ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންގެ މުސާރައާއި ސާވިސްޗާޖު ދިވެހި ރުފިޔާއަށް ބަދަލުކުރުމަށް މަޖުބޫރުވާ ގޮތަށް ސަރުކާރުން ކުރަމުންދާ އެންމެހައި މަސައްކަތްތައް ވަގުތުން ހުއްޓާލުމަށް ޓޫރިޒަމް އެމްޕްލޮއީސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް) އިން ގޮވާލައިފިއެވެ.
ފަތުރުވެރިކަމުގެ ދާއިރާގެ މަސައްކަތްތެރިންގެ ހައްގުތައް ހިމާޔަތްކުރުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ ޖަމިއްޔާ ކަމަށްވާ ޓީމް (TEAM) އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ރިސޯޓު މުވައްޒަފުންނަށް ޑޮލަރުން ލިބެމުންދާ މުސާރައާއި ސާވިސްޗާޖު ދިވެހި ރުފިޔާއިން ދޭން މަޖުބޫރުވާ ފަދަ ސިޔާސަތުތަކެއް ސަރުކާރުން އެކަށައެޅުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.
ޓީމުން ފާހަގަކުރި ގޮތުގައި، ރާއްޖޭގެ ބާޒާރުގައި ބޭރު ފައިސާގެ އަގު އިންތިހާއަށް އުފުލި، ދިރިއުޅުމުގެ ޚަރަދުތައް އިންތިހާއަށް ބޮޑުވަމުންދާ މި ދަނޑިވަޅުގައި، މުވައްޒަފުންގެ އާމްދަނީ ރުފިޔާއަށް ބަދަލުކޮށްފިނަމަ އެ ފަރާތްތަކަށް މާލީ ގޮތުން ބޮޑެތި ގެއްލުންތަކަކާ ކުރިމަތިލާން ޖެހޭނެއެވެ. އަދި މިއީ ފަތުރުވެރިކަމުގެ ސިނާއަތުގައި ދިވެހި ޒުވާނުން އަދާކުރާ ބުރަ މަސައްކަތުގެ އަގު ވައްޓާލުން ފަދަ ކަމެއް ކަމަށްވެސް އެ ޖަމިއްޔާއިން ސިފަކޮށްފައިވެއެވެ.
މީގެއިތުރުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އިގްތިސާދީ އިސްލާހީ ފިޔަވަޅުތައް އަޅުއްވަމުން ގެންދަވާއިރު، އެންމެ ބުރަކޮށް މަސައްކަތްކުރާ އާދައިގެ މުވައްޒަފުންގެ ހައްގުތަކަށް އުނިކަން އަންނަ ގޮތަށް ކަންކަން ނުނިންމުމަށް ޓީމުން ވަނީ އިލްތިމާސްކޮށްފައެވެ.
އެހެންކަމުން، ޓޫރިޒަމް ދާއިރާގެ މަސައްކަތްތެރިންގެ މަސްލަހަތު ރައްކާތެރިކޮށް، އެ މީހުންނަށް މިހާރުވެސް ލިބެމުންދާ ގޮތަށް ޑޮލަރުން މުސާރައާއި ސާވިސްޗާޖު ލިބޭނެ އިންތިޒާމު ދެމެހެއްޓުމަށާއި، މިކަމާ ގުޅޭގޮތުން އަޅަން އުޅޭ މަޖުބޫރު ފިޔަވަޅުތައް ވަގުތުން ހުއްޓާލުމަށް ޓޫރިޒަމް އެމްޕްލޮއީސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ވަނީ ސަރުކާރަށް ގޮވާލާފައެވެ.






