އެމަނިކުފާނަކީ އެއްވެސް އިރަކު ކޮރަޕްޓް ބޭފުޅެއް ނޫން ކަމަށާއި، އެކަމުގެ ހެއްކަކީ ނިމިދިޔަ އެމްޑީޕީގެ ސަރުކާރުގައި އެމަނިކުފާނު ވަޒީރުކަމާ ހަވާލުވެވަޑައިގެން ހުންނެވި ޚާރިޖިއްޔާގެ އޮޑިޓް ރިޕޯޓަށް ފަސް އަހަރުވެސް "އޭ" ރިޕޯޓު ލިބިފައިވުން ކަމަށް އެމްޑީޕީގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު މިއަދު ވިދާޅުވެއްޖެއެވެ.
ރާއްޖެ ޓީވީގެ "ފަށާއިރު" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޝާހިދު މިއަދު ވިދާޅުވީ، މުޅި ދުނިޔެއަށް ކުރިމަތިވި ކޮވިޑްގެ ދުވަސްވަރު މިނިސްޓްރީގެ ކަންކަން ކޮށްފައިވާ ގޮތުގެ މައްޗަށް ޚާއްސަކޮށްގެންވެސް އޮޑިޓް އޮފީހުން ޚާއްސަ އޮޑިޓެއް ކުރައްވާފައިވާ ކަމަށެވެ.
"ކޮވިޑާއި ގުޅިގެންވެސް ފޮރިން މިނިސްޓްރީގެ ޚާއްސަ އޮޑިޓެއް ހަދާފައިވޭ. އޮޑިޓުން ފާހަގަވެފަ އޮންނާ މިނިސްޓްރީގެ ހުރިހާ މަސައްކަތެއްވެސް ކުރިޔަށް ގެންގޮސްފައި އޮތީ ސައްތައިން ސައްތަ ރަގަޅަށް ކަަމަށް" ޝާހިދު ވިދާޅުވިއެވެ.
ޝާހިދު ވިދާޅުވީ، ރާއްޖޭގައި ހިނގައިދިޔަ އެންމެބޮޑު ޚިޔާނާތުގެ މައްސަލަ ކަމަށްވާ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ އެއްވެސް ހިސާބަކުންވެސް އެމަނިކުފާނުގެ މައްޗަށް ކުރެވޭ އެއްވެސް ތުހުމަތެއް ނޯންނާނެ ކަމަށެވެ.
"އެމްއެމްޕީއާރުސީގެ އެއްވެސް ތުހުމަތެއްގައި އަޅުގަޑުގެ ނަމެއް ނޯންނާނެ" ޝާހިދު ވިދާޅުވިއެވެ.
2028 ގެ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ޓިކެޓަށް ވާދަކުރައްވާ ޝާހިދު ވިދާޅުވީ ހިންގުމުގެ ދާއިރާއިން ލިބުނު އެންމެ ބޮޑު ތަޖުރިބާއަކީ އުސޫލުތަކުގެ ތެރެއިން ކަންކަން ކުރުމާއި، ސިސްޓަމްގެ ތެރެއިން ކަންކަމުގެ ހައްލު ހޯދުން ކަމަށެވެ.
"ހިންގުމުގެ ދާއިރާއިން އަޅުގަޑަށް ލިބުނު އެންމެ ބޮޑު ތަޖުރިބާއަކީ އުސޫލުތަކުގެ ތެރެއިން ކަންކަން ކުރާން ޖެހޭނެކަން، ސިސްޓަމްގެ ތެރެއިން ކަންކަމުގެ ހައްލު ހޯދާން ޖެހޭކަން" ޝާހިދު ވިދާޅުވިއެވެ.
ޝާހިދު ވިދާޅުވީ އަބަދުވެސް ކަންކަން ކުރައްވަނީ ހަމަޔާއި އިންސާފުގެ ތެރޭގައި ކަމަށެވެ.
"އަޅުގަޑަކީ ހަމަޔާއި އިންސާފުގެ ތެރޭގަ ހުންނަ މީހެއް. ހިތައް އަރާ ކޮންމެ ކަމެއް ކުރާ މީހެއް ނޫން. ދުލަށް އަންނަ ކޮންމެ ބަހެއް ވިސްނާ ނުލާ ދޫކޮށްލާ މީހެއް ނޫން" ޝާހިދު ވިދާޅުވިއެވެ.






