އެމްޑީޕީގެ ރައީސްކަމުގެ މަގާމުން އިސްތިއުފާ ދެއްވި ފަހުން ވޭތުވެދިޔަ 48 ގަޑިއިރުގެ ތެރޭގައި، އެމަނިކުފާނުގެ ރިޔާސީ ޕްރައިމަރީ ކެމްޕޭނަށް މުޅި ރާއްޖެއިން އެތައް ހާސް މެންބަރުންނެއް އަމަލީ ގޮތުން ގުޅިފައިވާ ކަމަށް ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ޝާހިދު މިހެން ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. އެމަނިކުފާނުގެ ޕޯސްޓުގައި ފާހަގަ ކުރައްވާފައިވާ ގޮތުގައި، ޕާޓީގެ ރައީސްކަމުގެ މަގާމުން އިސްތިއުފާ ދެއްވި ހިސާބުން ފެށިގެން މިވީ 48 ގަޑިއިރަކީ ވަރަށް ގިނަ ހަރަކާތްތަކާއި ކުރިއެރުންތައް ފެނިގެންދިޔަ މުހިންމު ވަގުތުކޮޅެކެވެ. އަދި ރިޔާސީ ޕްރައިމަރީއަށް އަމާޒުކޮށް ފައްޓަވާފައިވާ ކެމްޕޭނަށް ރާއްޖޭގެ އެކި ކަންކޮޅުތަކުން އެމްޑީޕީގެ ގިނަ އަދަދެއްގެ މެންބަރުންގެ ބޮޑު ތަރުހީބެއް ލިބެމުންދާ ކަމަށްވެސް ވިދާޅުވިއެވެ.
މީގެއިތުރުން، ކުރިއަށް އޮތް ޖީލުތަކަށްޓަކައި ދިވެހިރާއްޖެ އަލުން އާރާސްތުކޮށް، އިސްލާހުކޮށް، އަދި ބަދަލު ކޮށްދެއްވާނެ ކަމުގެ ޔަގީންކަންވެސް ޝާހިދު ވަނީ ދެއްވާފައެވެ.
ޝާހިދުގެ މި ޕޯސްޓު ނިންމަވާލައްވާފައިވަނީ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް އަމާޒުކުރައްވާ ބޭނުން ކުރައްވާ ހޭޝްޓެގް (#Shahid2028) ހިމަނުއްވަމުންނެވެ. އެމަނިކުފާނު މިހާރު ގެންދަވަނީ ކުރިއަށް އޮތް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކާމިޔާބު ކުރެއްވުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.






