ރައްޔިތުންގެ މުސާރަތަކަށް އެއްވެސް ކުރިއެރުމެއް ނާންނަ ކަމަށާއި، އިތުރު އާމްދަނީއެއް ހޯދޭނެ ފުރުސަތެއް ނެތް ކަމަށާއި، މި ސަރުކާރުން ބޮޑުކުރީ ހަމައެކަނި ތަކެތީގެ އަގު ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ރޭ އޮތް އެމްޑީޕީގެ "ދަތިވެއްޖެ" މުޒާހަރާގައި ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވީ، ބޯކޮށް ވާރޭވެހެމުން ދިޔަ ނަމަވެސް، ދިވެހިރާއްޖެ ދަތިވެއްޖެ ކަމަށް ރައްޔިތުން ދެކޭ މިންވަރު ދައްކުވައިދިނުމަށް އެމްޑީޕީގެ ހިތްވަރުގަދަ ސަޕޯޓަރުން ނިކުމެ ތިބި ކަމަށެވެ. އަދި ރައްޔިތުން އުންމީދު ކުރި ފެހި ސިގްނަލްތައް މިހާރު ރަތްވެފައިވާ ކަމަށާއި، ވެރިކަމަށް ވަޑައިގަތުމަށް ދެއްކެވި ހުވަފެންތައް ބިލާހަކަށްވެ ނިމިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ ކުރިން 100 ރުފިޔާއަށް ލިބުނު ތަކެތި، މިހާރު 122 ރުފިޔާއަށް ލިބޭކަން ފާހަގަކުރައްވައި ޝާހިދު ވިދާޅުވީ، ރައްޔިތުންގެ މުސާރައަށް ބަދަލެއް ނާންނަ ނަމަވެސް، ތަކެތީގެ އަގުތައް އިންތިހާއަށް މައްޗަށް ގޮސްފައިވާ ކަމަށެވެ.
"މުސާރަތަކަށް ބަދަލެއް ނާދޭ، އެއްވެސް އިތުރު އާމްދަނީއެއް ލިބޭނެ ގޮތެއް ނެތް. ހަމައެކަނި ތަކެތީގެ އަގު މައްޗަށް ގެންދިޔައީ. ތަކެތީގެ އަގު މައްޗަށް ދިޔައިމާ ރައްޔިތުން މި ބުނަނީ ދަތިވެއްޖެއޭ،" ޝާހިދު ވިދާޅުވިއެވެ.
ފާއިތުވި 13 އަހަރުގެ ތެރެއިން، އިންފްލޭޝަން އެންމެ މައްޗަށް ދިޔައީ މި ސަރުކާރު ދަށުން 2025 ވަނަ އަހަރު ކަމަށްވެސް ޝާހިދު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ފާއިތުވި ހަފްތާ ތެރޭގައި އެކަނިވެސް ގިނަ ބަޔަކު ވަޒީފާއިން ވަކިކޮށްފައިވާއިރު، ސިޔާސީ މަގާމުތަކަށް، އޭގެ ތެރޭގައި ޑެޕިއުޓީ މިނިސްޓަރުންނާއި ސްޓޭޓް މިނިސްޓަރުން ހިމެނޭ ގޮތަށް، އެތައް ސަތޭކަ ބަޔަކު ޢައްޔަނު ކޮށްފައިވާ ކަމަށް ޝާހިދު ވިދާޅުވިއެވެ.
ސަރުކާރު މިހާރުވެސް ބަލިކަށިވެފައިވާ ކަމަށާއި، ރައްޔިތުން އެދޭ ވަރުގަދަ ސަރުކާރެއް ގެނެސް، މި ސަރުކާރު ބަދަލު ކުރައްވާނެ ކަމުގެ ޔަގީންކަން ޝާހިދު ދެއްވިއެވެ.






