ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އެމަނިކުފާނު ޖަލަށް ލައްވާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީން މިހެން ވިދާޅުވީ، އެމަނިކުފާނު އިސްވެ ހުންނަވައިގެން އުފައްދާފައިވާ ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) އިން ރޭ ބޭއްވި ސިލްސިލާ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރޭގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، އެމަނިކުފާނު ޖަލަށްލައި، ޖަލުގައި ގެންގުޅުއްވީ ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ކަމަށެވެ. އަދި ރައީސް ޞާލިޙް އެގޮތަށް ކަންކުރެއްވީ، ޔާމީން ޖަލަށް ލައިފި ނަމަ، ވެރިކަން ދިފާއުކުރެވޭނެ ކަމަށް އެމަނިކުފާނުގެ އަރިހުގައި ސިހުރުވެރި ކަހީނަކު ބުނުމުން، ދެވަނަ ދައުރެއް ކާމިޔާބު ކުރުމުގެ ބޭނުމުގައި ކަމަށްވެސް ޔާމީން ވިދާޅުވިއެވެ.
ނަމަވެސް، ރައީސް ޑރ. މުއިއްޒުގެ ވެރިކަމުގައި އެމަނިކުފާނު ޖަލަށް ލާފާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ޔާމީން ތަކުރާރުކޮށް ވިދާޅުވިއެވެ.
"އަޅުގަނޑެއް ގަބޫލެއް ނުކުރާނަން މުއިއްޒު އަނިޔާވެރި ވިޔަސް، އެވަރު ކަމެއް ކޮށްފާނެ ކަމަކަށް،" ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމީން އިތުރަށް ވިދާޅުވީ، މި ސަރުކާރުގެ ތެރޭގައި ރައީސް މުއިއްޒާ ދެކޮޅު ބޭފުޅުންނާއި، އެމަނިކުފާނާ ހިތްހަމަނުޖެހޭ މީހުން ތިބި ނަމަވެސް، ޔާމީން ޖަލަށްލައިގެން ކަންކަން ދެކޮޅު ނުޖެއްސޭނެކަން ރައީސް މުއިއްޒަށް އެނގިވަޑައިގަންނަވާނެ ކަމަށެވެ.
"އެހެންވީމަ އަޅުގަނޑެއް ގަބޫލެއް ނުކުރާނަން މުއިއްޒުގެ ވިސްނުން ހުރެދާނެ ކަމަކަށް އަޅުގަނޑު ޖަލުގައި ގެންގުޅޭކަށް،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ޔާމީން މިހެން ވިދާޅުވިއިރު، 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އެމަނިކުފާނަށް ވާދަކުރުމުގެ ފުރުސަތު ނުދިނުމަށްޓަކައި، ފަނޑިޔާރުންނަށް ރިޝްވަތުދީ ޕީޕީއެމްގެ ތެރެއިން ކަންކަން ރޭވި ކަމުގެ ތުހުމަތު، ރައީސް މުއިއްޒާއި އެމަނިކުފާނުގެ އަރިސް ބޭފުޅުންގެ މައްޗަށް މީގެ ކުރިން ޔާމީން ވަނީ ކުރައްވާފައެވެ.






