެކު، އެ ގްރޫޕް އުފެއްދުމުގެ ބޭނުން ކެނޑި ޕާޓީގެ އެތެރޭގައި ބޭކާރު މައްސަލަތައް އުފެދޭ ކަމަށް ވިދާޅުވެ ފައްޔާޒު ވަނީ ގްރޫޕުން ވަކިވެވަޑައިގެންފައެވެ.
މި މައްސަލައިގައި މީޑިއާތަކުން ފެތުރި ޚަބަރުތަކާ ގުޅިގެން ރައްދު ދެއްވަމުން ފައްޔާޒު ވިދާޅުވީ، އޭނާ އެ ގްރޫޕުން ނުކުމެވަޑައިގަތީ މީގެ ތިން ހަފުތާ ކުރިން ކަމަށާއި އެއީ 'ބޮޑު ބަދަލު' އިސްނެންގެވުމާގުޅޭ ރަސްމީ ގްރޫޕެއް ނޫން ކަމަށެވެ. އަދި ނޫސްވެރިން އޭނާއާ ސުވާލުކުރި ނަމަ އެކަމުގެ ހަގީގަތް ސާފުކޮށްދެއްވީސް ކަމަށް ވެސް ފައްޔާޒު ފާހަގަ ކުރެއްވިއެވެ.
މީގެ އިތުރުން ފައްޔާޒު ވަނީ 'ބޮޑު ބަދަލު' މެނިފެސްޓޯއަށް ތާއީދުކުރާ އެމްޑީޕީގެ މެންބަރުންނަށާއި އާންމު ރައްޔިތުންނަށް ފުރިހަމަ ޔަގީންކަން ދެއްވާފައެވެ. "މާތް ﷲ ގެ އިރާދުފުޅާއެކު އަޅުގަނޑާއި ރައީސް މުޙައްމަދު ނަޝީދު އަދި އަޅުގަނޑުމެން ދެ ޓީމުގެ މަސައްކަތް ނިންމާލާނީ މި ރާއްޖެއަށް ގެންނަން ކޮންމެހެން ޖެހިފައިވާ ބޮޑު ބަދަލު ގެނައުމަށްފަހު،"ކަމަށް ފައްޔާޒު ވިދާޅުވިއެވެ.
އެމްޑީޕީގެ ގައުމީ ސެކްރެޓޭރިއަޓުގައި 'ބޮޑު ބަދަލު' އޮފީސް ގާއިމުކޮށް އަލްއުސްތާޒް ޙަސަން ލަތީފު ޑިރެކްޓާ ޖެނެރަލްގެ މަގާމަށް ހަމަޖައްސަވައި މަސައްކަތްތައް ކުރިއަށްދާއިރު، ރިޔާސީ ޕްރައިމަރީގައި ވާދަކުރަން ބޭނުންވާ ކޮންމެ ބޭފުޅަކަށް ވެސް އެ ފުރުސަތު ހުޅުވިފައި އޮންނާނެ ކަމަށް ފައްޔާޒު ވަނީ ތަކުރާރުކުރައްވާފައެވެ.





